ވިސާ ކާޑުން 15،000 ރުފިޔާ ހޭދަކޮށްގެން ވޯލްޑް ކަޕްގެ ފައިނަލް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލުން ފަށައިފި
މިއަހަރު އޮންނަ، ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް، ގައުމީ ބޭންކު ބީއެމްއެލުން މިއަދު ފަށައިފިއެވެ. ބީއެމްއެލުން ބުނީ، މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ ވިސާ އާ ގުޅިގެން ކަމަށެވެ. އެހެންކަމުން، މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ބީއެމްއެލްގެ ވިސާ ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް އެކަންޏެވެ. މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް އޮންނަ މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ކަސްޓަމަރުން ބީއެމްއެލްގެ މޯބައިލް އެޕް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ބޭންކުން އެދެއެވެ. ޕްރޮމޯޝަންގެ މުއްދަތުގައި ބީއެމްއެލްގެ ޕީއޯއެސް މެޝިނުން ވިސާ ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް، ނުވަތަ ކިއުއާރު ކޯޑު ސްކޭންކޮށްލައިގެން މަހެއްގެ މައްޗަށް 15،000 ރުފިޔާ ހޭދަކުރުމުން ގުރުއަތުގައި ހިމެނޭނެ ކަމަށް، ބީއެމްއެލުން ބުންޏެވެ. ބޭންކުން ބުނި ގޮތުގައި 15،000 ރުފިޔާއަށް ވުރެ އިތުރަށް ހޭދަކުރުމުން ލަކީ ޑްރޯއިން ހޮވުމުގެ ފުރުސަތު އިތުރުވެގެން ދާނެއެވެ. މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތުގެ އިތުރުން އޭނާ އިޚްތިޔާރުކުރާ މީހަކާއެކު، ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލައިލަން ދިއުމަށް ދެކޮޅު ޓިކެޓާއި ހުރުމުގެ ޚަރަދާއި ފައިނަލް މެޗުގެ ދެ ޓިކެޓު ލިބޭނެ ކަމަށް، ބީއެމްއެލުން ބުންޏެވެ. މިއަހަރުގެ ޖޫން މަހުގެ 11އިން ޖުލައި މަހުގެ 19އަށް ވޯލްޑް ކަޕް އޮންނާނީ އެމެރިކާއާއި ކެނެޑާއާއި މެކްސިކޯގައެވެ. 48 ގައުމަކުން ވާދަކުރާ މި ވޯލްޑް ކަޕަކީ އެ މުބާރާތުގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު މުބާރާތެވެ. ހަތަރު އަހަރުން އެއް އަހަރު އޮންނަ މި މުބާރާތުގައި މިހާތަނަށް ވާދަކުރަމުން އައީ 32 ގައުމަކުންނެވެ. މި އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗު އޮންނާނީ ޖުލައި މަހުގެ 19ވަނަ ދުވަހު މެންދުރުފަހު، އެ ގައުމުގެ ގަޑިން 3 ޖަހާއިރު އެމެރިކާގެ އީސްޓް ރުތަފޯޑުގައި ހުންނަ، ގާތްގަނޑަކަށް 93،000 މީހުންގެ ޖާގައިގެ މެޓްލައިފް ސްޓޭޑިއަމްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ