ޝޫޖިތުގެ އާ ޕްރޮޖެކްޓަށް ބޮލީވުޑްގެ މަޝްހޫރު ތިން ބަތަލާއިން؟
އިންޑިއާގެ ކާމިޔާބު ފިލްމު ޑައިރެކްޓަރު ޝޫޖިތު ސިރްކާރު އަލަށް އުފައްދާ ފިލްމު ޕްރޮޖެކްޓަކުން، ބޮލީވުޑްގެ މަޝްހޫރު ތިން ބަތަލާއިން ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މި ޕްރޮޖެކްޓާ ގުޅޭ ތަފުސީލުތައް ސިއްރުކޮށްފައިވާއިރު، އިތުރު އެއްވެސް މައުލޫމާތެއް ވެސް މިހާތަނަށް ރަސްމީކޮށްފައެއް ނުވެއެވެ. ޝޫޖިތުގެ މި ފިލްމު ޕްރޮޖެކްޓާ ގުޅޭ ވާހަކަތައް ތިލަވާންފެށީ ބޮލީވުޑްގެ މަޝްހޫރު ތަރިންތައް ކަމަށްވާ ސުޝްމިތާ ސެން، ރާދިކާ އަޕްޓޭ އަދި އަނަންޔާ ޕާންޑޭއާ އެކު ޝޫޖިތު ފިލްމު ސެޓެއްގައި ހަރަކާތްތެރިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. މި ޕްރޮޖެކްޓާ ގުޅޭ މައުލޫމާތުތައް ވަރަށް ބޮޑަށް ސިއްރުކޮށްފައިވާއިރު، މި ޚަބަރާ އެކު ފިލްމީ ދާއިރާގެ ގިނަ ބައެއްގެ ސަމާލުކަން ވަނީ ޝޫޖިތުގެ މި އާ ޕްރޮޖެކްޓަށް ހުއްޓިފައެވެ. ހަމައެއާއެކު، މިއީ ފީޗަ ފިލްމެއްތޯ، އޯޓީޓީ އެންތޮލޮޖީއެއްތޯ ނުވަތަ ފެޝަނާއި ސިނަމާ ގުޅުވައިގެން ކުރިއަށްގެންދާ ތަފާތު ތަޖުރިބާއެއްތޯ ވެސް ގިނަ ބަޔަކު ވަނީ އަހާފައެވެ. ޝޫޖިތުގެ ފިލްމު "އައި ވޯންޓް ޓު ޓޯކް"ގެ މަންޒަރެއްގައި އަބީޝެކް ބައްޗަން--ފޮޓޯ/ޓެލެގްރާފްއިންޑިއާ މިއީ ކޮންމެ ކަހަލަ ޕްރޮޖެކްޓަކަށްވީ ނަމަވެސް، މި އަހަރުގެ ތެރޭގައި ފިލްމީ ދާއިރާގައި އެންމެ ބޮޑު ސަމާލުކަމެއް ލިބޭނެ އެއް މަސައްކަތަކީ ޝޫޖިތު އަލަށް މަސައްކަތް ފަށާފައިވާ މި ފިލްމީ ޕްރޮޖެކްޓް ކަމަށް ބެލެވެއެވެ. ތިން ފަހަރު މަތިން އިންޑިއާގެ ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ޝޫޖިތު އެންމެ ފަހުން ޑައިރެކްޓްކޮށްފައި ވަނީ އަބީޝެކް ބައްޗަން ލީޑް ރޯލް ކުޅުނު ފިލްމު "އައި ވޯންޓް ޓު ޓޯކް"އެވެ. މި ފިލްމުން އަބީޝެކްއަށް މިދިޔަ އަހަރުގެ ފިލްމުފެއަ އެވޯޑުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑުވެސް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ