ހިދުމަތުން ރިޓަޔާ ކުރެއްވިޔަސް ކަންކަން ކުރާނެ ހިތްވަރާއި ތަޖުރިބާ އެބަހުރި ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ މާލޭ މޭޔަރު ކެންޑިޑޭޓު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މޫސާ އަލީ ޖަލީލު އެހެން ވިދާޅުވީ އޭނާގެ ކެމްޕޭން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ދޮންމަނިކު ސްކައި ވިއުގެ ތިރީގައި ހުންނަ އެ ޖަގަހަ ހުޅުވައިދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.
ބުނީ ކީކޭ؟ - އެ ޖަލްސާގައި މޫސާ އަލީ ޖަލީލު ވިދާޅުވީ މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު ރައީސް މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުންތަކުގައި ރައްޔިތުން ބޭނުންވާ ކަންކަމާއި އެދޭ ބަދަލުތައް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ހުންނެވިއިރު އިހުސާސް ކުރެވުނު ތަފާތު ޝުއޫރުތައް އޭނާ ވަނީ ހިއްސާކުރައްވާފަ އެވެ.
"ގައުމީ ހިދުމަތުގައި ރެއާ ދުވާލު ވަރަށް ބުރަކޮށް މަސައްކަތްކުރި، ވަރަށް ހިތްވަރާ އެކު އެތައް ގުރުބާނީއެއްވި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހިތާހިތާ ކުރެވުނު އެއް ސުވާލަކީ ރައްޔިތުންނަށް ހިދުމަތްކުރަމުންދާ ރިޓަޔާވެފައި ހުރި މީހަކު މިހާރު ވީ ގެއަށް ވަދެ ފިލަންހޭ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހަށިގަނޑުގައި އަދިވެސް ހިތްވަރާއި ފަންވަރު އެބަހުރި. އަދި ހިދުމަތުގެ ތަޖުރިބާ ހުރި، އަޅުގަނޑު ކަހަލަ ހީވާގި ލީޑަރެއްގެ ފަހަތުގައި މަސައްކަތްކޮށްލަން އަތުކުރި އޮޅާލަންވީ ވަގުތު މި އައީ ރައީސް މުއިއްޒުގެ އަރިހުގައި މަސައްކަތްކުރަން އަޅުގަނޑުމެން ނުކުމެެގެން."
ތަފްސީލު - މޫސާ އަލީ ޖަލީލު ވިދާޅުވީ މިހާތަނަށް ހަވާލުވި ކޮންމެ މަސްއޫލިއްޔަތެއްގައި ވެސް އޭނާ އިސްކުރައްވާފައިވާނީ ގައުމުގެ މަސްލަހަތާއި ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭ މަގު ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މާލޭ ސިޓީގެ މޭޔަރަކަށް ވެސް އަޅުގަނޑު މި ނުކުންނަނީ މި ރޫހުގައި، މި އަޒުމުގައި،" އޭނާ ވިދާޅުވި އެވެ.
"ތިޔަ ލޮބުވެތި ރައްޔިތުންގެ ހިދުމަތުގައި އަޅުގަނޑު ހުންނާނީ 24 ގަޑިއިރު ތައްޔާރަށް. ގައުމީ ހިދުމަތް، ރޭދުވާ ހޭދަކޮށްގެން ދޭނީ ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމާއި މާލޭ ސިޓީއަށް މާ ޗާލު، މާ އުފާވެރި، މާ ހިތްގައިމު، އާ ޒަމާނެއް ހޯދައިދިނުމަށް."
އެނގުން މުހިންމު - ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ އިލެކްޝަންސްއިން ވަނީ ހުޅުވާލާފަ އެވެ. އަދި އިންތިހާބުގެ ވޯޓުލުން އޮންނާނީ އޭޕްރީލް 4 ގައެވެ.
ރިޓަޔާކޮށްފައި ގޭގައި؟ ނޫން، އަދިވެސް ހިތްވަރާއި ތަޖުރިބާ އެބަހުރި: މޫސާ އަލީ ޖަލީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ