ޔަމާލް އެދުނީ ސްޕެއިނާ މެދު އަވަހަށް ގޮތް ނުނިންމަން

އެޓަލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 19) - މި ފަހަރުގެ ވޯލްޑް ކަޕްގެ އެއް ފޭވަރިޓެއްގެ ގޮތުގައި މުބާރާތާ ކުރިމަތިލައި ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުގައި މުޅިން އަލަށް ވާދަކުރި ކޭޕް ވާޑްއާ އެއްވަރުވި ނަމަވެސް، ސްޕެއިނާ މެދު އެހާ އަވަހަށް ގޮތް ނުނިންމަން އެ ޓީމުގެ 18 އަހަރުގެ ތަރި، ލަމީން ޔަމާލް ބުނެފި އެވެ. 
ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުގައި 0-0 އިން ކޭޕް ވާޑްއާ އެއްވަރުވި މެޗުގައި ޔަމާލް ކުޅެން އެރީ ދެ ވަނަ ހާފުގަ އެވެ. ނިމުނު ސީޒަނުގެ ފަހުކޮޅުގައި ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކުން ޔަމާލް ރިކަވާވެފައި ހުރި ނަަމަވެސް، އަދި އެއްކޮށް މެޗު ފިޓްނުވާތީ ފުރަތަމަ މެޗުގައި ބޭނުންކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. 
ސޯޝަލް މީޑިއާގައި ޔަމާލް ލިޔެފައިވާ ގޮތުގައި، ސްޕެއިނުން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗަކީ ކޭޕް ވާޑްއާ ބައްދަލުކުރި މެޗު ކަމަށާއި އެ މެޗުން ޕޮއިންޓަކާ އެކު ފެށުން ވެސް ޖުމްލަކޮށް ރަނގަޅު ކަމަށެވެ. 
"އަހަރެމެންނަށް އެނގޭ ކަމަކީ މިއީ ވަރަށް ދިގު މުބާރާތެއްކަން. އަދި، އަހަރެމެންގެ އުންމީދުތަކާ ހަމައަށް ދިއުމަށްޓަކައި އަދި ވަރަށް ދުރަށް ދާންޖެހޭ ކަމަށް. އަހަރެމެން ބުރަކޮށް މަސައްކަތްކުރަމުން ދާނަން. އުންމީދަކީ އަހަރެެމެން އެދޭ ގޮތަށް ހުރިހާ ކަމެއްވެސް ވުން. އެކަމަށް ޝައްކެއް ނެތް،" ޔަމާލް ބުންޏެވެ.
ވޯލްޑް ކަޕަށް ފިޓްވެ، މިހާރު މެޗުތަކުގައި ކުޅެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ޔަމާލް ވަނީ ބުނެފަ އެވެ. އަދި، ކުރިއަށް ހުރި މެޗުތަކުގައި ޓީމަށް އިތުރަށް އެހީތެރިވެދޭން ތައްޔާރަށް ހުރިކަން ފާހަގަކޮށް ޔަމާލް ބުނީ، ސްޕެއިން ފެންނަނީ ވަރުގަދަކޮށް ކަމަށް ބުނެފަ އެވެ. 
ސްޕެއިނުން ދެ ވަނަ މެޗުގައި އާދިއްތަ ދުވަހު ސައުދީ އަރަބިއްޔާއާ ކުޅޭއިރު، އެ ޓީމުން ފުރަތަމަ މެޗުން ވަނީ 1-1 އިން އުރުގުއޭއާ އެއްވަރުކޮށްފަ އެވެ. 
ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން، 2010 ވަަނަ އަަހަރު ހޯދި ސްޕެއިނުން އޭގެ ފަހުން، ވޯލްޑް ކަޕްގައި މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ. އަދި، ވޯލްޑް ކަޕްގައި އެންމެ ފަހުން ސްޕެއިނުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައިނުވެ އެވެ. ކޭޕް ވާޑްއާ އެއްވަރުވުމުގެ ކުރިން، އެންމެ ފަހުން ގަތަރުގައި ކުޅުނު ވޯލްޑް ކަޕްގައި ސްޕެއިނުން ވާދަކުރި ފަހު ތިން މެޗުގައި ވެސް މޮޅެއް ނުލިބެ އެވެ. ޖަރުމަނާ އެއްވަރުވިއިރު، ޖަޕާން އަތުންވީ ބައްޔެވެ. އަދި، މޮރޮކޯއާ ދެކޮޅަށް ގަދަ 16 ބުރުގައި ކުޅެގެން ޕެނަލްޓީ ޖަހައިގެން ކެޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ