އީރާން އެއްބަސްވުމާ ގުޅުވައި މުސްލިމް ގައުމުތަކުން އިޒްރޭލާ ގުޅުން ގާއިމްކުރުވަން ޓްރަމްޕް މަސައްކަތް ކުރައްވަނީ

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރައްވަމުން، އިޒްރޭލާއެކު ގުޅުން ގާއިމުކުރުމަށް އެކުލަވާލާފައިވާ "އަބްރަހަމް އެކޯޑްސް" ގައި ސައުދީ އަރަބިއްޔާ، ގަތަރު، ޕާކިސްތާން، ތުރުކީ، މިސްރު އަދި އުރުދުން އިން އެކުގައި ބައިވެރިވުމަށް އެދިވަޑައިގެންފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕްގެ މި ހުށަހެޅުމަށް ޕާކިސްތާނުން ވަނީ އިންކާރުކޮށްފަ އެވެ. މިކަމާ ގުޅޭ ގޮތުން ދެން ހުރި ގައުމުތަކުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވާއިރު، ގާޒާގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ ހަމަލާތަކުގެ ސަބަބުން އެ ގައުމުތަކުގެ އާންމު ރައްޔިތުންގެ މެދުގައި އިޒްރޭލަށް އޮތް ނަފުރަތު ބޮޑުވުމާއެކު، މި ހުށަހެޅުމަށް އެދެވޭ އިޖާބައެއް ލިބުމަކީ ދުރު ކަމެކެވެ.
އިޒްރޭލާއެކު ގުޅުން ގާއިމުކުރުމަށް އެކުލަވާލާފައިވާ "އަބްރަހަމް އެކޯޑްސް" ގައި މިހާރު ވެސް ސޮއިކޮށްފައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހްރޭންގެ އިތުރުން، އަލަށް ގުޅުމަށް އެދިވަޑައިގެންނެވި ގައުމުތަކުގެ ލީޑަރުންނާ ހޮނިހިރު ދުވަހު ވާހަކަދެއްކެވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުރިހާ ގައުމުތަކުން ވެސް ވަގުތުން އަބްރަހަމް އެކޯޑްސްގައި ސޮއިކުރުމަށް ބާރުއަޅުއްވާ ކަމަށެވެ. އަދި އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އޭނާއާއެކު އީރާނުން އެއްބަސްވުމެއްގައި ސޮއިކޮށްފި ނަމަ، ދުނިޔޭގެ މި ވަރުގަދަ އިއްތިހާދުގެ ބައެއްގެ ގޮތުގައި އީރާން ހިމެނުމަކީ ލިބޭނެ ޝަރަފެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި އުނދަގޫ މައްސަލަ ހައްލުކުރުމަށްޓަކައި އެމެރިކާއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ މައުލޫމާތު އެނގޭ ޕާކިސްތާނުގެ މަސްދަރަކުން ބުނި ގޮތުގައި، ޓްރަމްޕްގެ މި ބަޔާނަކީ އީރާނާއެކު ހަނގުރާމަ ހުއްޓާލުމަށް ކުރާ މަސައްކަތުގެ ތެރެއިން "އަބްރަހަމް އެކޯޑްސް" ފުޅާކުރުމަށް ކުރެއްވި މަސައްކަތެކެވެ. ނަމަވެސް އެ މަސްދަރުން ބުނީ މި ދެ މައްސަލައަކީ އެއްވެސް ގުޅުމެއް އޮތް ދެ ކަމެއް ނޫން ކަމަށާއި، އެއީ ގުޅުވޭނެ ކަންކަން ވެސް ނޫން ކަމަށެވެ.
"އެފަދަ އެއްވެސް ހުށަހެޅުމަކަށް އަމަލުކުރުމުގެ އެއްވެސް މަޖުބޫރުކަމެއް ޕާކިސްތާނަކަށް ނެތް،" އެ މަސްދަރުން ބުންޏެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވެސް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ވާހަކަދެއްކެވި ގައުމުތަކުގެ ތެރެއިން އެކެއް ނުވަތަ ދެ ގައުމަކުން މި އެއްބަސްވުމުގައި ބައިވެރިނުވާން ސަބަބުތަކެއް ހުރެދާނެ އެވެ. ނަމަވެސް ގިނަ ގައުމުތަކުން ތިބީ އީރާނާއެކު ވެވޭ މި އެއްބަސްވުމަކީ ތާރީޚީ ކަމަކަށް ހެދުމަށް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާގެ ދާއިމީ ސިޔާސަތަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މަގުޗާޓަކަށް އެއްބަސްނުވަނީސް، އިޒްރޭލާއެކު އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރުމެވެ.
މިސްރު، އުރުދުން އަދި ތުރުކީއަކީ މިހާރުވެސް އިޒްރޭލާއެކު ސިޔާސީ ގުޅުން އޮންނަ ގައުމުތަކެވެ. ނަމަވެސް ގާޒާ ހަނގުރާމަ ފެށުނު ފަހުން އެ ގައުމުތަކާއި އިޒްރޭލާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
އީރާނާއެކު ކުރެވޭ މަޝްވަރާތައް "ވަރަށް ރަނގަޅަށް" ކުރިއަށްދާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެއްބަސްވުމަކާ ގާތްވެފައިވާ ކަމުގެ އެއްވެސް ނިޝާނެއް އޭނާ ނުދެއްވަ އެވެ.
ޓްރަމްޕްގެ އަރިސް ބޭފުޅެއް ކަމަށްވާ ސެނެޓަރު ލިންޑްސީ ގްރަހަމް ވަނީ އީރާނުގެ މައްސަލަ އަބްރަހަމް އެކޯޑްސްއާ ގުޅުވާލުމުގެ ޚިޔާލަށް ތާއީދުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ސަބަބުން ސަރަހައްދީ ގުޅުން ބަދަހިވެ، އިގްތިސާދީ ގޮތުން ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ.
ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި މިއީ އީރާނާއެކު ވެވޭ އެއްބަސްވުމަކަށް ފާޑުކިޔާ މީހުންގެ ރުހުން ހޯދުމަށް ޓްރަމްޕް ގެންގުޅުއްވާ އުކުޅެކެވެ.
ވައިޓް ހައުސްގައި ހޭދަކުރެއްވި ފުރަތަމަ ދައުރުގައި ޓްރަމްޕް އިސްވެ ހުންނަވައި އެކުލަވާލި އަބްރަހަމް އެކޯޑްސް ފުޅާކުރަން ބޭނުންވާ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަ އެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، 2020 ވަނަ އަހަރު ޔޫއޭއީ އާއި ބަހްރޭނުން ވަނީ އިޒްރޭލާއެކު ގުޅުން ގާއިމުކޮށްފަ އެވެ. މިއީ ފާއިތުވި 25 އަހަރު ތެރޭގައި އަރަބި ގައުމުތަކުން އިޒްރޭލު ބަލައިގަތް ފުރަތަމަ ފަހަރެވެ. އޭގެ ފަހުން މޮރޮކޯ އާއި ސޫދާނުން ވެސް ވަނީ އެ އެއްބަސްވުމުގައި ބައިވެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ