ބަންގްލަދޭޝްއިން ރާއްޖެއަށް ދޭ އެއްބާރުލުމަކީ، ތަރައްގީއަށް ލިބޭ ބޮޑު އެހީއެއް: ރައީސް

ބަންގްލަދޭޝްއިން މިއަދު ފާހަގަކުރާ 55 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން، އެ ގައުމަކީ ރާއްޖޭގެ ތަރައްގީއަށް ބޮޑު އެހީއެއް ދޭ ގައުމެއްކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ. ރައީސް ވަނީ ބަންގްލަދޭޝްގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި ބޮޑުވަޒީރު ތާރިގް ރަޙްމާނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ފޮނުއްވަވާފައެވެ. ރައީސް ފޮނުއްވި ވަކިވަކި މެސެޖުތަކުގައި، މި އަހަރަކީ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 48 އަހަރު ފުރޭ އަހަރުކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ އިޙްތިރާމާއި، ހިއްސާކުރާ ގަބޫލުކުރުންތަކާއި އެއްގޮތް އުންމީދުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ބާއްވާ މަތީ ފަންތީގެ ބައްދަލުވުންތަކާއި ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ ސަބަބުން، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މި އެއްބާރުލުމުގެ ސަބަބުން ދެ ގައުމަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަމުގެ ފުރިހަމަ އިތުބާރު އޮތްކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ސަރަޙައްދީ ސުލްހަޔާއި ހަމަޖެހުމަށް ދެ ގައުމުން ދޭ އިސްކަމުގެ މައްޗަށް ބިނާވެފައިވާ ގާތް އަޚުވަންތަ ގުޅުން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ޒަމާނުއްސުރެ އޮތް ސަގާފީ ގުޅުންތަކާއި ރައްޔިތުންގެ މެދުގައި އޮންނަ ލޯތްބާއި އިތުބާރުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް މުއްސަނދިވަމުންދާކަން އެ މަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ވިޔަފާރިއާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ޞިއްޙަތާއި، ތަޢުލީމާއި ފަންނީ ދާއިރާތަކުން ބަންގްލަދޭޝްއިން ރާއްޖެއަށް ދެމުންދާ އެއްބާރުލުމަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ރާއްޖޭގެ ތަރައްގީއަށާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ. ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ ބަންގްލަދޭޝްގެ ރައީސަށާއި ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ބަންގްލަދޭޝްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހަޔާއި، ކުރިއެރުމާއި ތަނަވަސްކަމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ. ބަންގްލަދޭޝްގައި ގިނަ އަހަރުތަކެއް ވަންދެން އޮތް ޝައިޚް ހަސީނާގެ ވެރިކަން، ޒުވާނުން ނުކުމެ ވައްޓާލުމާ ގުޅިގެން އެ ގައުމަށް އާ ސަރުކާރެއް އިންތިޚާބުކޮށްފައިވަނީ މިދިޔަ މަހުގެ 12ގައެވެ. އެ އިންތިޚާބު ކާމިޔާބު ކުރައްވައިގެން ވެރިކަމަށް ވަޑައިގެންނެވި ބޮޑުވަޒީރު ތާރިގް ރަޙްމާންގެ ސަރުކާރުގެ ހުވާ ކުރުން އޮތީ މިދިޔަ މަހުގެ 17ގައެވެ. އެ ރަސްމިއްޔާތަށް ބަންގްލަދޭޝްއަށް ވަޑައިގެން، ރައީސް ވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ