އީދުގެ އަދަބުތައް ހަނދާންކޮށްދީ، އިސްލާމީ މިންގަނޑުތަކަށް ބޯލެނބުމަށް ހުތުބާގައި ގޮވާލައިފި

މިއަދު ފާހަގަކުރަމުންދާ ބަރަކާތްތެރި އަޟްހާ އީދު ދުވަހުގެ ހުތުބާގައި، އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ޝަރުއީ މިންގަނޑުތަކާއި ސަގާފަތާ ހިލާފު ނުވުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި އުޅެމުންދާ މުސްލިމް އަހުންނާއި އުހުތުންގެ މަތިން ހަނދާންކުރުމަށް ގޮވާލައްވައިފި އެވެ.
މިއަދުގެ ހުތުބާ ބިނާކޮށްފައިވަނީ "އީދުގެ އަދަބުތައް" މި މައުޟޫއުގެ މައްޗަށެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި، އީދު ދުވަހަކީ މުޅި އަހަރުތެރޭގައި އަންނާނެ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އަދި މި ދުވަސްތަކުގައި ގިނަގިނައިން ތަކުބީރު ކިޔުމަކީ ގަދަވެގެންވާ ސުންނަތެއްކަން ބަޔާންކުރައްވައި، އަރަފާތު ދުވަހުގެ ފަތިސް ނަމާދުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ތިންވަނަ ދުވަހުގެ އަސްރު ނަމާދާ ހަމައަށް ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި ތަކުބީރުކިޔުމަށް ހަނދާންކޮށްދެއްވި އެވެ.
އަޟްހާ އީދުގައި ކަތިލެވޭ އުޟުހިޔާއަކީ ކީރިތި ރަސޫލާ ވެސް އަމަލީ ގޮތުން ކުރެއްވި، އަދި އިބްރާހީމް އަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލު އަލައިހިއްސަލާމް ވެވަޑައިގަތް މަތިވެރި ގުރުބާނީގެ ހަނދާންތައް އާކޮށްދޭ އަޅުކަމެއްކަން ހުތުބާގައި ހާމަކުރި އެވެ.
އީދަކީ ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެއް ނަމަވެސް، އީދު ފާހަގަކުރުމުގެ ނަމުގައި ދީނާ ހިލާފު ކަންކަން ނުކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
"އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުމާއި، ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުމުން ދުރުހެލިވާންޖެހޭނެ،" ހުތުބާގައި ބުންޏެވެ.
އަދި އީދުގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ވެސް ހަނދާންކޮށްދީފައިވެ އެވެ. 
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުސްލިމުންނަށް އީދުގެ ތަހުނިޔާ ކިޔައި، އީދުގެ އުފަލުގައި އެ މީހުން ބައިވެރިކުރުމަށް ހުތުބާގައި ބާރުއަޅާފައިވެ އެވެ. ހަމައެއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަސްލު ނައްތައިލުމުގެ ބިރުވެރި ގަތުލުއާންމުތަކާއި، ހައިހޫނުކަމާއި، ހިޔާވަހިކަމެއް ނެތް ނިކަމެތި ހާލުގައި ތިބި މުސްލިމުންގެ މަތިން ހަނދާންކޮށް، އެ އަޚުންނަށް ނަސްރާއި ކާމިޔާބު ދެއްވުން އެދި ދުއާކުރުމަށް ގޮވައިލި އެވެ. ހުތުބާގައި ބުނީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުއާ ކަމަށެވެ.
އީދުގެ ބޮޑު ޖަމާއާތްތަކުން މަޙުޝަރުގެ މައިދާން ހަނދާނަށް ގެނައުމަށާއި އެކަކު އަނެކަކަށް މައާފުކޮށް ހިތްތައް ސާފުކުރުމަށް އިލްތިމާސްކުރި އެވެ. ބޮޑާކަމާއި، ކިބުރުވެރިކަމާއި، ހަސަދަވެރިކަން ހިތުން ފިލުވައިލުމަށާއި، ސަލާމަތް ހިތަކާއިގެން މާތް ﷲއާ ބައްދަލުކުރުމުގެ މުހިންމުކަން ހަނދާންކޮށްދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ