7 ރަށެއްގައި އަސާސީ މުދާ ވިއްކަން އެސްޓީއޯއަށް އެޖެންޓުން ހޯދަނީ

އެސްޓީއޯއިން އަސާސީ 23 ބާވަތެއްގެ މުދާ ވިއްކަން 7 ރަށަކުން އެޖެންޓުން ހޯދަން އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - އެސްޓީއޯއިން އެޖެންޓުން ހޯދަން ހުޅުވާލި ރަށްތަކަކީ:
ހއ. ދިއްދޫ
ހއ. އިހަވަންދޫ
ރ. އަލިފުށި
ރ. ދުވާފަރު
ޅ. ނައިފަރު
ލ. ގަން
ގދ. ގައްދޫ
އެ ރަށްތަކުގައި އެޖެންޓުންގެ އަދަދު އެސްޓީއޯއިން ކަނޑައަޅާނީ އެ ރަށެއްގެ އާބާދީއަށް ބެލުމަށްފަހު އެވެ.
ތަފްސީލު - އެޖެންޓަކަށް ވާން ޝައުގުވެރިވާ ވިޔަފާރިވެރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 22 ޖެނުއަރީގެ މެންދުރު 3 އެވެ.
މިކަމަށް ޝައުގުވެރިވާ ވިޔަފާރިވެރިން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަކީ:
ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީ
ޖީއެސްޓީ ރެޖިސްޓްރޭޝަންގެ ކޮޕީ
އައިޑީ ކާޑުގެ ކޮޕީ
އެޖެންޓު ކަމަށް ހޮވާ ފަރާތާ ގުޅޭނެ ނަންބަރާއި އީމެއިލް
ކައުންސިލް ސިޓީ
އެޖެންޓުންނަށް ވާން ޝައުގުވެރިވާ ވިޔަފާރިތަކުން ހުށަހަޅާ އަގަކީ އާންމު އުސޫލެއްގެ މަތިން އެ ރަށަކަށް މާލެއިން އަސާސީ 23 ބާވަތް ގެންގޮސް، ވިޔަފާރި އުސޫލުން ކުރެވޭނެ އެންމެ ހެޔޮ އަގު ކަމުގައި ވާން ޖެހޭނެ އެވެ.
ހުށަހަޅާ އަގަކީ މާކެޓު ރޭޓަށް ވުރެ ބޮޑު އަގެއްކަން އެސްޓީއޯއަށް ފާހަގަވެއްޖެ ނަމަ، ބީލަން ހުށަހަޅާ ފަރާތާއި އެސްޓީއޯއާ ދެމެދު މަޝްވަރާ ކޮށްގެން، ދެ ފަރާތުން އެއްބަސްވާ އަގެއްގައި އެކަން ކުރަން ނިންމިދާނެ އެވެ.
އޭގެ އިތުރުން އެޖެންޓުން ރަށްރަށުގައި އެ ބާވަތްތައް ވިއްކާއިރު، އެސްޓީއޯއިން ކަނޑައަޅާ އަގުގައި ކޭހާއި ބަސްތާ ވިއްކުމުގެ އިތުރަށް ވަކިން ކިލޯއިން ވެސް ވިއްކަން ޖެހޭނެ އެވެ.
އެނގުން މުހިންމު - މުދާ ވިއްކަން ކުރާ ހަރަދާއި ރަށްރަށަށް މުދާ ގެންދިއުމަށް ދާ ނާލު އެޖެންޓު ފީއެއްގެ ގޮތުގައި އެޖެންޓުންނަށް އެސްޓީއޯއިން ދޭނެ އެވެ.
އެކަން ކުރާ ގޮތަކީ އެޖެންޓުން އެސްޓީއޯ ގުދަނުން މުދާ ގަންނަ ވަގުތުގައި ބިލުގެ އަދަދުން ކޭސް ނުވަތަ ބަސްތާއަކަށް ޖެހޭ އެޖެންޓު ފީއަށްވާ އަދަދު އުނިކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ