ބަރަކާތްތެރި އަޟްހާ އީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅު ކުރައްވަމުން ގެންދަވާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވެވަޑައިގަތުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސް މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
އިސްލާމީ އުއްމަތުގައި މިއަދު ފާހަގަކުރަމުންދާ ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތޯބުގައި، އަޟްހާ އީދު މިންވަރު ކުރެއްވިކަމަށްޓަކައި ﷲ ގެ ހަޟްރަތަށް ހަމްދާއި ޝުކުރު ދެންނެވުމަށް ފަހު، ރާއްޖޭގެ ރައްޔިތުންނަށާއި، މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ވަޑައިގެންނެވި ހައްޖުވެރިންނަށް އީދުގެ ތަހުނިޔާ ރައްދުކުރެއްވި އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށާއި މުޅި އިސްލާމީ އުންމަތަށްވެސް އެމަނިކުފާނު އީދުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ.
މުއިއްޒު ވިދާޅުވީ، އީދުގެ ހަގީގީ ޖައުހަރަކީ ތަގުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކޮށް، ދީނާއި ހައްގުގެ މަގު އިސްކުރުމުގެ އަޒުމް އާކުރުން ކަމަށެވެ. އަދި އަޟްހާ އީދަކީ މުޅި މުސްލިމް އުންމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އީދުގެ ބަރަކާތްތެރި ދުވަސްތަކަކީ މުޖުތަމައުގެ ބަދަހިކަމާ ގުޅިފައިވާ ދުވަސްތަކެއްކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، "އުޟްޙިޔާ ކަތިލުމާއި، އެކިއެކި ހަދިޔާބަދިޔާ ބަދަލުކޮށް، ތަނަވަސްކަމުގެ އަހުލުވެރިން ނިކަމެތި ފަގީރުންނަށް އެކި ގޮތްގޮތުން އެހީތެރިވެދީ ހެދުމަކީ، މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ ހިތްވަރު އާވެގެންދާ ކަމެއް" ކަމަށެވެ.
"ހަމައެއާއެކު، މިއީ، މައާފުކުރުމުގެ ފިނި ރޯޅިން އަޅުގަނޑުމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުމެވެ. މައިންބަފައިންނާއި ގާތް ތިމާގެ މީހުންނާއެކުގައި އާއިލީ ލޯބި އާލާކުރުމަށް އޮތް އެންމެ ފަހި އެއް ފޯވައްސެވެ." މުއިއްޒުގެ ހިތޯބުގައި ފާހަގަ ކުރެއްވި އެވެ.
އީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅު ކުރައްވަމުން ގެންދަވާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވެތިބުމަށް މުއިއްޒު އެދިވަޑައިގެންފައިވެ އެވެ.
މާދަމާގެ އުންމީދު ކަމުގައިވާ ޒުވާން ޖީލަށް ރިވެތި އަހުލާގީ ސިފަތައް ދަސްކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް ހިތޯބުގައި އަލިއަޅުއްވާލެއްވި އެވެ.
މުޖުތަމައުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނތުންވުމަކީ، ތިމާގެވެސް އުފާކަމުގައި ދުށުމަށް މި އީދުން ދަސްކޮށްދޭކަން ހަނދާން ކުރަންޖެހޭ ކަމަށާއި، މި އީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމަކީ މުޅި ގައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ އިލްތިމާސް: އީދު ފާހަގަކުރަންވާނީ ދިވެހިންގެ ރީތި އާދަކާދަތަކާ އެއްގޮތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ