ނަރުހުންނަކީ އިހުތިރާމާއި ޤަދަރު ލިބެންޖެހޭ ބައެއް ކަމަށް ކަންގަނާ ބުނެފި
ނަރުހުންނަކީ މުޖުތަމައުގައި އިހުތިރާމާއި ގަދަރު ހައްގު ބައެއް ކަމަށް މަޝްހޫރު ފިލްމީ ބަތަލާ ކަންގަނާ ރަނާވަތު ގޮވާލައިފިއެވެ. މި ހަފްތާގެ ހުކުރު ދުވަހު ރިލީޒްކުރާ ބަތަލާގެ ފިލްމު "ބާރަތު ބާގްޔާ ވިދާތާ"އާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކަންގަނާ ބުނީ، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ނަރުހުންނާއި އެހީތެރިންނާ މެދު މުޖުތަމައު ދެކޭގޮތް ބަދަލުވާންޖެހޭ ކަމަށެވެ. މި ފިލްމުގައި ނަރުހެއްގެ ރޯލު ކުޅެފައިވާ ކަންގަނާ ފާހަގަކުރި ގޮތުގައި، ސިއްހީ ނިޒާމުގައި ނަރުހުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ނަމަވެސް، ގިނަ ފަހަރަށް އެ މީހުންގެ މަސައްކަތުގެ އަގު ވަޒަންނުކުރެވެއެވެ. މި ފިލްމަކީ 2008 ވަނަ އަހަރު މުމްބާއީއަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކުގައި މުމްބާއީގެ "ކާމާ އެންޑް އަލްބްލެސް" ހޮސްޕިޓަލުގެ މުވައްޒަފުން ދެއްކި ހިތްވަރުގަދަ ނަމޫނާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ކަންގަނާ އިންޑިއާގެ ހޮސްޕިޓަލެއްގެ ނަރުހަކަށް ޝަރަފުގެ ބެޖު ހަވާލުކުރަނީ--ފޮޓޯ/ މި ފިލްމުގައި އާންމުކޮށް ފެންނަ ކަހަލަ "ހީރޯއިން"ގެ ބަދަލުގައި އަލިއަޅުވާލާފައި ވަނީ، ގައުމަށް ކުރިމަތިވި އެންމެ އަނދިރި ރޭތަކުގައި ވެސް ބަލިމީހުންގެ ހިދުމަތުގައި ދެމިތިބި ނަރުހުންނާއި، ވޯޑް ބޯއިންނާއި، ހޮސްޕިޓަލުގެ އެހެނިހެން މުވައްޒަފުންގެ ގުރުބާނީއަށެވެ. ހޮސްޕިޓަލުތަކުގައި ކުރަންޖެހޭ އެންމެ ބުރަ އަދި އުނދަގޫ މަސައްކަތްތައް ކުރަނީ ނަރުހުން ކަމަށްވީ ނަމަވެސް، ގިނަ ފަހަރަށް އެ މީހުންނާ މުހާތަބުކުރަނީ އިހުތިރާމް ކުޑަ ގޮތްގޮތަށްކަން "އޭއެންއައި"އަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ފާހަގަކުރިއެވެ. "އަހަރެމެން އެ މީހުންނަށް ދޭންޖެހޭ ހައްގު އިހުތިރާމެއް ނުދެން. މި ފިލްމުގެ ސަބަބުން މަދު މިނެޓުކޮޅަކަށް ނަމަވެސް މީހުންގެ ވިސްނުން ބަދަލުވެއްޖެނަމަ، އެއީ ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް،" ކަންގަނާ ބުނެފައިވެއެވެ. ހޮސްޕިޓަލެއްގެ ވާހަކަ ދައްކާއިރު އާންމުކޮށް އެންމެންގެ ސަމާލުކަން ހުއްޓެނީ ހަމައެކަނި ޑޮކްޓަރުންނަށް ކަމަށް ކަންގަނާ ވަނީ ފާހަގަކޮށްފައެވެ. ޑޮކްޓަރުންގެ ހިދުމަތް ބޮޑު ނަމަވެސް، މުޅި ސިއްހީ ނިޒާމު ދެމެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކު މަސައްކަތްކުރާ އެތައް މިލިއަން މުވައްޒަފުންނާ މެދު ވިސްނާލަންޖެހޭ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އާއިލީ ޒިންމާތަކާއި ވަޒީފާގެ މަސްއޫލިއްޔަތުތައް އުފުލަމުންދާ އާދައިގެ ނަރުހަކު، ޓެރަރިސްޓް ހަމަލާއެއްގެ ތެރޭގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ދައްކުވައިދޭ މި ފިލްމަކީ، ކަންގަނާގެ އަމިއްލަ ފިލްމު ކުންފުނި މަނީކަރްނިކާ ފިލްމްސްއިން މަނޯޖް ތަޕާޑިއާ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ