މިހިތް އެދޭތީ... 17
"އެއީ، އަހަރެންވެސް މީ އިޒީ ކަހަލަ މީހެއްވީމަ..." ކުޑަ ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު، ޔައިލް ބުނެލިއެވެ. ******** ޔައިލްގެ އެ ޖުމުލައިން އިޒީގެ ހިތުގައި ރިއްސައިލީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ. ފާއިތުވެގެންދިޔަ ހިމޭންކަމުގެ ވަގުތުކޮޅު ނިމިގެންދިޔައީ އިޒީގެ ފޯނު ވައިބްރޭޓްވި އަޑުންނެވެ. މެސެޖު އައިސްފައި އޮތީ ނުދަންނަ ނަންބަރަކުންނެވެ. އިޒީގެ ފޯނުގެ އިސްކްރީން ފެނުމުން، ޔައިލްގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. "ރިޝާން..." ޔައިލްގެ ހިތަށް އައީ އެންމެ ނަމެކެވެ. އިޒީ މެސެޖު ހުޅުވައިލިއެވެ. އެމީހަކު ފޮނުވާފައި އޮތީ، ތަސްވީރެކެވެ. އެތައް އަހަރެއް ކުރީގެ ތަސްވީރެއްކަމުން، މަންޒަރު އެހާ ސާފެއް ނޫނެވެ. ތަސްވީރުން ފެންނަމުން ދިޔައީ، ބޯ ވާރޭގެ ތެރޭގައި މަގުމަތީގައި ހުރި އަންހެން ކުއްޖެކެވެ. ތަސްވީރުގެ އެއްފަރާތުގައި، ލިޔެފައިވާ އިބާރާތްކޮޅު އިޒީއަށް ތަކުރާރުކޮށް ކިޔައިލެވުނެވެ. "ތީ އެކަންޏެއް ނޫނޭ އެރޭގެ ވިޓްނަސްއަކީ..." އިޒީގެ މުޅި ހަށިގަނޑު ފިނިވިއެވެ. ގިނައިރެއްނުވެ، ދެވަނަ މެސެޖެއް އައެވެ. "އެރޭގެ ހަގީގަތް އެނގެން ބޭނުމިއްޔާ، ކުރިމަތީ ތި އިން މީހާ ކައިރީ އަހާ... އޭނައަށް ހުރިހާ އެއްޗެއް އެނގޭނެ.... އެ އުޅެނީ ހުރިހާ ކަމެއް ސިއްރުކޮށްގެން...." އިޒީ ދެލޯ ބޮޑުކޮށްލަމުން ޔައިލްއަށް ބަލައިލިއެވެ. އޭގެ ފަހުގައި ބިރެއް ފެނުމުން، ބަލާހެން ވަށައިގެން ނަޒަރު ހިނގައިލިއެވެ. ތަނުގެ މުވައްޒަފުން ފިޔަވާ އިތުރު މީހަކު ނެތެވެ. "ކާކު މެސެޖު ކުރީ؟..." އިޒީގެ އަތުން ފޯނު އަތުލަމުން، ޔައިލް ސުވާލުކުރިއެވެ. މެސެޖުތައް ފެނުމުން، ޔައިލް ނުތަނަވަސްވީ، އިޒީ އޭނާ އާއި މެދުގައި ވިސްނާނެ ގޮތެއް ނޭނގޭތީއެވެ. "އަހަންނަށް އެނގޭ މި މެސެޖު ފޮނުވީ ކާކު ކަން..." ޔައިލް މަސައްކަތްކުރީ ރިޝާންގެ ވާހަކަ ބުނާށެވެ. "ތި ކިޔާފަ ސަޕްރައިޒްއެއް ނުވި ދޯ؟..." ޝައްކުގެ ނަޒަރަކުން، ޔައިލްއަށް ބަލަން އިނދެ، އިޒީ އަހައިލިއެވެ. "ތި މީހަކު އެނގުން އަހަންނަކަށް މުހިއްމެއް ނޫން... އެއަށްވުރެ ބޮޑަށް އަހަންނަށް މުހިއްމުވީ އެހެން ކަމެއް... އެއީ މިކަމުގެ ހަގީގަތް އެނގުން...." "ސަޕްރައިޒް ނުވާތީކީ ނޫން..." އިޒީގެ މޫނުން ނަޒަރު ވަކިކޮށްލަމުން ޔައިލް ބުނެލިއެވެ. "ނޯ...." އިޒީ ދެކޮޅުހެދިއެވެ. "ތި މޫނުން ފެންނަނީ ހައިރާން ކަމެއް ނޫނޭ.... ތި މޫނުން ފެންނަނީ ހާސްކަން... އަހަންނަށް އެނގޭ ޔައިލް އަހަންނަށް ކަމެއް ސިއްރު ކުރާކަން..." ޔައިލް އެއްޗެއް ބުނަން އުޅެފައި ހިމޭންވިއެވެ. އިޒީ ބުނީ ތެދެކެވެ. ޔައިލް އިނީ ހާސްވެފައެވެ. އެކަމަކު، ސަބަބަކީ އިޒީ ހީކުރާފަދަ ސަބަބެއް ނޫނެވެ. ޔައިލް ހާސްވަނީ އެންމެ ކަމަކާއެވެ. ހަގީގަތް އެނގުމުން، އިޒީ އޭނާ ދޫކޮށް ހިނގައިދާނެތީއެވެ. ދެމީހުންގެ ދެމެދަށް ވެރިވި ހިމޭންކަމުން، އިޒީއަށް ނެގުނީ މުޅީން ގޯސް މާނައެކެވެ. "ކީއްވެ އެއްޗެއް ނުބުނީ؟..." ކެތްނުވެގެން އިޒީއަށް ސުވާލުކުރެވުނެވެ. "މިދުވަސްކޮޅު އިޒީ އެކަނި އުޅުން އެހާ ސޭފްއެއް ނުވާނެ..." ޔައިލް ވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް އަނބުރައިލަން އުޅުނެވެ. "ތިއެއް ނޫނެއްނު މި ދެއްކި ވާހަކައަކީ..." އިޒީ ބުންޏެވެ. "އައި ނޯ...." ޔައިލް ދޫކޮށްލީ ފުން ނޭވާއެކެވެ. "އަހަންނަށް އެނގޭ އިޒީ ތި ދައްކާ ވާހަކަވެސް... ބައެއް ސުވާލުތަކަށް އަހަންނަށް އެނގޭ މިންވަރަކުން ޖަވާބުވެސް ދެވިދާނެ... އެކަމަކު..." ދުވަސްކޮޅެއްގެ އުފާވެރިކަމަށްފަހު، ދެމީހުންގެ ދެމެދަށް ނުތަވަސްކަން ވެރިވިއެވެ. ކުއްލިއަކަށް ހުރިހާ ކަމެއް ދިމާވުމުން، ޔައިލްއަށް ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް ނޭނގުނެވެ. ކިތަންމެ ތައްޔާރުވެގެން އިޒީގެ ކުރިމައްޗަށް އެރިކަމުގައިވިޔަސް، ޔައިލްއަށް ހިތްވަރެއް ނުލިބުނެވެ. "އެރޭ ކިހިނެއްވީ؟... ބުނޭ... ޔައިލްއަށް އެނގޭނެއޭނު އެބުނީ...." އިޒީގެ ކެތްތެރިކަން ކޮޅުންލާން ކައިރިވިއެވެ. "އަހަންނަކަށް ނޭނގެ އެރޭ ވީގޮތެއް..." ޔައިލް ބުންޏެވެ. "އިޒީ ގޮތަށް އަހަރެންވެސް މަސައްކަތް މި ކުރަނީ އެރޭގެ ހަގީގަތް ހޯދަން...." އަނެއްކާވެސް ދެމީހުންގެ ދެމެދަށް ވެރިވީ ހިމޭންކަމެވެ. ގަބޫލު ނުކުރެވިގެން ބަލަން އިން ކަހަލަ ގޮތަކަށް އިޒީ އިނީ ޔައިލްއަށް ބަލާށެވެ. ހަގީގަތް ކުރިމަތިން ފެންނަން އޮތްއިރުވެސް ޔައިލް ދޮގުހަދަނީ ހެއްޔެވެ؟ "ދެން ކީއްވެ އަބަދު ބުނަނީ ބަލައިގެން އުޅޭށޭ..." ޝަކުވާގެ ރާގަކަށް އިޒީ އަހައިލިއެވެ. "ޔައިލް ބުނީ ކީކޭ؟... ކަންކަން ސިއްރު ނުކުރާށޭ... އެކަމަކު، އަހަންނެއް ނޫން ކަންނޭނގެ ކަންކަން މި ސިއްރުކުރަނީ..." ޔައިލް ފުން ނޭވާއެއް ދޫކޮށްލަމުން އިޒީއަށް ބަލައިލިއެވެ. "މި ދުނިޔޭން މިހާރު އަހަރެން ލޯބިވާ ތިބީ ދެ މީހުން.... އޭގެތެރެއިން އެކަކު އިޒީ ތީ... އަހަރެން މި މަސައްކަތް ކުރަނީ އަހަރެން ލޯބިވާ މީހުން ރައްކާތެރިކުރަން..." ޔައިލް މަޑުމަޑުން ބުނެލިއެވެ. ޔައިލްގެ އެ ޖުމުލައިން އިޒީގެ ހިތް މަޑު ކަފަކޮޅަކަށް ހަދައިލި ކަހަލައެވެ. އެ އަޑުގައިވި އަސަރަކުން ވަގުތުން އޭނާގެ ރުޅި ފިނިވިއެވެ. "ކޮން ކަމަކުން ރައްކާތެރިކުރަން؟..." އިޒީ މަޑުމަޑުން ސުވާލުކުރިއެވެ. "އަހަރެން އިޒީއަށް ދޮގެއް ނުހަދަން..." ޔައިލް ބުންޏެވެ. "މިހާރުވެސް މި ބުނަނީ އެރޭ ވީގޮތެއް އަހަންނަކަށް ނޭނގެޔޭ.... އަހަންނަށް އިތުބާރު ކުރަންތަ؟..." "އެނގޭތަ މީގަ އެންމެ މަޖާ ކަމެއް؟..." އިޒީގެ އަޑު ނުކުތީ ކުރެހިގެންނެވެ. "އަހަރެން ހީކުރީ..." އިޒީއަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. ޖުމުލައިގެ ފަހުބައި ބުނެ ނުނިމެނީސް، އޭނާއަށް ރޮވުނީއެވެ. ކަރުނަތައް ހިންދައިލުމުގައި ކާމިޔާބު ހޯދި ނަމަވެސް، އިޒީއަށް ދެން އެ ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ. "ކީކޭ ހީކުރީ؟..." އޯގާތެރި ރާގަކަށް ޔައިލް އަހައިލިއެވެ. "އެއްޗެއް ނޫން..." އިޒީ ތެދުވިއެވެ. އިޒީ ޔައިލްއަށް ކުރަމުން އައި އިތުބާރު ވަނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގެއްލިފައެވެ. މިހާރު ހަގީގަތަކީ ކޮބައިކަމެއް، ޔައިލްގެ މަގުސަދަކީ ކޮބައިކަމެއް އިޒީއަކަށް ނޭނގެއެވެ. އިޒީގެ ހަޔާތަށް ޔައިލް އައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އެއީ މުޅީންވެސް ޔައިލްގެ ރޭވުން ހެއްޔެވެ؟ ޔައިލްއަށް އިތުބާރު ކުރުން އެއީ އިޒީއަށް ހެދުނު ޅައެއްޗެއް ހެއްޔެވެ؟ މޭޒުމަތީގައި އޮތް ފޯނާއި، ދަބަސް ހިފައިގެން އިޒީ ހިނގައިގަތެވެ. "އިޒީ ވެއިޓް..." ޔައިލް އިޒީގެ އަތުގައި ހިފެހެއްޓިއެވެ. "އަތްނުލާ..." ޔައިލްގެ އަތް ފޮޅުވައިލަން މަސައްކަތް ކުރަމުން، އިޒީ ހަޅޭއްލަވައިގަތެވެ. ޔައިލް ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އިޒީގެ އަތުން ދޫކޮށްލިއެވެ. "އަހަރެންގެ ވާހަކަ އަޑު އަހާލަ....." އިޒީގެ ފަހަތުން ދަމުން ޔައިލް ބުނެލިއެވެ. "ނާންނާތި!...." އިޒީ އަމުރުކުރިއެވެ. "އައި ހޭޓް ޔޫ...." ޔައިލްގެ ފިޔަވަޅުތައް ހުއްޓުނެވެ. އިޒީ ގޮސް ލޮލުގެ ކޮޅަށް އޮބާލަންދެން، ގޮތް ހުސްވެފައިވާ ނަޒަރަކުން، ބަލަން އޭނާ ހުއްޓެވެ. "އެއީ، އެއީ، އައިޝާ، އައިޝާއަކީ އަހަރެންގެ ކޮއްކޮ..." ޔައިލް ވާހަކަ ދެއްކީ އަމިއްލަ ނަފުސަށް އިވޭ ވަރަށެވެ. "މި ހަގީގަތް އެނގޭ ދުވަހު، އިޒީއަށް ފަސޭހަވާނެތަ އަހަންނާ ކުރިމަތިލާން... އަހަރެން ބިރުގަނޭ... ވަރަށް ބިރުގަނޭ އަހަންނަށް އިޒީ ގެއްލިދާނެތީ..." ޔައިލްއަށް މޭޒުގައި ހިފަހައްޓައިލެވުނީ ދެފައިން ވަރު ދޫވާހެން ހީވުމުންނެވެ. ********* ފަތިސްވީއިރުވެސް އިޒީއަށް އޮތީ ނުނިދިފައެވެ. އެނދުގައި ދެކޮޅަށް ފުރޮޅިފުރޮޅި އޭނާ ވަރުބަލިވިއެވެ. އިރުއިރުކޮޅާ ފޯނަށް ބެލި ނަމަވެސް އިޒީ އުއްމީދުކުރި މެސެޖެއް ނުލިބުނެވެ. އިޒީގެ ހިތަށް އަރާ ފައިބަމުން ދިޔައީ އެންމެފަހުން ޔައިލް އާއި ދިމާއަށް ބުނެވުނު ޖުމުލައެވެ. ޔައިލްދެކެ ނަފުރަތު ކުރާކަމަށް ބުނެވުނީ، އޭނާ ދެރަވެފައި ހުރިވަރުންނެވެ. ޔައިލްވެސް ދެރަކޮށްލުމުގެ މަގުސަދުގައެވެ. އެކަމަކު، އެހެން ބުނެވުމުން، އިޒީއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވެނީއެވެ. މާފަށް އެދެން ބޭނުންވިއެވެ. އެކަމަކު، އިސްވެ، އެއްޗެއް ބުނާކަށް އޭނާ ބޭނުމެއް ނުވިއެވެ. ޔައިލްވެސް އެފަދައެވެ. އިޒީއަށް ހަގީގަތް ސިއްރު ކުރެވުނީތީ، އޭނާ ދެރަވަނީއެވެ. އެންމެ ފުރަތަމަ ދުވަހުވެސް ހަގީގަތް ހާމަކުރެވުނު ނަމައޭ ހިތަށް އެރިއެވެ. އެނދުގައި ދެކޮޅަށް ފުރޮޅި ފުރޮޅި އޮވެ، އޭނާ އިންތިޒާރު ކުރަމުންދިޔައީ، އިޒީގެ މެސެޖެއް އަންނާނެ ވަގުތަކަށެވެ. އިޒީ އިތުރަށް ރުޅިގަދަވެދާނެތީ، އިސްވެ މެސެޖުކުރާކަށް ޔައިލްއަކަށް ނުކެރުނެވެ. ******** ބޯޓު ޖެޓީ އާއި ކައިރިކުރި މަންޒަރު ބަލަން ހުރެފައި، ޔައިލް ޖެޓީ އާއި ކައިރިއަށް ޖެހިލިއެވެ. ފޮށި ތަންމަތި ހިފައިގެން ބޯޓުން ފޭބި، ދެމަފިރިން ފެނުމުން، އެއީ އިޒީގެ މައިންބަފައިންކަން ޔައިލްއަށް އެނގުނެވެ. އަންހެންމީހާ ހުރީ، ބާލީސްތަކެއް ހިފައިގެންނެވެ. ފިރިހެންމީހާ ހުރީ، ދަބަސްތައް ހިފައިގެންނެވެ. ޔައިލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް، އަންހެންމީހާގެ އަތުން ބާލީސްތައް އަތުލިއެވެ. އެމީހާ ހައިރާންވެފައި ޔައިލްއަށް ބަލައިލިއެވެ. އެކަމަކު، އެއްޗެއް ނުބުނެއެވެ. އިޒީ އައީ، ޔައިލް އެ ދެމަފިރިންގެ ފޮށިތައް ޕިކަޕަށް އަރުވާފައި ހިންދެމިލިތަނާއެވެ. ޔައިލް ހިނިތުންވެލާފައި، ކާރުގައި ތިބި ދެމަފިރިން އިޒީއަށް ދައްކައިލިއެވެ. ކާރުގައި ތިބި ދެމަފިރިން ފެނުނު ނަމަވެސް، އިޒީ، ހަލުވި ފިޔަވަޅުތަކެއްގައި ދިޔައީ ބޯޓާއި ދިމާއަށެވެ. "ފޮށިތައް ތަންކޮޅެއް ގިނަވީމަ، ކާރަށް ހުރިހާ އެއްޗެހި ނޭރުވިގެން ބައެއް ފޮށިތައް އެ ހުރީ ޕިކަޕަށް އަރުވާފަ... މަންމަމެން އެތިބީ ކާރުގަ..." އިޒީއަށް އިވޭ ވަރަށް ޔައިލް ބުނެލިއެވެ. އިޒީ ގޮސް، ހުއްޓުނީ ޖެޓީމަތީގައި ހުރި ފަރުހާދުގެ ކައިރީގައެވެ. "ކޮން ކުއްޖެއް އެއީ ދަރިފުޅާ؟... ދަރިފުޅުގެ ރައްޓެއްސެއްތަ؟..." ފަރުހާދު ލޮލުގެ އިޝާރާތުން ދެއްކީ ޔައިލްއެވެ. ޔައިލް އޭރުވެސް ހުރީ އިޒީއަށް ބަލާށެވެ. "ބައްޕަމެން ކަމަށް ހީކޮށްތަ، އެސޮރު މުނީރައްތަމެން ގެންގޮސް ކާރަށް އަރުވައިގެން އެ އުޅެނީ؟... އާލިމް އެ ހޯދަނީ އެމީހުން ކަންނޭނގެ..." އިޒީގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ފަރުހާދުގެ ކުރިމަތީގައި ނުހޭން، އޭނާ ހިނިގަނޑު ހިންދައިލިއެވެ. ޔައިލް އެހާ މޮޔަ ހެއްޔެވެ؟ ކާކުތޯވެސް އަހައިނުލާ ގެންގޮސް ކާރަށް އަރުވާނީ، ކިހާ މޮޔަވީމައި ހެއްޔެވެ؟ "ކޮބާ މަންމަ؟...." ފަރުހާދުގެ އަތުން ދަބަސް އަތުލަމުން އިޒީ ސުވާލު ކުރިއެވެ. "މަންމަ ފާހާނާއަށް ވަދެލާފަ އަންނާނަމޭ ބުނީމަ ބައްޕަ މަޑުކޮށްގެން މިހުރީ... ދަރިފުޅު ކުރިމައްޗަށް އަރަންވާއިރަށް ރީތިވަނީ ކަންނޭނގެ..." ފަހުހާދު ސަމާސާކޮށްލިއެވެ. ބޯޓުން ފޭބި އާގިސާއަށް އިޒީ ފެނުމުން، ދެލޮލުން ކަރުނަ ހިލުނެވެ. ވަގުތުން، އިޒީގެ ގައިގައި ބައްދައިލިއެވެ. އިޒީ ހުރީ ހަދަންވީގޮތެއް ނޭނގިފައެވެ. ނޭވާވެސް ނުލައި، އޭނާ އެތައް އިރަކު ހުއްޓެވެ. "ދަރިފުޅު ހާދަ ހިއްކޭ..." އިޒީގެ ބުރަކަށީގައި ފިރުމަމުން، އާގިސާ ބުނެލިއެވެ. ޔައިލް ވާނުވާ ނޭނގިފައި، އެއްފަހަރު އިޒީމެންނަށް، އަނެއް ފަހަރު އޭނާ ކާރަށް އެރުވި ދެމަފިރިންނަށް ބަލަން ހުއްޓެވެ. އިޒީގެ މައިންބަފައިން ކަމަށް ހީކޮށް އޭނާ ޕިކަޕަށް އެރުވީ ކޮންބައެއްގެ ފޮށިތަކެއް ހެއްޔެވެ؟ ޔައިލް ކާރުގެ ދޮރު ހުޅުވައިލަން އުޅެނިކޮށް، މުނީރާމެން ކާރުން ފޭބިއެވެ. "ސޮރީ ދައްތާ... ސޮރީ ބޭބޭ.... އެ ދައްތަމެން ކަމަށް ހީކޮށް ކާރަށް މި އެރުވުނީ..." ޔައިލް ލަދުން ހުރެ މާފަށް އެދުނެވެ. މުނީރާމެން ދިޔުމުން، ޔައިލް އަވަހަށް އާގިސާމެންގެ ކައިރިއަށް ދިޔައެވެ. އިޒީގެ އަތުން ދަބަސް އަތުލައިގެން ގެންގޮސް ކާރަށް އެރުވިއެވެ. އޭރުވެސް އާގިސާ ކަޅި ޖަހައިނުލައި، ޔައިލްއަށް ބަލަމުން ދިޔައެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ