ޖީޓީއޭ 6 ޕްރީ-އޯޑަރަށް ހުޅުވާލާ ތާރީހު އިއުލާންކޮށްފި

ގްރޭންޑް ތެފްޓް އޮޓޯ 6 (ޖީޓީއޭ 6) ޕްރީ-އޯޑަރު ކުރެވޭނެ ތާރީހާއި އެ ގޭމްގެ ރަސްމީ ކަވަރު އާޓް ރޮކްސްޓާ ގޭމްސް އިން ދައްކާލައިފި އެވެ.
ގޭމް ކުޅޭ މީހުން އެންމެ އިންތިޒާރު ކުރަމުންދާ އެއް ގޭމް ކަމަށްވާ ޖީޓީއޭ 6 ޕްރީ-އޯޑަރު ކުރުމުގެ ފުރުސަތު ޖޫން 25 އިން ފެށިގެން ހުޅުވާލާނެ ކަމަށް އެ ގޭމް އުފައްދާ ކުންފުނިން ބުނެ އެވެ. މި ފުރުސަތު ޕްލޭސްޓޭޝަން ސްޓޯ ފަދަ ޑިޖިޓަލް މާރުކޭޓުތަކުގެ އިތުރުން ކަނޑައެޅިފައިވާ ވަކި ރީޓެއިލް ފިހާރަތަކުން ލިބޭނެ އެވެ.
ކުރިން 2025 ވަނަ އަހަރުގެ ބަހާރު މޫސުމަށާއި މެއި މަހަށް ތާވަލުކުރުމަށް ފަހު، ދެ ފަހަރެއްގެ މަތިން ގޭމް ނެރޭ ދުވަސް ލަސްކުރި އެވެ. ޖީޓީއޭ 6 ރަސްމީކޮށް ނެރުމަށް މިހާރު ހަމަޖެހިފައި ވަނީ ނޮވެމްބަރު 19 ގައެވެ. މި ގޭމް ނެރޭނީ ޕްލޭސްޓޭޝަން 5 އަދި އެކްސްބޮކްސް ސީރީޒް އެކްސް/އެސް އަށެވެ.
މި ސީރީޒްގެ އެންމެ ފަހުން ނެރުނު ޖީޓީއޭ 5 އަކީ 2013 ވަނަ އަހަރު ބާޒާރަށް ނެރުނު ގޭމެކެވެ. އެއީ މިހާތަނަށް ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ވިކިފައިވާ ގޭމެވެ.
ގޭމިން އިންޑަސްޓްރީއަށް އިރުޝާދުދޭ ކުންފުންޏެއް ކަމަށްވާ އެޕިލިއަން އިން 2025 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި، މިއީ 100 ޑޮލަރަށް ވުރެ އަގު ބޮޑުކޮށް ބާޒާރަށް ނެރޭ ފުރަތަމަ ގޭމަށް ވުން އެކަށީގެންވެ އެވެ.
ޕްރީ-އޯޑަރު ކުރެވޭނެ ތާރީޚު އިޢުލާނު ކުރުމުގެ އިތުރުން، ރޮކްސްޓާ އިން ވަނީ 30 ސިކުންތުގެ ވީޑިއޯއަކާއެކު މި ގޭމްގެ ރަސްމީ ކަވަރު އާޓް ވެސް ދައްކާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ