މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާ އެކު ހެދި އެއްބަސްވުމާ މެދު "އެހެން ވިސްނުންތަނެއް ހުރި" ނަމަވެސް، އެ އެއްބަސްވުން ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވާފައިވާނެ ކަމަށް އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ހާމަނައީ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
"އުސޫލެއްގެ ގޮތުން [މި އެއްބަސްވުމާ މެދު] އަޅުގަނޑުގެ ހިޔާލު ތަފާތު. ނަމަވެސް އަޅުގަނޑު މިކަމަށް ހުއްދަ ދިނީ، ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިރާނުގެ ރައީސް، އިރާނުގެ ރައްޔިތުންނާއި ދިފާއީ ބާރުތަކުގެ ހައްގުތައް ހިމާޔަތްކުރައްވާނެ ކަމަށް ރައީސް އާއި ކައުންސިލްގެ އެހެން މެންބަރުން ދެއްވި ޔަގީންކަމުގެ މައްޗަށް،" ދައުލަތުގެ ޓީވީން ފޮނުވި ބަޔާނުގައި މުޖުތަބާ ވިދާޅުވި އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކުގައި، މުޖުތަބާ ހާމަނައީގެ ބައްޕާފުޅު އަދި ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނައީ އަވަހާރަކޮށްލުމާ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މުޖުތަބާ އަދި އާންމުންގެ ތެރެއަށް ނިކުމެވަޑައިގެންފައެއް ނުވެ އެވެ.
އީރާން-އެމެރިކާގެ އެއްބަސްވުމާ ބެހޭ ގޮތުން މުޖުތަބާ ދެއްވި މި މެސެޖަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އެއްބަސްވުމުގައި ސޮއިކުރެއްވި ފަހުން އޭނާ ދެއްވި ފުރަތަމަ ރައްދެވެ.
މުޖުތަބާ ވިދާޅުވި ގޮތުގައި ޓްރަމްޕް މި އެއްބަސްވުން ހެއްދެވީ "މާޔޫސްވެފައިވާ ހާލަތެއްގައި ހުރެ، ހުރިހާ ބާރެއްގެ ބޭނުން ހިފައިގެން" ނެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ ފަރާތުން "އެކަށީގެންނުވާ ވަރުގެ ބޮޑެތި ޑިމާންޑްތަކެއް ކުރަން އުޅޭ ނަމަ" އެކަން ގަބޫލުނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ޕެޒެޝްކިއަންގެ ފަރާތުން ލިބިވަޑައިގަތް ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި ބާއްވާ ސީދާ މަޝްވަރާތަކުގެ މާނައަކީ ދުޝްމަނުންގެ ހިޔާލުތައް ގަބޫލުކުރުން ނޫންކަން މިއީ ސާފުކޮށް އެނގެން އޮތް ކަމެއް،" އޭނާ އިތުރަށް ވިދާޅުވި އެވެ.
އީރާނުން އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ވެސް ވަނީ މިއީ އީރާނަށް މަޖުބޫރުވެގެން ހަދާ އެއްބަސްވުމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އެއްބަސްވުން ހެދިޔަސް އެއަށް އަމަލުކުރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އެމެރިކާއާ މެދު ނެތް ކަމަށާއި އެއީ މިހާތަނަށް އެމެރިކާގެ ކޮންމެ ވެރިޔަކު ހުރި ނަމަވެސް ކަން ހިނގާފައިވާ ގޮތުގެ ސަބަބުން ކަމަށް ވެސް ބުނެފައިވެ އެވެ.
އެމެރިކާއާ އެކު ހެދި އެއްބަސްވުމަށް ރުހުން ދިނީ އަޅުގަނޑު: މުޖުތަބާ ޚާމަނާއީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ