ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ދެން ގެއްލުވައި ނުލެވޭނެ: އުމަރު

ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ގެނައީ އެ ނިޒާމް ގެއްލިގެން ދާނެ ގޮތަށް ނޫން ކަމަށާއި އެ ނިޒާމު "ގެއްލުވައި ނުލެވޭނެ" ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އެލްޖީއޭގެ ފަސްވަނަ އަހަރީ ދުވަސް ފާހަކުރަން މިރޭ ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިނގުމުގެ ގާނޫނު ފާސްވެގެން އައީ ރާއްޖެ ސިޔާސީ ގޮތުން ވަރަށް ބޮޑު ހަލަބޮލި ކަމެއްގެ ތެރޭގައި އޮއްވާ އެ ހަލަބޮލި ކަމުގެ ތެރެއަށް ކަމަށާއި އޭގެ ސަބަބުން ވޭތުވެ ދިޔަ އަހަރު ތަކުގައި އެ ނިޒާމް ހިނގުމަށް އެތައް ބައިވަރު ގޮނޖެހުން ތަކެއް ހުރި ކަމަށެވެ.
"ކަން އެހެން އޮތަސް ލާމަރުކަޒީ ނިޒާމަކީ އެއްފަހަރު ބަލައިގަތުމަށް ފަހު އަލުން ދޫކޮށް ލެވޭނެ ނިޒާމެއް ނޫން. ރާއްޖޭގައި ދެން މިނިޒާމެއް ގެއްލުވައި ނުލެވޭނެ،" އުމަރު ވިދާޅުވި އެވެ. 
އުމަރު ވިދާޅުވީ ކޮންމެ ބައެއް، ކޮންމެ ސަރުކާރަކު ވެރިކަން ހިންގި ނަމަވެސް އެ ސަރުކާރެއްގެ ސިޔާސަތާއި އެއްގޮތަށް ލާމަރުކަޒކީ ނިޒާމުދާނީ ކުރިއަށް ދާނެ ކަމަށެވެ. ނަމަވެސް މުޅިން ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ރާއްޖޭގައި ގާއިމް ވާން އަދި ފަސް ވަރަކަށް އަހަރު ބޭނުން ވާނެ ކަމަށެވެ.
އެލްޖީއޭއަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް އުފެދިފައިވާ ކައުންސިލްތަކުގެ މަސައްކަތްތަށް ބަލައި އެ ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި، 2010 ވަނައަހަރު އުފެދިގެން އައި ގައުމީ މުއައްސަސާއެކެވެ. އަދި އެ މުއަސަސާއަށް ފަސް އަހަރު ފުރުމުގެ ރަސްމިއްޔާތުގައި އެ އޮތޯރިޓީން ވަނީ "ކަންގަތި" ނަމުގައި މަޖައްލާއެއް ވެސް ނެރެފަ އެވެ.
މިރޭގެ ރަސްމިއްޔާތުގައި އެލްޖީއޭގެ އަހަރީ ކޭކް ފެޅުން ވެސް އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ