އިނގިރޭސި ކޯޗުގެ މުހިންމު ވަގުތުކޮޅު ހަރާބު ކޮށްލީ ކެމެރާމަނުން

އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ޝަކުވާ ކުރުމުން ވޯލްޑް ކަޕުގެ މީޑިއާ އުސޫލަށް ފީފާއިން ބަދަލު ގެނެސްފި އެވެ.
ޓުޗެލް ބުނީ މުބާރާތުގެ ފުރަތަމަ މެޗުގައި ކްރޮއޭޝިޔާ އަތުން 4-2އިން އިނގިރޭސިން މޮޅުވި މެޗުގައި އޭނާ އަށް އިނގިރޭސި ކުޅުންތެރިން ގައުމީ ސަލާމް ކިޔަމުން ދިޔަ މަންޒަރު ނުފެނުނު ކަމަށެވެ.
"ކެމެރާމަނުން މިތިބީ ވަރަށް ކައިރީގައި. މީގެ ސަބަބުން (އިނގިރޭސި ޓީމާއެކު ވޯލްޑް ކަޕުގައި) އަހަރެންގެ ފުރަތަމަ މެޗުގެ އިމޯޝަންސް އަހަރެންނަށް މިދިޔައީ ނުފެނި. ކެމެރާ މަނުންނާ ހެދި އަހަރެންނަށް އެއްވެސް ކުޅުންތެރިއަކު ގައުމީ ސަލާމް ކިޔަމުންދިޔަ މަންޒަރު ނުފެނުނު. މިއީ އަހަރެންގެ ފުރަތަމަ މެޗު. މި އިހުސާސްތައް ބަލަން އަހަރެން ބޭނުންވި. އެކަމަކު މިވަގުތުކޮޅު ހަރާބު ކޮށްލީ ކެމެރާމަނުން. ފީފާގައި އަހަރެން އެދެން ކެމެރާމަނުން މާ ކައިރީގައި ތިބެތީވެ މިކަން ހައްލު ކޮށްދޭން،" ކޯޗު ބުންޏެވެ.
އޭނާގެ މި ޝަކުވާތަކާ ހެދި ފީފާއިން ވަނީ މީގެ ފަހުން ޓީމުތަކުގެ އޮފިޝަލުންނަށް ކެމެރާމަނުންނާ ކުރިމަތިލައިގެން ތިބުމުގެ ބަދަލުގައި ކޮންމެވެސް އެއް ފަރާތެއްގައި ތިބުމުގެ ފުރުސަތު ދީފަ އެވެ.
ފީފާއިން ބުނީ ބޭނުންވަނީ ކަންކަން ހަރުކަށި ކުރުމުގެ ބަދަލުގައި ޝަކުވާތައް އަޑުއެހުމަށް ފަހު ރަނގަޅު ބަދަލުތައް ގެންނަން ކަމަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް ފީފާއިން ވަނީ ގައުމީ ސަލާމް ކިޔާއިރު ކުޅުންތެރިންނާއި އޮފިޝަލުންގެ އެތުރުން ބަދަލުކޮށްފަ އެވެ. ކުރިއާ ހިލާފަށް ފުރަތަމަ 11 ކުޅުންތެރިން ގައުމީ ސަލާމް ކިޔަން ދަނޑަށް އެރުމުގެ ބަދަލުގައި މިހާރު މުޅި ޓީމު ގައުމީ ސަލާމަށް ދަނޑުގެ މެދުގައިވާ ވަށްބުރު ވަށާލައިގެން ލިބޭނެ އެވެ. ފީފާއިން ބުނީ މި ބަދަލު ގެނައީ ވީހާ ވެސް ބޮޑަށް ސަޕޯޓަރުންނާ ގުޅޭނެ ގޮތަކަށް އަދި ކުޅުންތެރިންނަށް ވެސް މެޗުގެ ސީރިއަސްކަމާއި އިހުސާސް ކުރެވޭނެ ގޮތަކަށް ކަންކަން ބަދަލު ކުރުން ކަމަށެވެ. އަދި ގައުމީ ސަލާމަކީ ކޮންމެ ގައުމަކުން ވެސް އެންމެ ބޮޑަށް ހާއްސަކަން ދޭން ޖެހޭ އެއް ހަރަކާތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ