ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ރަށްތަކާ ގުޅޭ މައްސަލައިގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ނިންމި ބައެއް ނިންމުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ނިންމުންތައް ނިންމި ފަރާތްތަކާ ސުވާލުކުރަން ހާއްސަ އިންކުއަރީ ކޮމިޝަނެއް އުފައްދާނެކަން ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފި އެވެ.
މައްސަލައިގެ ފެށުން - ޗާގޯސް ނުވަތަ ފޯޅަވަހީގެ ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަން ރާއްޖެއިން ބަލައިގަނެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވީ 22 އޮގަސްޓު 2022ގަ އެވެ.
އެ ސިޓީފުޅު ރަސްމީ ސިފައެއްގައި އާންމުކުރީ މި ސަރުކާރުންނެވެ. އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމާ ބެހޭ ގޮތުން ކުރަމުން އަންނަ މަސައްކަތްތައް ހާމަކޮށް 19 ޑިސެމްބަރު 2023ގައި ނެރުނު ބަޔާނާ އެކީގަ އެވެ.
މި މައްސަލައިގައި ރާއްޖެއިން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަމަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ ހުކުމްކޮށްފަ އެވެ.
ވީ ކިހިނެއް؟ - އިޓްލޮސްގެ ހުކުމާ ދެކޮޅު ހައްދަވައި، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅު އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ އެ މައްސަލައިގައި ކުރީ ސަރުކާރުން ނިންމި ނިންމުންތަކާ ބެހޭ ގޮތުން ސުވާލުކުރަން ހާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދައި ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށެވެ.
"މި މައްސަލައާ ގުޅޭ ގޮތުން ނިމިދިޔަ ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް، މައްސަލައިގައި އައްޔަންކުރެވުނު ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، އެ ނިންމެވުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް، އެ ނިންމުންތައް ނިންމާފައިވާ ސަބަބުތައް ދެނެގަތުމަށާއި އެކަންކަމާ ގުޅޭގޮތުން ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ނަމަ އެކަން ކުރުމަށާއި އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް ކަންކަން އެކަށައެޅުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ)ގެ ދަށުން ކޮމިޝަން އޮފް އިންކުއަރީއެއް އުފައްދަން އަޅުގަނޑު ނިންމިކަން ވެސް އިއުލާންކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ނިންމައި އެކަން އިއުލާނު ކުރައްވާ ކަމަށެވެ.
އެނގުން މުހިންމު - އިޓްލޮސްގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ.
އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:
ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު
މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު
ނަމަވެސް، އިދިކޮޅުގައި އޭރު ތިބި އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީން ތުހުމަތުކުރީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. ކަނޑު ހޯދުމުގެ މަސައްކަތުގައި އިދިކޮޅުން ކުރި މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ ވެސް މުނައްވަރެވެ.
ސަރުކާރާ ހަވާލުވުމާ އެކު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ވެސް ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ހިމަނައި އެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފެށި އެވެ. އެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް ނަގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދި އެވެ.
ޗާގޯސް މައްސަލައިގައި މިދިޔަ ސަރުކާރުގެ އޮފިޝަލުންގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ