ޑޮމެސްޓިކަށް ހުރަސްކުރާ ކަފިހިހުރަހުގެ ފުރާޅު ހަދަން ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މިހާރުގެ ޑޮމެސްޓިކް ޓާމިނަލަށް ހުރަސްކުރާ ކަފިހި ހުރަހުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ. މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތީގެ ނިޔަލަށެވެ. އެމްއޭސީއެލްއިން މަޢުލޫމާތު ދޭ ގޮތުގައި، މި މަރާމާތުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ރެއެއްގެ 12:00 އިން ފަތިހު 05:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި އެ ސަރަހައްދު ބަންދުވާނެތީ، އެއާޕޯޓަށް ދަތުރުކުރާ ޓެކްސީތަކާއި ބަސްތަކުގެ ރޫޓަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ޓެކްސީ އަދި ބަސް ދަތުރުތަކަށް އަންނަ ބަދަލުތައް: މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ޓެކްސީތައް މަޑުކުރާނީ، ޓާމިނަލް އެކެއްގެ ޑިޕާޗާ ގޭޓް އެކެއް އަދި ގޭޓް ދެއަކަށެވެ. މި ވަގުތުތަކުގައި ޓާމިނަލް ދޭއްގެ ޓެކްސީ ސްޓޮޕް ބަންދުވާނެއެވެ. އެމްޓީސީސީ ބަސްތަކުގެ ޚިދުމަތަށް ބަލާއިރު، ފަސިންޖަރުން ބޭލުމާއި ނެގުމަށް ބަސްތައް މަޑުކުރާނީ ހަމައެކަނި އެއާޕޯޓުގެ ހުޅަނގު ފަރާތު ސައިކަލް ޕާކިން ސަރަހައްދުގައި ހުންނަ ބަސްހުއްޓިއަށެވެ. މީގެ އިތުރުން، އެމްއޭސީއެލްގެ އިންޓާނަލް ބަސް ރޫޓް އެކެއް (އޭޓީސީ އިން އަންނަ ބަސް)ގެ ދަތުރުތައް ނިންމާލާނީ ޓާމިނަލް އެކެއްގެ ޑިޕާޗާ ގޭޓަށެވެ. އަދި ވޯޓާ ސަޕްލައިއަށް ދަތުރުކުރާ ބަސްތައް (ރޫޓް 2) ފަށާނީ ޓާމިނަލް ދޭއްގެ ކުރިމަތީގައި އޮންނަ ބުރު ކައިރިންނެވެ. އެމްއޭސީއެލްއިން މައުލޫމާތުދޭ ގޮތުގައި މި ބަދަލުތަކާއެކު ވެސް އެއާޕޯޓުގެ އެއްވެސް ބަސް ޝެޑިއުލްއަކަށް ބަދަލެއް ނާންނާނެއެވެ. ބަސް ރޫޓަށް ބަދަލު އަންނާނީ ހަމައެކަނި ކަނޑައެޅިފައިވާ ވަގުތުތަކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ