އެމެރިކާ-އިރާން ހަނގުރާމައާއެކު ދުނިޔޭގެ އިގުތިސާދު ކޮވިޑަށްފަހު އެންމެ ބޮޑަށް ދަށްވާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދީފި

އެމެރިކާ އާއި އިރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގުތިސާދީ ކުރިއެރުން ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު އެންމެ ދަށަށް ދާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދީފި އެވެ.
ވޮޝިންޓަންގައި މަރުކަޒުވެފައިވާ ވޯލްޑް ބޭންކުން ބުރާސްފަތި ދުވަހު ނެރުނު ދުނިޔޭގެ އިގުތިސާދީ ކުރިމަގާ ބެހޭ ރިޕޯޓުގައިވާ ގޮތުން، 2026 ވަނަ އަހަރު ދުނިޔޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ކުރިން އަންދާޒާކުރި 2.9 ޕަސެންޓު ވަނީ 2.5 ޕަސެންޓަށް ދަށްކޮށްފައެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހަކަތައިގެ އަގު އުފުލުމާއި، ތަކެތީގެ އަގު ބޮޑުވުމާއި، އަދި ލޯނު ނެގުމުގެ ހަރަދުތައް އިތުރުވުން ހިމެނެއެވެ.
އެމެރިކާއާއި އިރާނާ ދެމެދު އޮތް ނާޒުކު ސުލްހަވެރިކަން ދެފަރާތުންވެސް އިމްތިހާނު ކުރަމުންދާއިރު، މި ހަމަނުޖެހުން އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ހާއްސަކޮށް، ތެލާއި ގޭސް އުފުލާ މައި މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި އިރާނުން ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި މުދާ އުފުލުމުގެ ނިޒާމަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ.
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި މިއަހަރު ތެޔޮ ފީފާއެއްގެ އަގު އެވްރެޖްކޮށް 94 ޑޮލަރަށް އަރާނެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 36 ޕަސެންޓުގެ ބޮޑުވުމެކެވެ. މީގެ އިތުރުން ގަސްކާނާގެ އަގު ބޮޑުވުމުގެ ސަބަބުން ކާބޯތަކެތީގެ އަގުތަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ. މި ހުރިހާ ސަބަބުތަކާ ހުރެ ދުނިޔޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭ މިންވަރު މިދިޔަ އަހަރު ހުރި 3.3 ޕަސެންޓުން މިއަހަރު 4 ޕަސެންޓަށް އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ހާލަތު އިތުރަށް ގޯސްވެ، ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއަރައިފިނަމަ، ދުނިޔޭގެ އިގުތިސާދީ ކުރިއެރުން 1.3 ޕަސެންޓަށް ދަށްވެ، އިންފްލޭޝަން 4.4 ޕަސެންޓަށް އުފުލިދާނެ ކަމުގެ އިންޒާރު ވެސް ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ހާލަތުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ތަރައްގީވަމުން އަންނަ ގައުމުތަކަށެވެ.
ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ދުނިޔޭގެ ތިންބައިކުޅަ ދެބައި ގައުމުތަކުގެ އިގުތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރި މިންވަރު މިހާރު ވަނީ ދަށްކޮށްފައެވެ.
ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް އަޖޭ ބަންގާ ވިދާޅުވީ، ފާއިތުވި ދިހަ އަހަރު ތެރޭގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ކޮންމެ ގައުމަކަށް ކުރާ އަސަރު ތަފާތުވި ނަމަވެސް، އެންމެ މުހިންމު ކަމަކީ މިއަދުގެ ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރަމުން، މާދަމާގެ ވަޒީފާތަކާއި އިގްތިސާދީ ކުރިއެރުމަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އިގްތިސާދީ ދަތިތަކާ ކުރިމަތިލާންޖެހޭ ގައުމުތަކަށް އެހީތެރިވުމަށް 60 ބިލިއަން ޑޮލަރު ކަނޑައަޅާފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އަދި ހަމަނުޖެހުންތައް ދިގުލައިގެންދާނަމަ، މި އެހީގެ މިންވަރު 100 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ތައްޔާރަށް އޮތްކަންވެސް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ