ލ. ގަމުގައި ކަރަންޓު ޖެހި ކުއްޖަކަށް ސީރިއަސް އަނިޔާތަކެއްވެ އިތުރު ފަރުވާއަށް މާލެއަށް
ލ. ގަމުގައި ކަރަންޓު ޖެހިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަ ފިރިހެން ކުއްޖަކަށް އިތުރު ފަރުވާ ދިނުމަށް ޓަކައި މިއަދު މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި، އީދަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުއްޖާގެ ގައިގައި ކަރަންޓު ޖެހުނީ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ނަގަން އުޅުމުގެ ތެރޭގައެވެ. ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށިއެވެ. ނަމަވެސް ކުއްޖާގެ ހާލު ސީރިއަސްވުމާ ގުޅިގެން، އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިއަދު ވަނީ މާލެއަށް ފޮނުވާލައިފައި ކަމަށް މައުލޫމާތު ލިބެއެވެ. މިކަމާ ގުޅޭގޮތުން "ސަން" އަށް މަޢުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ، އެ ކުއްޖާ ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ކުއްޖާ ހޮސްޕިޓަލަށް ގެނައުމާއެކު، ލަސްކުރުމެއް ނެތި ފަރުވާގެ ކަންކަން ވަގުތުން ފެށުމަށް ޓަކައި ހޮސްޕިޓަލުގެ ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ