ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީން މޮޅެއް ހޯދައިފި ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީން މޮޅެއް ހޯދައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބް ގްރީން ސްޓްރީޓްސް 2-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން މުހިންމު މޮޅެއް ހޯދައިފި އެވެ.
ދިހަ ޓީމާ އެކު ކުޅޭ ދިވެހި ޕްރިމިއާ ލީގު، ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް، ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭނީ ލީގުގެ ކޮލިފިކޭޝަން ބުރުގަ އެވެ.
ލީގުގައި މިއަދު ހޯދި މޮޅާ އެކު، ޓީސީން ހަތް ވަަނައިގައި އޮތީ 15 މެޗުން 12 ޕޮއިންޓާ އެކު އެވެ. އަށް ވަަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ނުވަ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް 15 މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ އޮތީ ހަތް ޕޮއިންޓެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ޓީސީން ދެ ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، އެ ޓީމުން ފުރަތަމަ ލަނޑު ޖެހީ 60 ވަނަ މިނިޓްގަ އެވެ. މިއީ، ޓީސީގެ ގާނާ ފޯވާޑް، ޕްރިންސް ބޯޑު އޭރިއާތެރެއިން ޖައްސާލި ބޯޅައެއް ވޮލީއަކުން ގޯލަށް ވައްދާލައިގެން ހުސެއިން ޝަރީފް (ހުސީ) ޖެހި ގޯލެކެވެ. ހުސީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކުރިއަށް ނުކުމެ، ހުރި ގްރީން ސްޓްރީޓްސްގެ ނައިޖީރިއާ ކީޕަރު، އޯޖޯ ބޯމަތިިން ގޮހެވެ.
ޓީސީން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 74 ވަނަ މިނިޓްގަ އެވެ. މިއީ، ހުސީ ދިން ބޯޅައަކަށް އަރައި، މުހައްމަދު ދާނިޝް އިބްރާހިމް، ކީޕަރު އޯޖޯ ކައިރިން ނައްޓާފައި ޖެހި ގޯލެކެެެވެ.
ލީގުގެ ކުޅުން ދެން އޮތީ އަންނަ ބުރާސްފަތި ދުވަހުގެރޭގަ އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅޭނީ ކްލަބް އީގަލްސްއާ އެވެ. އެރޭ ކުޅޭ މެޗުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބުރު ސްޕޯޓްސް ކްލަބާ ބައްދަލުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ