ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ
ފ. އަތޮޅާއި ދ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަން ހަމަޖެހިފައި ވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ، ފ. އަދި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައި ވާކަމަށެވެ. އަދި ފުރަތަމަ ހަފުތާގައި ކުރިއަށްދާނީ އާރްޓީއެލްގެ ޚިދުމަތަށް އެ ދެ އަތޮޅުގެ ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން ކުރާ ހިލޭ ދަތުރުތައްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މިނިސްޓްރީއިން ބުނީ ފުރަތަމަ ހަފުތާއަށްފަހު، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރިއަށްގެންދާނީ ޓިކެޓު ނަގައިގެން ކަމަށެވެ. މިނިސްޓްރީން ވަނީ ޓިކެޓު ނެގުމަށް ބޭނުންވާ ކަސްޓަމަރުންނަށް، އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓު ގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ބުނެފައެވެ. މިނިސްޓްރީން ބުނީ ތ. އަތޮޅުގައި މިހާރުވެސް މި ޚިދުމަށް ފޯރުކޮށްދެމުން ދާއިރު، ފ. އަތޮޅާއި ދ. އަތޮޅުގައި މި ޚިދުމަތް ފެށުމުން، ޖުމްލަ 14 އަތޮޅަކަށް މި ޚިދުމަތް ފުޅާވާނެ ކަމަށެވެ. އާރްޓީއެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އާރްޓީއެލް މަޝްރޫއަކީ މުޅި ރާއްޖެ ތިން ފިޔަވައްސަކަށާއި ހަ ޒޯންއަކަށް ބަހާލައިގެން ކުރިއަށްގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ. މިނިސްޓްރީން ބުނީ މި މަޝްރޫގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ކުޑަ އަގެއްގައި ކަނޑު ދަތުރުފަތުރު ކުރެވޭނޭގޮތް މަގުފަހިކުރުމާއި އިގްތިސާދީ އަދި އިޖުތިމާއީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ