ލޯބިން ދިރިއުޅެނިކޮށް އެކަކަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފިނަމަ އޭނާ ކުށްވެރިކުރުމުގެ ކުރިން ސަމާލުކަންދޭންޖެހޭނެ ކަންތައް-

ދެމަފިރިއަކު ލޯބިން ދިރިއުޅެމުންދަނިކޮށް އެކަކަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފިނަމަ ގިނަ ފަހަރު ޝައްކުކުރެވޭނީ އޭނާ ތިމާދެކެ ފޫހިވާންފެށީކަމަށެވެ. ނުވަތަ އެހެން މީހަކު ދެކެ ލޯބިވަނީ ކަމަށެވެ. މިއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.  
ޖިންނިން މީހުންނަށް ފާވާ ސަބަބުތަކުގެތެރެއިން އެއް ސަބަބަކީ ސިހުރު ހާހޫރައެވެ. ސިހުރު ހަދާ މީހަކު ޖިންނި ގެނެސް އެހީތެރިކަން ހޯދައި މިވެނި މީހަކަށް ނުވަތަ ބައަކަށް އަނިޔާކުރަން ބުނުމެވެ. އެހިސާބުން ޖިންނި ގޮސް އެމީހަކަށް ނުވަތަ އެބައެއްގެ މައްޗަށް ބާރު ފޯރުވައި ގެއްލުންދީ އަނިޔާ ކުރެއެވެ.  
މިފަދަ ހާލަތުގައި ވިސްނަންވެސް ނުއެނގޭ ފަދަ ބައެއް ކަންކަން މެދުވެރިވެއެވެ. މިސާލަކަށް ދުވަހަކު ދެބަސްވެ ޒުވާބު ނުކުރާ ދެމަފިރިންގެ މެދުގައި ކުދިކުދި ކަންކަމާއިހުރެ ބޮޑެތި ޒުވާބުތައް ކުރުވައެވެ. ދިރިއުޅުން ބޮޑު އަރާރުން ގަނޑަކަށް ބަދަލުކުރުވައެވެ. ޢާއިލާގެ މެދުގައި ކުދިކުދި ކަންކަމުގައިވެސް ރުޅިގަދަވެ ގައަށް އަތްލައި އަނިޔާ ކުރާ ޙާލަތަށްވެސް ކަންކަން ދެއެވެ. އަދި މިޒާޖުބަދަލުވެ މަޑުން ހުންނަންފެށުން ފަދަ ކަންކަންވެސް ހިމެނެއެވެ. 
ރަނގަޅުގޮތުގައި ދެމަފިރިން ދިރިއުޅެމުންދަނިކޮށް އެކަކަށް ނަމަވެސް މިފަދަ ބަދަލުތަކެއް އަންނަނަމަ އިށީނދެ ހަމަޖެހިލައިގެން ތިބެ އެކަމަށް ވިސްނަންވާނެއެވެ. ސިހުރާއި އެސްފީނާއިން ސަލާމަތްވުމަށް މަސައްކަތްކުރަންވާނެއެވެ. އަދި ދެމަފިރިންނަށް އެކަމަށް ކުރަންޖެހޭ ކަންކަން އަމިއްލައަށް ނުކުރެވޭނަމަ ރަނގަޅަށް ރުޤްޔާކުރަން ދަންނަ މީހެއްގެ އެހީތެރިކަން ހޯދަންވާނެއެވެ.  
ވީމާ ޖިންނިންނާއިމެދު ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ރައްކައުތެރިވާން މަސައްކަތްކުރަން ޖެހޭނެއެވެ. އަބަދުވެސް އުޅެން ޖެހޭނީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. ނަމަވެސް މިހާރަކަށް އައިސް މިކަންކަމަށް ސަމާލުކަން ދެނީ ވަރަށް މަދު މީހެކެވެ. ރައްކައުތެރިވުމުގެ ގޮތުން ކިޔަން ޖެހޭ ޛިކްރްތައް ހުރިކަން ވެސް ދަންނަނީ މަދު މީހެކެވެ. އެނގުނު ނަމަވެސް ދަސްކޮށް ކިޔައި އުޅެނީ ވަރަށް މަދު މީހެކެވެ.  
ސުންނަތުން އެނގެން ހުރި ދުޢާތައް ކުރާށެވެ! ކިޔަވަންހުރި ޛިކްރްތައް ކިޔަވާށެވެ! ކިތަންމެ ކައިރީގައި ހުރިތަނަކަށް ދިއުމަށް ނަމަވެސް ގެއިން ބޭރަށް ނުކުންނަނަމަ މިކަންކަން ނުކޮށް ނުނުކުންނާށެވެ!
 
- ޝައިޚް އަބޫ އިބްރާހީމް ޙުސައިންގެ ދަރުސަކުން
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ