ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ނިމި، ޕާޓީގެ ޗެއާޕާސަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބުވުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނާނެ ބޮޑު ބަދަލެއްގެ ފެށުމެވެ. މި އިންތިޚާބުގެ ނަތީޖާއިން ހާމަވެގެންދިޔައީ ޕާޓީގެ އާންމު މެންބަރުން ތިބީ އާ ހަކަތައަކާއެކު ކުރިއަށްދާން ތައްޔާރަށް ކަމެވެ. މި ކާމިޔާބީއާއެކު، އެމްޑީޕީގެ އަމާޒު މިހާރު ހުރީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ގައުމުގެ ހިންގުމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާ ވާދަކުރައްވައި، ރައީސް ނަޝީދު މި އިންތިޚާބު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ. މިއީ ޕާޓީގެ މެންބަރުން ރައީސް ނަޝީދުގެ ސިޔާސީ ތަޖުރިބާއަށާއި، އެމަނިކުފާނު ހުށަހެޅުއްވި ”ބޮޑު ބަދަލު“ ގެ ފަލްސަފާއަށް ދިން ވަރުގަދަ ތާއިދެކެވެ. ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ފަދައިން، މި ވޯޓަކީ ހަމައެކަނި މަގާމަކަށް މީހަކު ހޮވުމަށް ދިން ވޯޓެއް ނޫނެވެ. އެއީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި، ގައުމު އިސްކޮށްގެން ދިން މުހިއްމު ނިންމުމެކެވެ.
ރައީސް ނަޝީދާއި ފައްޔާޒު އިސްމާއިލް ގުޅިގެން ހުށަހަޅާފައިވާ ސިޔާސީ ޕްލޭނަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފައްޔާޒު އިސްމާއިލް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމެވެ. މި ވިސްނުމުގެ ބޭނުމަކީ އެމްޑީޕީއަށް އަލުން ވެރިކަން ހޯދައިދީ، ގައުމުގެ ހިންގުމުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމެވެ. މި މަސައްކަތުގައި ރައީސް ނަޝީދުގެ ދައުރަކީ ޕާޓީ ބަދަހިކޮށް، ސިޔާސީ ގޮތުން ވަރުގަދަ ލަޝްކަރެއްގެ ގޮތުގައި އެމްޑީޕީ ތަރުތީބުކުރުމެވެ.
މި ”ބޮޑު ބަދަލު“ ގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދައުލަތުގެ ހިންގުމުގެ ނިޒާމަށް ގެންނަން ހުށަހަޅާފައިވާ ބަދަލެވެ. އެގޮތުން، ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމަކަށް ހެދުމުގެ ވިސްނުން ވަނީ ހާމަކޮށްފައެވެ. އާދައިގެ ބަރުލަމާނީ ނިޒާމަކާ ޚިލާފަށް، މި ޕްރޮޕޯސަލްގައި އޮތީ ސަރުކާރު ހިންގާ ވެރިޔާވެސް ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ގޮތަށެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާކޮށް، ޖަވާބުދާރީވުން އިތުރުކުރުމަށް ހުށަހެޅިފައިވާ އާ މޮޑެލްއެކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ސަރުކާރު ޖަވާބުދާރީކުރުވުމަކީ އެމްޑީޕީން ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތެވެ. ރައީސް ނަޝީދުގެ ޗެއާޕާސަންކަމުގެ ދަށުން، އެމަނިކުފާނުގެ ސިޔާސީ ތަޖުރިބާގެ ބޭނުން ހިފައިގެން ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ. ޕާޓީގެ އެތެރޭގެ ރޫހު މިހާރު ހުރީ ހުރިހާ މެންބަރުން އެކަތިގަނޑަކަށް ވެ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށެވެ.
އަޅުގަނޑުގެ ޙިޔާލުގައި އެމްޑީޕީގެ މި އިންތިޚާބަކީ ހަމައެކަނި ޕާޓީގެ އެތެރޭގެ ކަމެއް ނޫނެވެ. އެއީ 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ސިޔާސީ މިސްރާބު ހުންނާނެ ގޮތް ކަނޑައެޅިގެންދިޔަ ނިންމުމެކެވެ. ”ބޮޑު ބަދަލު“ ގެ ސްލޯގަންއާއެކު ފެށުނު މި ދަތުރުގެ އަމާޒަކީ ބަދަހި ސަފުތަކަކާއެކު ނުކުމެ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި އިޖުތިމާއީ ފޭރާމަށް ހެޔޮ ބަދަލުތަކެއް ގެނައުމެވެ.
”ބޮޑު ބަދަލު“ ގެ ސްލޯގަންއާއެކު ދަތުރު ފެށިއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ