ސައޫދީ ކުޅުންތެރިޔާ އަށް އެމެރިކާ އަށް ނުދެވުނީ ޕާސްޕޯޓް ވަގަށް ނެގުމުން

ސައޫދީ އަރަބިއާގެ ކުޅުންތެރިޔާ ސައުދު އަބްދުލްހާމިދަށް ޓީމާއެކު އެމެރިކާ އަށް ނުދެވި ތާށިވީ އޭނާގެ ޕާސްޕޯޓް ނެދަލޭންޑްސްއިން ވަގަށް ނެގުމުން ކަމަށް ސައޫދީން ބުނެފި އެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާން ސައޫދީ އަރަބިއާގެ ޓީމު މިހާރު ވަނީ އެމެރިކާ އަށް ގޮސްފަ އެވެ. ނަމަވެސް ފްރާންސްގެ ލެންސަށް ކުޅޭ ކުޅުންތެރިޔާ އަށް ޓީމާ ގުޅެން ސައޫދީ އަރަބިއާގެ ވެރިރަށް ރިޔާދަށް ނުދެވުނީ ޕާސްޕޯޓް ނެތުމުންނެވެ. ސައޫދީ އަރަބިާގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މައްސަލަ ހައްލު ކުރުމަށް ނެދަލޭންޑްސްގައި ހުންނަ ސައޫދީ އެމްބަސީން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސައުދު ނެދަލޭންޑްސް އަށް ދިޔައީ އޭނާގެ ކައިވެނީގެ ހަފުލާ އަށް އާއިލާއާއެކުގަ އެވެ. މި ދަތުރުގައި އޭނާގެ އަމިއްލަ ޖެޓް ހަލާކުވެ ދަތުރު ކުރެވޭ ގޮތް ވެސް ވަނީ ނުވެފަ އެވެ. އަދި ޕާސްޕޯޓާއި އޭނާގެ ބައެއް ސާމާނު ވަގަށް ނެގީ ނެދަލޭންޑްސްގައި ހުއްޓަ އެވެ.
އޭނާ އަކީ ސައޫދީ އަރަބިއާގެ ކޯޗު ގްރީސްގެ ޑޯނިސް ނެގި 30 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އެމެރިކާ އަށް ސައޫދީ ޓީމު ދަތުރު ކުރީ ވޯލްޑް ކަޕަށް ތައްޔާރު ވުމަށް އެ ގައުމުގައި ތިން މެޗު ކުޅުމަށް ތައްޔާރުވެގެންނެވެ. އެއީ އިކުއެޑޯ އާއި ސެނެގާލް އާއި ކުލަބު ޓީމަކާއެކުގަ އެވެ.
ވޯލްޑް ކަޕުގައި ސައޫދީ އަރަބިއާ ހިމެނެނީ ސްޕޭނާއި އުރުގުއޭ އާއި ކޭޕްވާޑޭއާއެކު ގްރޫޕް އެޗްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ