އުރްބާނީ ބޭނުމީ ރާއްޖެ މިހާރު އޮތް "ހަގީގީ ލެވަލް" އެނގިގެން ކުރިއަށްދާން

ދިވެހި ފުޓްބޯޅަ އަށް ތިން ވަނަ ފަހަރަށް ހިދުމަތްކޮށްދޭން، ހަންގޭރީގެ އިސްތަވާން އުރްބާނީ އަށް ފުރުސަތު ލިބުމާ އެކު، ރާއްޖޭގެ ފުޓްބޯޅައިގައި އޭނާ ކުރަން ގިނަ މަސައްކަތްތަކެއް ހުންނާނެކަން ޔަގީންވި އެވެ. އަދި، އޭނާ އަށް މި ފުރުސަތު މި ލިބުނީ މީގެ ކުރިން، ރާއްޖޭގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާތީ ކަމަށާއި، ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުން ދިން އެ އިތުބާރު ނަގަހައްޓަން ކުރިއަށް ވުރެން އިތުރަށް ހިތްވަރުލާން ޖެހޭނެކަން ވެސް އޭނާ އަށް އެނގެ އެވެ. 
ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމާއި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއާ އެކު ހަވާލުވެ، އުރުބާނީ މިހާތަނަށް އައިއިރު ވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
އެ ގޮތުން، ރާއްޖޭގައި ބޭއްވި ސާފްގެ 20 އަހަރުން ދަށުގެ މުބާރާތުގައި ޒުވާން ގައުމީ ޓީމަށް ކޯޗުކޮށްދިނުމާއި އޭޝިއަން ކަޕް ކޮލިފައިންގައި ސީނިއާ ގައުމީ ޓީމުން ޓިމޯ ލެސްޓޭއާ ކުޅުނު މެޗުގައި ޓީމަށް އިރުޝާދުދިނުން ހިމެނެ އެވެ. އަދި، ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް ފަރުދާގެ ފުރަގަހުގައި ވެސް އޭނާ އަންނަނީ ކުރަމުންނެވެ. 
ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަަހަރު ފުރުމުގެ މުނާސަބަތުގައި، ޖޫން 1-10 އަށް ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި އުރްބާނީ ވަނީ ފުޓްބޯޅައިގެ މުހިންމު ކަންކަމަށް އަލިއަޅުވާލައިފަ އެވެ. 
އުމުރުން 59 އަހަރުގެ އުރްބާނީ ބުނީ، ޑައިމަންޑް ޖުބިލީ އިންޓަނޭޝަަލް މުބާރާތް މުހިންމުވަނީ ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރުމަށް އެކަނި ނޫން ކަމަށާއި މި މުބާރާތުގެ އަލީގައި ރަނގަޅު އިންޓަނޭޝަނަލް މެޗުތަކެއް ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ލިބޭތީ ވެސް މުހިންމުކަން ބޮޑު ކަމަށެެވެ. 
"އަފްގާނިސްތާން، ޕާކިސްތާން އަދި ބަންގްލަދޭޝް، މި ހުރިހާ ޓީމަކުން ވެސް ތަފާތު ޗެލެންޖުތަކެއް ކުރިމަތިކުރާނެ. އިންޓެންސިޓީ ވެސް ތަޖުރިބާގެ ލެވަލް ވެސް ތަފާތުވާނެ،" އުރްބާނީ ބުންޏެވެ. 
"އަަހަރެމެންނަށް މި މުބާރާތަކީ ހަމައެކަނި ނަތީޖާ އަށް ބަލާނެ މުބާރާތެއް ނޫން. މިއީ، އަހަރެމެންގެ ހަގީގީ ލެވަލް ދެނެގަނެ ކުރިއަށްދާން ލިބޭ ފުރުސަތެއް،" 
އުރްބާނީ އެންމެ ފުރަތަމަ ފަހަރު ރާއްޖޭގެ ކޯޗަކަށް ގެނައީ، 2009 ވަނަ އަހަރު އެވެ. އެ ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖެ ވަނީ ކުޅެފަ އެވެ. ރާއްޖެ ޕާސިން ފުޓްބޯޅަ ކުޅޭ ޓީމަކަށް ކުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލި ކޯޗު އުރްބާނީ ވަނީ، 2010 ވަނަ އަހަރު ކޮންޓްރެކްޓް ހަމަވުމާ ހަމައަށް ރާއްޖެ އަށް ކޯޗުކޮށްދީފަ އެވެ.
ރާއްޖޭގެ އުމުރުފުރާ ގައުމީ ޓީމަކުން ހޯދި ފުރަތަމަ ތަށި، ސްރީ ލަންކާގައި 2012 ވަނަ އަހަރު ބޭއްވި މަހިންދުރަ ރާޖަ ޕަކްސަ ކަޕް (23 އަހަރުން ދަށުގެ މުބާރާތް) ރާއްޖޭން ކާމިޔާބުކުރީ އުރްބާނީގެ ކޯޗުކަމުގަ އެވެ. އެއީ، 2011 އިން 2013 އަށް ގައުމީ ކޯޗަކަށް އުރްބާނީ ދެ ވަނަ ފަހަރު ރާއްޖޭގައި މަސައްކަތް ކުރި އެވެ.
މީގެ 17 އަހަރު  ކުރިން އެންމެ ފުރަތަމަ ފަހަރަށް ރާއްޖެ އައުމާ އެކު ވެސް އެނގިގެންދިޔަ އެއް ކަމަކީ، ރާއްޖޭގެ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް އެކަށީގެންވާ އަދަދަކަށް މެޗު ކުޅެން ހޯދުމުގެ މުހިންމުކަން ކަމަށެވެ. އެ ގޮތުން، މިހާރު ވެސް، އޭނާއާ އެކު ކުރިން މަސައްކަތްކުރި ގިނަ ކުޅުންތެރިން ފާހަގަކުރާ އެއް ކަމަކީ، 2009 ވަނަ އަހަރު، އޭނާގެ އިރުޝާދުގެ ދަށުން ބަހުރޭނުގައި ކުރިއަށްގެންދިޔަ ޓްރެއިނިން ކޭމްޕްގެ ވާހަކަތައް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 
ބަހުރޭނުގައި ތިން ހަފްތާގެ ޓްރެއިނިން ކޭމްޕެއް ބޭއްވިއިރު، ކޮންމެ ދުވަހަކު ދޭއް ނޫނީ ތިން ޓްރެއިނިން ސެޝަން ބޭއްވި ކަމަށާއި ބަހުރޭނުގެ ވަރުގަދަ ކްލަބްތަކާ ދެކޮޅަށް ހަ މެޗެއް ކުޅުުނުކަން އުރްބާނީ ފާހަގަކުރި އެވެ. 
"ޓީމުގެ އެއް ކުޅުންތެރިއަކު ބުނި ފުރަތަމަ ހަފްތާގެ ކޮންމެ ދުވަހަކު ރުއިކަމަށް އެނބުރި ގައުމަށް އަންނަން ވެގެން. ބަހުރޭނުގެ ކްލަބްތަކާ ދެކޮޅަށް ކުޅުނު ހަ މެޗުން ވެސް އަހަރެމެން ބަލިވީ، ބައެއް ފަހަރު ގިނަ ގޯލުތަކެއް ކޮޅަށް ވަދެގެން،"  އުރްބާނީ ބުންޏެވެ. 
"އެކަމަކު، އަހަރެމެން އެނބުރި އައިއިރު، ޓެކްޓިކަލީ، ޕިޒިކަލީ، މެންޓަލީ، ދެން ކުޅެން ޖެހޭ ގޮތް ދެނެގަތުން ވަރަށް ރަނގަޅު. އެއީ ހަގީގަތުގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަކީ. ކުރިއެރުން އަންނާނީ ރަނގަޅަށް ދެމެހެއްޓެނިވި ގޮތެއްގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރަނގަޅު ވާދަވެރި ފުޓްބޯޅައިގެ މާހައުލުތަކުގައި މަސައްކަތްކޮށްގެން،" އުރްބާނީ ބުންޏެވެ. 
ޑައިމަންޑް ޖުބިލީ މުބާރާތުގެ ކުރިން ބޭރު ގައުމެއްގައި ޓްރެއިނިން ކޭމްޕެއް ނުލިބުމަކީ ތައްޔާރީތަކަށް އޭގެ ސަބަބުން އަސަރުކުރާނެ ކަމެއްތޯ ސުވާލުކުރުމުން، އުރްބާނީ ބުނީ، ހަގީގަތަކީ، މި ކަހަލަ މުބާރާތެއްގެ ކުރިން، ދިގު ކޭމްޕަކާ އެކު، އިންޓަނޭޝަނަލް ރަނގަޅު މެޗުތަކެއް ލިބުން މުހިންމު ކަމަށެެވެ.
އެކަމަކު، މި ފަހަރު ވަގުތާއި ހާލަތު އޮތް ގޮތުން އެކަން ކުރެވެން ނެތް ކަމަށާއި އެހެން ނަމަވެސް ލިބުނު ވަގުތުގެ ބޭނުން، ވީ އެންމެ ރަނގަޅަށް ހިފަން މަސައްކަތްކުރިކަން އުރްބާނީ ވަނީ ފާހަގަކޮށްފަ އެވެ. 
ފުޓްބޯޅަ ޑިވެލޮޕްކުރުމުގެ މަސައްކަތަކީ، ބައިނަލްއަގުވާމީ ލެވަލްގައި ލިބޭ ފުރުސަތުތައް އިތުރުކޮށް ކަންކަން ދެނެގަންނަން  ކުރާ މަސައްކަތް ވަރަށް ރަނގަޅަށް ތަޖުރިބާ ކޮށްދޭން ޖެހޭ ކަމެއް ކަމަށް ވެސް އުރްބާނީ ބުނެފައިވެ އެވެ. 
"ކުޅުންތެރިން ޖެހޭނެ ގަވާއިދުން ހައި އިންޓެންސިޓީގައި އަވަހަށް ޑިސިޝަން ނަގައި ރަނގަޅު ޓެކްޓިކަލް ޑިސިޕްލިން އެއް ހިފެހެއްޓުމުގެ ތަޖުރިބާގައި ކުރިއަށްދާން،" އުރްބާނީ ބުންޏެވެ. 
މުބާރާތަށް ތައްޔާރުވާން ލިބުނު މުއްދަތުގައި، ފުޓްބޯޅައިގެ އެކި ވިސްނުންތަކަށް ހާނުވައި، ޗެލެންޖުތައް ކުރިމަތިވާނެ ކަންކަން ދެނެގަނެ މަސައްކަތްކުރަން އިސްކަންދިން ކަަމަށް ވެސް އުރްބާނީ ވަނީ ބުނެފަ އެވެ. އަދި، އަވަސް އަރުވާލައިގެން ބައެއް ކަންތައްތައް ހާސިލްކުރަން އުޅުމުގެ ބަދަލުގައި، ކުޑަކޮށް ފަހަތަށް ޖެހިލައި،  މިހާރުގެ ހާލަށް ވެސް ވިސްނައިގެން ކަންކަން ރޭވުމަށް ފަހު، ބޭނުންވާ ލެވަލަށް ކުޅުންތެރިންގެ ކަންކަން އައުމުން، ދެން، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންވާ ގޮތަށް ކުރިއަށްގެންދެވޭނެ ކަމަށް އުރްބާނީ ގަބޫލުކުރެ އެެވެ. 
"ޔަގީންކަމެއް، މި މުބާރާތް (ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް) އަހަރެމެންނަށް ފަސޭހައެއް ނުވާނެ،" އުރްބާނީ ބުންޏެވެ. 
މީގެ ކުރިން ވެސް ރާއްޖޭގައި މަސައްކަތްކުރިއިރު، ފުޓްބޯޅަ ކުޅޭ ސްޓައިލް ބަދަލުކުރީ ވަރަށް ކެތްތެރިކަމާ އެކު ކުރެވުނު މަސައްކަތަކުން ކަމަށާއި ކަންކަން ބަދަލުކުރަން ރަނގަޅު ވަގުތު އަންނަން ދެން މަޑުކުރަން ޖެހުނު ކަމަށް ވެސް އުރްބާނީ ވަނީ ބުނެފަ އެވެ.
ރަނގަޅު ފުޓްބޯޅައެއް ކުޅޭ ޓީމެއް ބިނާކުރުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި ވާދަވެރި މާހައުލެއްގައި ކުޅުންތެރިންނަށް ގިނަ މެޗުތަކެއް ކުޅެން ލިބުން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އުރްބާނީގެ ވާހަކައިގައި ތަކުރާރުކޮށް ފާހަގަކުރި އެވެ. 
އުރްބާނީ ބުނީ ދިވެހި ސަޕޯޓަރުންނަކީ ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ބައެއްކަން އެނގޭ ކަަމަށާއި އަމިއްލަ ގައުމުގައި ކުޅޭ މުބާރާތްތަކުގައި އެކަން ވަރަށް ރަނގަޅަށް ފެނިގެންދާ ކަމަށެވެ. އަދި، ދިވެހި ސަޕޯޓަރުންގެ "ޕެޝަން" އާއި މިހާރު ފުޓްބޯޅައިގެ ހާލަތު އޮތް ގޮތް، "ރިއަލިޓީ" އާ ވެސް ދިމާވާންޖެހޭނެ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 
އެންމެން ވެސް ބޭނުންވަނީ ވީ އެންމެ އަވަހަށް ކާމިޔާބު ހޯދަން ކަމަށާއި އެކަމަކު ގަބޫލުކުރަން ޖެހޭނެ ކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް ގެނައުމަކީ ދިގު މުއްދަތެއް ނަގައިގެން ކުރެވޭ މަސައްކަތަކުން އަންނަ ކަމެއްކަން އުރްބާނީ ވަނީ ހަނދާންކޮށްދީފަ އެވެ. އަދި، މި ފަަދަ ކަންކަން ކުޅުންތެރިންނަށް ބުނެދޭން، އޭނާގެ އަމިއްލަ ތަޖުރިބާތައް ކިޔައިދިނުމުން ކުޅުންތެރިން ދިން ޖަވާބެއް އުރްބާނީ ވަނީ ހިއްސާކޮށްފަ އެވެ. 
"ކުޅުންތެރިން ބުނީ، ކޯޗޭ މިތާގައި އަހަރުތަކެއް ފުޓްބޯޅަ ނުކުޅެ ވެސް ގޮސްފިއޭ،" އުރްބާނީ ބުންޏެވެ. 
"ފުޓްބޯޅަ ޑިވެލޮޕްމަންޓަށް ވަގުތު ބޭނުންވޭ، އޮނިގަނޑެއް ބޭނުންވޭ. ތަކުރާރުކޮށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަމާއި އިތުބާރު ވެސް އޮންނަން ޖެހޭ. މިއީ، ޝޯޓްކަޓެއް އޮތް ކަމެއް ނޫން،"
ތޭރަ އަހަރު ފަހުން ރާއްޖެ އަށް އެނބުރި އައިއިރު، މި ގައުމުގެ ގިނަ ކަންކަން ބަދަލުވެފައިވީ ނަމަވެސް ފުޓްބޯޅައާ ގުޅޭ މައިގަނޑު ކަންކަން ހުރީ ކުރިން ވެސް ހުރި ގޮތަށްކަން އުރްބާނީ ފާހަގަކުރި އެވެ.
އެ ގޮތުން، އަދިވެސް ގަލޮޅު ދަނޑުގައި އެކަނި ކުޅެން ޖެހުމާއި އިތުރު ޕްރެކްޓިހެއް ކުރަން އޮތް ހެންވޭރު ދަނޑު ވެސް އޮތްގޮތަށް އޮތުމެވެ. އަދި، އެންމެ ދެރަ ކަމެއްގެ ގޮތުގައި އުރްބާނީ ބުނީ މި ދަނޑުތަކުގެ ހާލަތު ގޯސްވެ، ހަލާކުވެފައިވާ ކަމަށެވެ. 
މިދިޔަ އަަހަރުތަކުގައި، ދިވެހި ފުޓްބޯޅަ އަށް އޮތް ޗެލެންޖު ބޮޑުވެގެންދިޔަކަން ވެސް އޭނާ ގާތުގައި މީހުން ބުނެފައިވާ ކަމަށާއި އެ އަށް ބާރު ލިބޭ ސަބަބަކީ، އެފްއޭއެމްގެ މަސައްކަތަށް ހާއްސަ އިމާރާތެއް ވެސް ނެތް ކަމަށާއި ސްޓާފުން ނަގައިގެން ފުޓްބޯޅައިގެ މަސައްކަތް ކުރަން ބަލާއިރު ވެސް ގޮންޖެހުން ހުރިކަން ކަމަށެވެ.
އުރްބާނީ ބުނީ، މި ހުރިހާ ޗެލެންޖެއްގެ ތެރެއިން ވެސް އޭނާ އަށް ފެންނަ ޕޮޒިޓިވް ކަންތައްތަކެއް އެބަހުރި ކަމަށެވެ. 
އެ ގޮތުން، ފުޓްބޯޅަ މުބާރާތްތައް އަލުން ފަށައިގެން ކުރިއަށްދިއުމާއި ކުޑަކުދިންގެ މުބާރާތްތައް ފޯރީގައި ކުރިއަށްދިއުމަކީ ރަނގަޅު ކަންތައްތައް ކަމަށެވެ. ފުޓްބޯޅަ އާއި ފުޓްސަލް ވެސް ތަރައްގީ ވަމުން އަންނައިރު، އެކަޑަމީތަކުން ވެސް އެކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ޑިވެލޮޕްމަންޓަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އަދި، ރަށްރަށަށް ކުރި ދަތުރުތަކުގައި، އެ ހިސާބުތަކުގައި ވެސް ފުޓްބޯޅަ އޮތްގޮތް ތަޖުރިބާ ކުރެވިފަައިވާ ކަމަށާއި، ކަންކަން ރަނގަޅަށް ދާނަަމަ އުންމީދު ކުރެވިދާނެ ގިނަ ކަމެއް ފެނިފައިވާ ކަމަށް އުރްބާނީ ވަނީ ފާހަގަކޮށްފަ އެވެ. 
"ރަށްރަށުގައި ކުރިއަށްދާ ފުޓްބޯޅަ ޕްރޮޖެކްޓްތައް ފެނިފައި ވެސް އަހަންނަށް ހައިރާންކަން ލިބުނު. އެކަމަކު، މި ހުރިހާ ކަމެއް މިހެން ހުރިއިރު، އަހަރެެމެން އެބަޖެހޭ. ކަންކަމަށް އެންމެ ފަހު ވަގުުތު ތައްޔާރުވުމުގެ ވިސްނުން ދޫކޮށް އޮގަނައިޒްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ދުރާލާ ރާވަން،" އުރްބާނީ ބުންޏެވެ. 
"އަހަރެމެންގެ ފުޓްބޯޅަ ޑިވެލޮޕްމަންޓް އޮންނަން ޖެހޭނީ އެއް މުބާރާތުން އަނެއް މުބާރާތަށް ގޮތަކަށް ނޫން. މި އަށް ބޭނުންވަނީ ވަރަށް ސާފުކޮށް ފެންނަން އޮތް އެޖެންޑާ އެއް. ރަނގަޅު ޕްލޭނެއް. ދެމެހެއްޓިނިވި ގޮތެއްގައި ހުރިހާ ލެވަލެއްގައި ދުުުރުރާސްތާ ވިސްނުމުގައި ހިނގާނެ ނިޒާމެއްގެ ތެރެއިން ކަންކަން ދިއުން،" 
އުރްބާނީ ބުނީ މާލެ ސަރަހައްދުގައި އާންމު ދިރިއުޅުމުގެ ކަންކަން މީގެ 13  އަހަރު ކުރިއަށް ވުރެން ގިނަ ކަންކަން ބަދަލުވެފައިވާ ކަމަށާއި ހުޅުމާލޭގެ ތަރައްގީ އަކީ އޭނާ އަށް ފެނުނު ގަޔާވާ ޕްރޮޖެކްޓެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ