އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 5،000 އަށްވުރެ މައްޗަށް

އީރާނުގައި މިހާރު ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 5،000 އިން މައްޗަށް އަރާފައިވާ ކަމަށް އެގައުމުމުން ރިޕޯޓް ކޮށްފިއެވެ.
މިއީ އެ ގައުމުގެ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި ދާހިލީ ހަމަނުޖެހުންތަކެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، މި މުޒާހަރާތަކުގެ ތެރެއިން މިހާތަނަށް 3،300 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް، މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަސްލު އަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވުން އެކަށީގެންވާ ކަމަށްވެސް ބައެއް ނޫސްތަކުން ބުނެއެވެ. 
މި ހަމަނުޖެހުންތައް ފެށުނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ. މުޒާހަރާގެ މައިގަނޑު ސަބަބަކީ ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި، ފައިސާގެ އަގު ވެއްޓުމާއި، އަދި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ އާންމު ރައްޔިތުންނަށް އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވުމެވެ. އިގްތިސާދީ ދަތިތަކާ ހުރެ ފެށުނު މި މުޒާހަރާތައް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސިޔާސީ އިސްލާހަށް ގޮވާލާ ބޮޑު ހަރަކާތަކަށް ބަދަލުވެގެން ދިޔައެވެ. މި ހަރަކާތްތައް އީރާނުގެ 31 ޕްރޮވިންސަށް ފެތުރިގެން ދިޔައިރު، ވެރިރަށް ތެހެރާނާއި، މަޝްހަދު، އިސްފަހާން އަދި އުތުރު ހުޅަނގުގެ ކުރުދީ ސަރަހައްދުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.
އީރާނުގައި ތަކެތީގެ އަގުތައް ބޮޑުވެގެން ކުރި މުޒާހަރާގެ އޮއިވަރު ބަދަލުވެ، މުޒާހަރާތައް ފަހުން ވަނީ ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެފައެވެ. އީރާނު ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ހަމަނުޖެހުންތަކުގެ އަސްލަކީ އިސްރާއީލާއި، އެމެރިކާއެވެ. އެގޮތުން އެފަރާތްތަކުން ވަނީ ހަމަނުޖެހުންތައް ހިންގުމަށް ފައިސާދީ ހަތިޔާރުވެސް ފޯރުކޮށްދީފައެވެ. އެގޮތަށް ވަގަށް އެތެރެކުރަން އުޅުނު ބަޑިތަކެއް ވަރަށްފަހުން އީރާނުގެ ސަލާމަތީ ބާރުތަކުން އަތުލައިގަނެފައިވާކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ