އުމައިރަށް އެވޯޑް ދިނަސް ދިވެހީންގެ ރާއްޖެ އޮތީ ރަތުގަ!

އުމައިރަށް އެވޯޑް ދިނަސް ދިވެހީންގެ ރާއްޖެ އޮތީ ރަތުގައެވެ. ޒާތްޒާތުގެ އެވޯޑް ދީގެން ކުލަބޮކި ދިއްލާ ހަވައަރުވާ އަތްޖެއްސަސް ރާއްޖޭގައި ރަތްބޮކި ނުދިއްލޭ، ރަތަށް ނާރާ އެއް ކަމެއްނެތެވެ. ކޮންމެވެސް ކަމަކާ ރަތަށް ނާރާ މީހަކު ނެތެވެ. ވާނީ އެހެން ތާއެވެ. މުއިއްޒު ދިއްލި ފެހި ސިގުނަލްތައް ވެސް ރަތްވެއްޖެއެވެ. އާމްދަނީއާއި ހޭދަ ނުބައްދަލުވެ އޮބި ނޯވެއެވެ. ނަމުގައި ބަޖެޓްު ޝާޕްލަހެވެ. 
ހަޒާނާ ރިކަރަންޓަށް ހަރަދުކޮށް ހުސްވެއްޖެއެވެ. ހަރަދު ކުރާނެ ފައިސާ ހުސްވެ އެންމެ ފަހުން ޕެންސަން ފަންޑްވެސް ހުސްވީއެވެ. ސަރުކާރު ހިންގަން ފައިސާ ނެތިގެން ޕެންސަން ފަންޑް މެދުވެރިކޮށް މަނީލޯންޑް ވެސް ކުރަނީއެވެ. 
ދިވެހި ފައިސާ ކިތަންމެ ވަރަކަށް ޖެއްސަސް ޑޮލަރެއް ނެތެވެ. އަންނަ އެޕްރީލް މަހު އެކަނިވެސް 500 މިލިޔަން ޑޮލަރގެ ދަރަނި ދައްކަންޖެހެއެވެ. އެތެރޭގެ ދަރަނި ބޮންޑާ ޓީބިލުގެ ގޮތުގައި ދައްކަން އޮތީ މަދެއް ސުމާރެއްކޮށް ނޫނެވެ.
ލެގަސީ ބޮޑުކުރަން ދުނިޔޭގެ އެންމެ ބޮޑު ޖައްރާފު ގެނެސްގެން ރަސްމާލެ ހިއްކަނީއެވެ. އެއަރޕޯޓް ކުންފުނި ދޮވެލައިގެން ރަސްމާލެ ހިއްކުމަކުން ނިމޭކަށް އޮތީއެއް ނޫނެވެ. އެތަނުގައި އާބާދުވެވޭނެ ދުވަހެއް ނޭނގެއެވެ. އާބާދު ކުރުން އެއްކިބާގައި އޮއްވާ ރާޖޫއާއި އެކުގައި ހެދި ޑީލު އުވާލުމުން ގެއްލުމުގެ ބަދަލަށް ރާޖޫއަށް ދޭންޖެހޭނީ ކިހާވަރެއް ކަމެއް ކޯޢްޗެއް ކަމެއް ނޭގެއެވެ. 
ދުނިޔޭގެ އެންމެ ބޮޑެތި ޖައްރާފްތައް ގެނެސްގެން ރަސްމާލެ އެ ހިއްކަނީކީ ހިލެޔަކު ނޫނެވެ. އެއަރޕޯޓް ކޮމްޕެނީގެ ދަރި ކުންފުންޏަކު ކުރުވާ މަސައްކަތުގެ އަގު ދައްކާނީ އެއަރޕޯޓުންތާއެވެ. ޖައްރާފު ތަކުގެ މަސައްކަތުގެ އަގަށް ރާއްޖޭގެ މައި އެއަރޕޯޓް ނުދީ ސަލާމަތް ވެއްޖެއްޔާ ރަނގަޅެވެ. 
ބަންކަރިން ހިދުމަތް ދިނުމުގެ ނަމުގައި ތެލުގެ ވަގުވިޔަފާރީގައި ދުނިޔޭގެ އެންމެ ނަން ހިނގާ ވިޓޯލުން އެސްޓީއޯ ކައި ހުސްކޮށް ފޮރިބުއި މަސް ގަނޑަކަށް ހަދާ ނިންމާލަނީއެވެ. ގޭހެއް ބޭހެއް މިހާރަކު އެސްޓީއަކު ނުހުރެއެވެ. ތެލާއި ގޭހާއި ބޭހަށްޖެހި ހުދުފުށް ވާކަށް ގިނަ ދުވަހެއް ނެތެވެ. 
ޑޮކްޓަރުންގެ އެޕޮއިންޓްމަންޓް ތިން ހަތަރު މަހަށް ދެމިގެން ގޮސް ބޭސް ފަރުވާ ނުކުރެވިގެން ރައްޔިތުން މަރަށް ތެޅެނީއެވެ. ކުރެވެން ހުރެ ރާއްޖޭން ނުކުރެވޭ ބޭސް ފަރުވާގެ ގިލަނުގައި އެތައް ހާސް ބަޔަކުޖެހި ބަލި މީހުންނާއެކު އާސަންދަ އޮތީ ނޭވާ ހޮޅިއަށް އެޅެފައެވެ. ގަވައިދުން ސާފުތާހިރުކޮށް ނުބެލެހެއްޓި ނުތާހިރުވެގެން ގޮސް މެއްސާއި މަދިރިއާއި ކުރަފީގެ ހާއްޔަކަށް އައިޖީއެމްއެޗް ބަދަލު ވެއްޖެއެވެ. ވޯޑްތަކުގެ ފާހާނާ ތަކުގެ ވާހަކަ ރަނގަޅީ ނުދެއްކުމެވެ. 
އާބާދީގެ ދެބައިކުޅައެއް ބަޔަށް ވުރެ ގިނަ މީހުން ތިބީ ދާއިމީ ބޮޑެތި ބައްޔަށް މުށްފުރާ ބޭސް ކާންޖެހިފައެވެ. ދައުލަތުގެ ހަރަދުގައި ކިޔަވަން ގޮސް ތިބި ކުދިން ބޭރުގައި އެތިބީ މަގުމަތިވެފައެވެ. ގައުމުގެ މަސައްކަތްކުރާ އުމުރުގެ އާބާދީއަށްވުރެ ދަށްފަންތީގެ މަސައްކަތުގައި އުޅޭ ބިދޭސީންގެ އާބާދީ ބޮޑެވެ. މިހާލަތުގައި ގައުމު އޮތްއިރު އަސްކަރީ ބާރުވެރިކަން ހޯދުމުގެ ނަމުގައި މިހާރުން މިހާރަށް ކުރަން ނުޖެހޭ ހަރަދުތަކެއް ޑްރޯނާއި ކަނޑު އުޅަދުފަހަރާއި ބަރުހަތިޔާރަށް އެބަކުރެއެވެ.
ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް ގައުމުގައި މާލީ ހަމަޖެހުމެއް އިގްތިސޯދީ ހަމަޖެހުމެއް ނެތެވެ. މިދާ ބާރުމިނުގައި ކަންކަން ގޯހުން ގޯހަށް ދާނަމަ ހަގީގަތުގައިވެސް ހިތިބޭސް މިފަހަރު ރައްޔިތުން ބޯންޖެހޭނެއެވެ. ކުރިއަށް އޮތްތާ ބޮޑުތަނުން ދަތިވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ