އީދު ކުޅިވަރު އިންތިޒާމް ކުރާ ފަރާތްތަކަށް ހުތުބާގައި ގޮވާލީ، ﷲއަށް ބިރުވެތިވެ، ދީނުގެ ހުދޫދަށް ރުޖޫއަވާން

އީދު ކުޅިވަރުތައް އިންތިޒާމް ކުރާ ފަރާތްތަކުން މާތްﷲއަށް ބިރުވެތިވެ، އީދުގެ ހަރަކާތްތައް ދީނުގެ ހުދޫދުން ބޭރުނުކުރުމަށް ހުތުބާގައި މިއަދު ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހެނދުނު ކުރި އަޟްހާ އީދުގައި ރާއްޖޭގެ ހުރިހާ މިސްކިތްތަކުން އިއްވި ހުތުބާގެ މައުލޫއަކީ، އީދުގެ އަދަބުތަކެވެ.
ތަފްސީލު - ހުތުބާގައި ބުނީ އީދު ދުވަހަކީ، މުޅި އަހަރުގައިވެސް އަންނާނެ އެންމެ މާތް ދުވަސްކަމަށް ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ، މުސްލިމުން ކައިބޮއި އުފާ ފާޅުކޮށް، ކުޅިވަރު ކުޅުމަށް އޮތް ދުވަހެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. ނަމަވެސް އެ އުފާ ފާޅުކުރުން ކުރިއަށް ގެންދަންވާނީ ދީނުގެ ހުދޫދުގެ ތެރޭގައިކަން ހުތުބާގައި ގޮވާލި އެވެ.
"އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި މަލާމަތް ކުރުމާއި އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެދުން އެޅުމާއި ދެ ޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުމާއި މިކަންކަމުން ދުރުހެލިވާން ޖެހޭ،" ހުތުބާގައި ގޮވާލި އެވެ.
އެއާއެކު ހުތުބާގައި އީދު ކުޅިވަރުތައް އިންތިޒާމް ކުރާ ފަރާތްތަކަށް އިލްތިމާސެއް ކުރި އެވެ.
"އީދުގެ އެންމެހާ ހަރަކާތްތައް އިންތިޒާމް ކުރާ ފަރާތްތަކުން މާތްﷲއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތް ކަންކަމުން ދުރުހެލުވުމަކީ ވާޖިބެއްކަން ހަނދާން ކުރާށެވެ!" ހުތުބާގައި ބުންޏެވެ.
"އީދުގެ އުފާ ފާޅުކުރާއިރު، އިސްލާމީ ސަގާފަތާ ހިލާފު، އިސްލާމީ މިންގަނޑަށް ނުފެތޭ އެންމެހާ ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމެވެ."
ހުތުބާގައި ފާހަގަ ކުރި އެހެން ބައެއް ކަންކަން:
އީދަކީ މުޅި އިސްލާމީ އުންމަތް އެކަމުގެ އުފަލުގައި ބައިވެރިވާން ޖެހޭ މުނާސަބަތެއް؛ އެހެން ކަމުން ރާއްޖޭގައި އުޅޭ ބިދޭސީ މުސްލިމް މަސައްކަތްތެރިންވެސް މި އުފުލުގައި ބައިވެރި ކުރަން ވާނެ
މި ދުވަސް ފާހަގަ ކުރާއިރު އިސްލާމީ އުންމަތުގެ ބަޔަކު ނުހަނު ނިކަމެތި ހާލުގައި ތިބިކަން ހަނދާން ނައްތާލައިގެން ނުވާނެ؛ ނަސްލު ނައްތާލުމުގެ ބިރުވެރި ގަތުލްއާންމުތަކާއި ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތް އެތައް ހާސް މުސްލިމުންނެއް އެކި ކަންކޮޅުތަކުގައި އެބަތިބި. 
އެހެންކަމުން އެފަރާތްތައް މަތިން ހަނދާންކޮށް، އެމީހުންނަށް ހެޔޮ ދުއާ ކޮށްދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ