ޚަރަދު ކުޑަކުރަން މަޝްރޫއުތައް ދަންމާލުން ފަދަ ފިޔަވަޅު އެޅޭނެ، ނަމަވެސް ދަރަނި ވެސް ނަގަން ޖެހޭނެ: ޒަމީރު

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ސަރުކާރުން ޚަރަދު ކުޑަކުރަން މަޝްރޫއުތައް ދަންމާލުން ފަދަ ފިޔަވަޅު އަޅަން ވިސްނާފައި އޮތް ކަމަށާއި، އެފަދަ ފިޔަވަޅުތަކާއެކު ވެސް، ދަރަނި ވެސް ނަގަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. ޒަމީރު ވިދާޅުވީ މި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފައާއި އިރުޝާދު ހޯދާ ކަމަށާއި އެގޮތުން ރައީސް ވިދާޅުވެފައި ވަނީ، ހަނގުރާމަ ދިގުލައިގެން ދިޔަ ނަމަވެސް ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ޚިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަށް ކަންތައްތައް ރާވަން ކަމަށެވެ. އޭގެ ތެރޭގައި ބޭހާއި، ކާޑާއި، ތެލާއި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ފައިސާގެ ކަންކަން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. ޒަމީރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ލިބޭނެ ގެއްލުން ސަރުކާރުން އަންދާޒާ ކުރަމުންދާ ކަމަށާއި އެގޮތުން މިހާރު ލަފާކޮށްފައިވަނީ، ގާތްގަނޑަކަށް އެއް މަސް ދުވަހަށް ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ 85 މިލިއަނާއި 90 މިލިއަނާ ދެމެދުގެ ގެއްލުމެއްވާނެ ކަމަށެވެ. އެސްޓީއޯ ފާމަސީއެއް: ޚަރަދު ކުޑަ ނުކުރެވޭނެ ދާއިރާތައް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ސިއްހީ ދާއިރާ ހިމެނޭ ކަމަށް ޒަމީރު ވިދާޅުވި -- ފޮޓޯ/ އެސްޓީއޯ ހެލްތުކެއާ ސޮލިއުޝަންސް އެހެންވެ، ޚަރަދު ކުޑަ ކުރުމާ ގުޅޭ ސުވާލުތައް އުފެދިފައިވާތީ އެކަމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، ޚަރަދު ކުޑަ ނުކުރެވޭނެ ބައެއް ދާއިރާތައް ހުންނާނެ ކަމަށެވެ. "ރައީސް މިއަދު އަޅުގަނޑުމެންނަށް ދެއްވި އެއް އިރުޝާދަކީ ބޯހިޔާވަހިކަމާއި ސިއްހީ ކަންކަމަށް ވަރަށް ބޮޑު ޕްރަޔޯރިޓީއެއް ދޭން ޖެހޭނެއޭ، ސިއްހީ ދާއިރާގެ ކަންތައްތަކުގައި ރައްޔިތުންނަށް އުނދަގޫ ކަމެއް ނެތި ޚިދުމަތް ލިބުމަށް އަދި، ބޯހިޔާހިކަމުގައި މިހާރު ފަށާފައި ހުރި ޕްރޮޖެކްޓުތަކަށް ވެސް ހުއްޓާލަން ނުޖެހޭނެ ގޮތަކަށް،" ޒަމީރު ވިދާޅުވިއެވެ. އެހެންނަމަވެސް ހަނގުރާމަ ދިގުލައިގެން ދާ ނަމަ ޚަރަދުތައް ހަމަޖައްސަން ފިޔަވަޅު އަޅަން ޖެހޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ބައެއް މަޝްރޫއުތަކުގެ މުއްދަތު އިތުރު ކުރުން ފަދަ ފިޔަވަޅުތައް އެޅޭނެ ކަމަށެވެ. ޚަރަދު ކުޑަ ކުރުމާއެކު، ފައިސާ ހޯދަން ވެސް މަސައްކަތް ކުރަން ޖެހޭނެކަން ޒަމީރު ފާހަގަކުރެއްވިއެވެ. އެގޮތުން ތެޔޮ ގަނެވެން ވެސް އޮންނާނީ ބޭރު ފައިސާ ހޯދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. "ތެޔޮ އިމްޕޯޓް ކުރުމަށް ޓަކައި ބޭރު ފައިސާ، އެއީ އަޅުގަނޑުމެންނަށް ލިބޭ މަލްޓިލެޓެރަލް ބައެއް އޭޖެންސީތަކުންނާއި އަދި އަޅުގަނޑުމެންނަށް އިތުރަށް ޑެޓް ވެސް ނަގަން ޖެހޭނެ، މިކަހަލަ ކަންކަން ރާވައިގެން އަޅުގަނޑުމެން ގެންދާނީ، އޭގެ މާނައަކީ އަޅުގަނޑުމެން އެ ހުރިހާ ކަމެއް ހުއްޓާލާނީކީއެއް ނޫނޭ އެކަމަކު ކަންކަން ކުރެވޭނެ ގޮތަށް، ބޭނުންވާނެ ދަރަނި ހޯދައިގެންނާއި ކޭޝް ފްލޯ މެނޭޖްކޮށްގެން ކުރިއަށްގެންދާނީ،" ޒަމީރު ވިދާޅުވިއެވެ. ހުޅުމާލޭ ޕެޓްރޯލް ޝެޑް: ތެޔޮ އިމްޕޯޓް ކުރުމަށް ޓަކައި ވެސް، ބޭރު ފައިސާ ބޭނުންވާނެކަން ޒަމީރު ފާހަގަކުރެއްވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އޭނާ ވިދާޅުވީ މިހާރު ލިބޭ ރިޕޯޓުތަކަށް ބަލާއިރު، ގާތްގަނޑަކަށް ހަ މަސް ވަންދެން ހަނގުރާމަ ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް ހަނގުރާމަ ކުރިއަށްދާއިރު ވެސް، އާމްދަނީއަށް ލިބޭ ގެއްލުން ކުޑަކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން އަންނަނީ މެދުއިރުމަތީގައި އެ ދެ ގައުމުގެ މަސްލަހަތު އޮތް ތަންތަނަށް ހަމަލާ ދެމުންނެވެ. އޭގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫ އަރައިފައިވުމުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރޫޓްތަކުން ދަތުރުތައް ވަނީ މަދުވެފައެވެ. މީގެ އިތުރުން، ތެލުގެ ބޮޑެތި ޝިޕްމެންޓްތައް އުފުލާ ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ސަޕްލައި ޗެއިންއަށް ބުރޫ އަރައި ތެލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މި ދަނޑިވަޅުގައި ދުނިޔޭގެ ބޮޑެތި އިގުތިސާދުތައް ހިމެނޭ ގޮތަށް، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. އޭގެ ތެރޭގައި ޕެޓްރޯލާއި ޑީސެލް ވިއްކާ މިންވަރާއި އުޅަނދުތައް ދުއްވޭނެ މިންވަރު މަދުކުރުން ހިމެނެއެވެ. ރާއްޖޭން އެފަދަ ފިޔަވަޅުތައް ނާޅާތީ، ކަމާ ގުޅޭ މާހިރުން ހިމެނޭ ގޮތަށް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ