ޣައްޒާގެ ސުލްހަ ބެލެހެއްޓުމަށް އިންޑޮނޭޝިއާއިން އޭޕްރީލް މަހު 1،000 ސިފައިން ފޮނުވަނީ
ޣައްޒާގެ ސުލްހަ ގާއިމް ކުރުމުގެ ހަރަކާތުގައި ބައިވެރިވުމަށް އިންޑޮނޭޝިއާއިން އޭޕްރީލް މަހުގެ ކުރީކޮޅު 1000 ސިފައިން ފޮނުވުމަށް ތައްޔާރުވާ ކަމަށް އެ ގައުމުގެ ސިފައިންގެ ތަރުޖަމާނު ޑޮނީ ޕްރަމޯނޯ ވިދާޅުވެއްޖެއެވެ. ޕްރަމޯނޯ ވިދާޅުވި ގޮތުގައި ސިފައިން ފޮނުވުމުގެ އެންމެ ފަހުގެ ނިންމުން ނިންމާނީ އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯއެވެ. އަދި ޖޫން މަހުގެ ނިޔަލަށް 8000 ސިފައިން ތައްޔާރަށް ތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ސިފައިން ޣައްޒާއަށް ފުރުމުގެ ނިންމުން ބައިނަލްއަގްވާމީ ނިޒާމުތަކުގެ ދަށުން ނިންމާނީ ސަރުކާރުން." ޕްރަމޯނޯއާ ހަވާލާދީ ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އިންޑޮނޭޝިއާއިން އެގޮތަށް ބުނެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސަތުގެ ދަށުން ބާއްވާ ބޯޑް އޮފް ޕީސްގެ ފުރަތަމަ ރަސްމީ ބައްދަލުވުމަށް އެ ގައުމުގެ ރައީސް ސުބިއަންޓޯ މި ހަފުތާގައި އެމެރިކާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ޕީސް އޮފް ބޯޑު އެކުލަވާލާފައި ވަނީ ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްްޕް ހުށަހަޅުއްވި އެއްބަސްވުމުގެ ދަށުން އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ފާސްވެގެންނެވެ. އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައި އިމާރާތެއް ސުންނާފަތިވެފައި. ފޮޓޯ/ރޮއިޓާސް އިންޑޮނޭޝިއާގެ ޚާރިޖީ ވުޒާރާއިން ބުނީ ޣައްޒާގެ ސުލްހަ ބެލެހެއްޓުމުގައި އެ ގައުމުން ބައިވެރިވުމަކީ އެއްވެސް ސިޔާސީ ކަމެއް އެކަމުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އިންޑޮނޭޝިއާއަކީ އިސްރާއީލާއެކު ޚާރިޖީ އެއްވެސް ގުޅުމެއް ބާއްވާ ގައުމެއް ނޫނެވެ. "ފަލަސްތީނުގެ ރައްޔިތުންނަށް ގެދޮރު ދޫކުރަން މަޖުބޫރުކޮށްގެން ކުރާ ހުރިހާ މަސައްކަތެއް އިންޑޮނޭޝިއާއިން ތަކުރާރުކޮށް ދެކޮޅު ހަދަން." ޚާރިޖީ ވުޒާރާއިން ބުންޏެވެ. ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ އިންޑޮނޭޝިއާއަކީ އަޒަރުބައިޖާނާއި މިސްރާއި ގަތަރު ހިމެނޭ ގޮތަށް ޣައްޒާގެ ސުލްހަ ބެލެހެއްޓުމުގެ މަޝްރޫއު ފެށުމާ ގުޅޭގޮތުން އެމެރިކާއިން މަޝްވަރާކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ބައިނަލްއަގުވާމީ ބައިވެރިވުމާއެކު ޣައްޒާގައި ސުލްހަ ބެލެހެއްޓުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔުމުގެ މަގުސަދަކީ ޣައްޒާގައި ހަރަކާތްތެރިވާ އަސްކަރީ ޖަމާއަތްތަކަށް ހަތިޔާރު ބެހެއްޓުމަށް އެހީތެރިވުމާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެހީތެރިވުމާއި ފަލަސްތީނުގެ ފުލުހުން ތަމްރީން ކުރުމެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި އދ.ގެ އާންމު މަޖިލީހުގައި ސުބިއަންޓޯ ވަނީ އދ.އިން ގަރާރެއް ފާސްކޮށްފި ނަމަ ޣައްޒާގެ ސުލްހަ ބެލެހެއްޓުމަށް 20،000 ސިފައިން ފޮނުވުމަށް އެ ގައުމުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ