ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް، ލައިވްކޮށް ދައްކާ ގޮތަށް އަލުން ފަށައިފި

ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގެ ޝަރީއަތް، ކްރިމިނަލް ކޯޓުގައި ތިން ފަނޑިޔާރުންގެ ބެންޗަކުން އަލުން ބަލަން ފަށައިފިއެވެ. ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި އޭޕްރީލް، 2017 ގައި ތޫނު އެއްޗެހިން އޭނާއަށް ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މައްސަލައިގައި ޖަނަވަރީ 2022 ގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ. އެ ދެ މީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި ނަމަވެސް ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ވަނީ ސަލާމަތްވެފައެވެ. ހައިޝަމާއި ޒިހާންގެ މައްސަލަ އެ މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުންވަނީ އެ މައްސަލައިގެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގައިފައެވެ. ހައިކޯޓުން ޑިސެންބަރު 31ގައި ކުރި އެ ހުކުމާއެކު ދެ މީހުން މިނިވަންކުރިއެވެ. ނަމަވެސް ހަމަ އެ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހައިޝަމާއި ޒިހާންގެ ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. އެ ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ ހައިޝަމާއި ޒިހާން މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ. https://sun.mv/216131 ކްރިމިނަލް ކޯޓުގައި މި މައްސަލަ އަލުން ބަލަން މިއަދު ފެށީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ކްރިމިނަލް ކޯޓުގައި އާއްމުކޮށް ކޮންމެ މައްސަލައެއްވެސް ބަލަނީ ވަކިވަކި ފަނޑިޔާރުން އެކަންޏެވެ. އެކަމަކު މީގެ ކުރިންވެސް ބެންޗުން ބައެއް މައްސަލަ ބަލައިފައިވެއެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަލުން ބަލަން ފެށި ބެންޗުގައި ހިމެނެނީ ގާޒީ އިބްރާހިމް އިހުސާން، ގާޒީ މުހައްމަދު މިސްބާހު އަދި ގާޒީ އަލީ ނަދީމެވެ. މި މައްސަލަ ކުރިއަށް ގެންދަނީ އޮންލައިންކޮށް ވަގުތުން ދައްކާ ގޮތަށެވެ. ފުލުހުންނާއި, އެ މައްސަލަ ބެލި މަރު ކޮމިޝަނުން ބުނާ ގޮތުގައި ޔާމީން މަރާލީ ދީނީ ގޮތުން ހުރި ދެބަސްވުންތަކެއްގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ