ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އޮސްޓްރޭލިޔާއާ ދެކޮޅަށް ނުކުންނައިރު ބޭރުން އިވޭ އަޑުތަކަށް އެމެރިކާ ނުހެއްލޭނެ ކަމަށް މިޑްފީލްޑަރު ޓިމް ވިއާ ބުނެފި އެވެ.
އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޕެރަގުއޭ ކޮޅަށް ހަތަރު ލަނޑު ޖެހި ޓީމުގެ މިޑްފީލްޑަރު ވިއާ ބުނީ އޮސްޓްރޭލިޔާއިން ތުރުކީ ބަލިކުރި މެޗުގައި އެމީހުން ކޮޅަށް ގޯލު ޖެހުމަކީ ފަސޭހަ ކަމެއް ނޫންކަން ދައްކައިދީފައިވާ ކަމަށެވެ.
"އެ މީހުން ތުރުކީ މެޗުގައި ދައްކައިދީފި އެ މީހުން ކޮޅަށް ގޯލު ޖަހަން ފަސޭހަ ނުވާނެކަން. އެމީހުން ބަލި ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެހެންވީމާ ބޭރު ތެރެއިން އިވޭ އަޑުތަކަށް އަހަރުމެން ނުހެއްލޭނަން،" ވިއާ ބުންޏެވެ.
އޭނާ މިހެން ބުނީ އެމެރިކާގެ ކުރީގެ ކެޕްޓަން ލަންޑޮން ޑޮނޮވަން ގްރޫޕް ޑީގެ ފުލަށް ގޮސް މުބާރާތުން ކަޓާނީ އޮސްޓްރޭލިޔާ ކަމަށް ބުނުމުންނެވެ.
"އެ މީހުން ވަރަށް މޮޅު. އަހަރެންނަށް ވަރަށް ކަމުދޭ އެ މީހުން ޑިފެންސް ކުރާ ގޮތް. އެމީހުން ވަރަށް އޮގަނައިޒް. އެ މީހުން ތުރުކީއާ ދެކޮޅަށް ދެއްކީ މޮޅު ކުޅުމެއް،" ވިއާ ބުންޏެވެ.
ކެޕްޓަން ކްރިސްޓިއަން ޕުލިސިޗް އެންމެ ފަހުން ބޭއްވި ގިނަ ޕްރެކްޓިސްތަކުގައި ފަރިތަކޮށްފައިވަނީ ޓީމާ ވަކިންނެވެ. ނަމަވެސް މިރޭގެ މެޗަށް އޭނާ ފިޓް ކަމަށް ވިއާ ބުންނެވެ.
'އަހަރެންނަށް ފެންނަ ފެނުމުގައި މި މެޗަށް އޭނާ އެދިޔައީ ވަރަށް ރަނގަޅަށް ފިޓްވަމުން. އަހަރެންނަށް ބެލެވޭ ގޮތުގައި އޭނާ މި މެޗުގައި ކުޅޭނެ. އޭނާ ޓްރޭނަރުންނާއެކު ޓިމާ ވަކިން މަސައްކަތް ކުރީ ކޮންމެވެސް ވަރެއްގެ ތަދެއް ހުރުމުން،" ވިއާ ބުންޏެވެ.
މިހާތަނަށް މި ދެ ޓީމަށް ވެސް ތިން ޕޮއިންޓް ލިބިފައިވާތީވެ މި މެޗުން މޮޅުވާ ޓީމަކަށް މުބާރާތގެ ދެ ވަނަ ބުރު ޔަގީން ކުރެވޭނެ އެވެ.
ބޭރުން އިވޭ އަޑުތަކަށް އެމެރިކާ ނުހެއްލޭނެ، ޕުލިސިޗް ކުޅޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ