އެމެރިކާގެ ގަލްފް މަރުކަޒުތަކަށް ދެން ރައްކާތެރިކަމެއްނެތް: ޚާމަނާއީ

މެދުއިރުމަތީގެ ގަލްފް ސަރަހައްދުގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދެން އެއްވެސް ރައްކާތެރިކަމެއް ނޯންނާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ (ސުޕްރީމް ލީޑަރު) މުޖްތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުން އާންމުކުރި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި ސަރަހައްދުގެ ގައުމުތަކާއި ބިންތައް ދެން އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އައްޑަނައަކަށް ނުވާނެ ކަމަށެވެ. އަދި ފިތުނަ އުފެއްދުމާއި އަސްކަރީ ބާރުވެރިކަން ދެއްކުމަށް އެމެރިކާއަށް ދެން މި ސަރަހައްދުން އަމާންވެއްޓެއް ނުލިބޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން، އިސްރާއީލަކީ ނިކަމެތިވެފައިވާ ޔަހޫދީ ރެޖީމެއްގެ ގޮތުގައި ސިފަކޮށް، އެ ގައުމު ބަރުބާދުވެ ނެތިދިއުމުގެ ފަހު މަރުހަލާއާ ގާތްވެފައިވާ ކަމަށް ޚާމަނާއީ ވިދާޅުވިއެވެ. މިކަމާ ގުޅުވައިގެން އެމަނިކުފާނު ވަނީ މީގެ ދިހަވަރަކަށް އަހަރު ކުރިން ބައްޕާފުޅު އަދި ކުރީގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ ވިދާޅުވެފައިވާ ވާހަކައަކަށް ރިއާޔަތްކުރައްވާފައެވެ. އެއީ ކުރިއަށް އޮތް 15 އަހަރުގެ ތެރޭގައި އިސްރާއީލު ދުނިޔޭގެ ޗާޓުން ފޮހެވިގެންދާނެ ކަމަށް ވިދާޅުވެފައިވާ ބުނުމެކެވެ.
މި ބަޔާނުގައި ލުބުނާނުގެ ހިޒްބުالله ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައިވެއެވެ. ޚާމަނާއީ ވިދާޅުވި ގޮތުގައި، އެމެރިކާއާއި އިސްރާއީލުގެ ހަތިޔާރު އެޅި ނުރައްކާތެރި ސިފައިންނާ ދެކޮޅަށް ހިޒްބުاللهގެ މުޖާހިދުން ދަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އަދި އީރާނުން ހިންގި "އޮޕަރޭޝަން ރޯރިންގް ލަޔަން" ގެ ސަބަބުން އިސްރާއީލު ނިކަމެތިވެގެންދިޔަ ކަމަށާއި، އެމެރިކާއިން އީރާނު ބޯލަނބުވަން ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚާމަނާއީ ވަނީ އިސްލާމީ ހުރިހާ ގައުމުތަކަކާއި ސަރުކާރުތަކަކުން އެކުވެރިކަން ގާއިމުކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރެއިން އެމެރިކާއާއި އިސްރާއީލާ ދެކޮޅުހެދުން ދެގުނައަށް އިތުރުކުރަންޖެހޭ ކަމަށާއި، "އެމެރިކާ ހަލާކުވެދިއުމަށާއި" އަދި "އިސްރާއީލު ސުންނާފަތިވުމަށް" ގޮވާލާ ގޮވުންތަކަކީ މުޅި އިސްލާމީ އުންމަތާއި ދުނިޔޭގެ އަނިޔާލިބެމުންދާ ނިކަމެތި ޒުވާނުންގެ މެދުގައި އާންމު ޝިއާރަކަށް ހަދަންޖެހޭ ކަމަށްވެސް ޚާމަނާއީ ވިދާޅުވިއެވެ. .
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ