ފުވައްމުލަކު ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ސެންޓަރު ހުޅުވައިފި

ފުވައްމުލަކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ. މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯވްމަންޓްސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުވައްމުލައް ސިޓީގައި ޤުރްއާން ހިފްޒުކުރުމުގެ ކްލާސްތައް އިތުރުކުރެވޭނެ ކަމަށާއި އެ ކަމަށް ބޭނުންވާ މުދައްރިސުންވެސް އިތުރުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ފުވައްމުލަކުގައި ބިނާކުރަން ނިންމާފައިވާ އިސްލާމިކް ސެންޓަރުގެ މަޝްރޫޢުގެ ޑިޒައިން ކޮންސެޕްޓް ނިންމައި، ކޮމެންޓްތަކަށް ސިޓީ ކައުންސިލަށް މިހާރު ފޮނުވާފައިވާކަންވެސް މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ފުވައްމުލަކު އިސްލާމިކް ސެންޓަރުގެ މަސައްކަތް ނިމުމުން، އެތަން ޤުރްއާނާ ބެހޭ މަރުކަޒުގެ މައި މަރުކަޒަށް ބަދަލުވާނެ ކަމަށެވެ. އަދި މިހާރު ހުޅުވުނު ޤުރްއާން މަރުކަޒުގެ ބިނާ ވަގުފު ބިނާއަކަށް ބަދަލުކޮށް، އެތަން ކުއްޔަށް ދީގެން ލިބޭ ފައިސާ ޚަރަދުކުރާނީ ސިޓީގެ ދީނީ ކަންކަން ތަރައްޤީކުރުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ