ރައީސް އޮފީހަށް ވަޑައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މިިއަދު ކުރެއްވީ ސިޔާސީ މަޝްވަރާތަކެއް ކަމަށް ވިދާޅުވި ވިޔަސް، އޭގެ ތަފްސީލް ދެއްވަން މި ވަގުތު އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ނަމަވެސް، މާމިގިލީ ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ވަނީ، ކުރިއަށް އޮތް އިންތިހާބުގައި އޭނާގެ ރަނިން މޭޓަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަނޑައަޅުއްވަން މަސައްކަތް ކުރައްވާ ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވާފަ އެވެ.
ވީ ކިހިނެއް؟ - ގާސިމް ވަނީ މިއަދު ހެނދުނު ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު ނިކުމެވަޑައިގެން ރައީސް އޮފީސް ކުރިމަތީ ތިބި ނޫސްވެރިންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ރައީސާ އެކު ބޭއްވެވި މަޝްވަރާތަކުގައި ވަކި ކަމަކާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވުނުތޯ ނުވަތަ ނޫންތޯ ވެސް ވިދާޅުވެވެން ނެތް ކަމަށެވެ.
ނަމަވެސް، އޭނާ ވަނީ ސިޔާސީ މަސްރަހުގައި އޭނާއާ ގުޅޭ ގޮތުން ދެކެވެމުން އަންނަ ބައެއް ވާހަކަތަކަށް ވަރަށް ކުރުކޮށް ޖަވާބު ދެއްވާފަ އެވެ.
ބުނީ ކީކޭ؟ - ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ވެސް ރައީސްކަން ކުރައްވާ ނަޝީދު ގާސިމްއާ އެކު، އޭނާގެ ރަނިން މޭޓެއްގެ ގޮތުގައި އިންތިހާބަށް ނުކުންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް ގާސިމް މިއަދު ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ އެފަދަ މަޝްވަރާއެއް އަދި އެފަދަ ހުށަހެޅުމެއް ވެސް އޭނާއާ ހަމައަށް އައިސްފައި ނުވާ ކަމަށެވެ.
ރައީސް ސޯލިހާ އެކު ކުރެއްވި މަޝްވަރާތަކާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ، މިހާރު ވެސް ޖުމްހޫރީ ޕާޓީ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށް ވާާތީ، އެ ކޯލިޝަނާ ގުޅޭ ވާހަކަތައް ވެސް މިއަދުގެ ބައްދަލުވުމުގައި ދެއްކެވި ކަމަށެވެ.
"ކޯލިޝަނާ ބެހޭ ގޮތުން ވެސް ވާހަކަ ދެކެވުނު. މިހާރު ވެސް މި އޮތީ ކޯލިޝަނެއްގައި ދެއްތޯ؟ ކޯލިޝަންގެ ވާހަކަ ދައްކާނެ ދެއްތޯ؟،" ވަކި ކަމަކަށް އެއްބަސްވެފައިވާކަން ނުވަތަ ނޫންކަން ވެސް ވިދާޅުވާން އުޒުވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.
ރައީސް ސޯލިހާ އެކު ކުރިއަށް ވަޑައިގަތުމާ ގޮތުން ގާސިމް ވިދާޅުވީ، އޭނާ އަކީ ޖޭޕީގެ ލީޑަރު ކަމަށާއި އޭނާ އަމަލުކުރައްވާނީ ޕާޓީގެ ކައުންސިލުން ނިންމާ ގޮތަކަށް ކަމަށެވެ.
"އަޅުގަނޑު އަދި ޑިސައިޑެއް ނުކުރަން،" ވަކިން އިންތިހާބުގައި ވާދަކުރައްވަފާނެތޯ ސުވާލު ކުރުމުން ގާސިމް ވިދާޅުވި އެވެ.
"މިވެނިހެންނޭ އަޅުގަނޑުމެން ނިންމީ، އެވެނިހެންނޭ، އެ ގޮތަށް އަޅުގަނޑަކަށް ނެތް ފާހަގަ ކުރެވޭކަށް... ކޯލިޝަން ހަދަން ނިންމާނީ ކައުންސިލުން ވަކި ގޮތަކަށް ނިންމީމާ."
ރައީސް ސޯލިހަށް ދެ ވަނަ ފަހަރަށް ތާއީދުކުރެއްވުމަށް ގާސިމް ކުރައްވާ ޝަރުތަކީ ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން އޭނާގެ ވިޔަފާރިއަށް ބޮޑު އަދަދެއްގެ ލޯނެއް ދިނުން ކަމަށް ބުނެ ދެކެވޭ ވާހަކަތައް ގާސިމް މިއަދު ތަކުރާރުކޮށް ދޮގުުކުރެއްވި އެވެ. އޭނާ ވިދާޅުވީ ރައީސާ އެކު ކުރެއްވި މަޝްވަރާގައި ވެސް އެފަދަ އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށެވެ.
"ދުވަހަކު ވެސް އަޅުގަނޑު ހުށައެއް ނާޅަން. އަދި ހުށައެއް ނުވެސް އަޅާނަން،" އެފަދަ ތުހުމަތެއް ކުރެވޭނެ ޖާގައެއް ވެސް ނެތްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.
އެނގުން މުހިންމު - މި ސަރުކާރުގެ އެއް ކޯލިޝަން ޕާޓުނަރު ގާސިމް ރައީސް ސޯލިހާ ބައްދަލުކުރެއްވި އިރު، ރައީސް ވަނީ މިހާރު ވެސް އޮތް ކޯލިޝަން ދެމެހެއްޓުމަށް ހުރިހާ ބައިވެރިންނަށް ވެސް ދައުވަތު ދެއްވާފަ އެވެ. އެ ދައުވަތާ ގުޅޭ ގޮތުން މިހާތަނަށް ގޮތެއް ނިންމާފައި ވަނީ އަދާލަތު ޕާޓީން އެކަންޏެވެ. އެ ޕާޓީން ނިންމާފައިވަނީ ރައީސްއާ އެކު ތިބުމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ގާސިމް އަދި ސީދާ ވަކި ގޮތެއް ނުނިންމަވަ އެވެ. މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ވަނީ، އެ ޕާޓީން އިންތިހާބުގައި ވާދަކުރުމަށް ކައުންސިލަށް ލަފާދީފަ އެވެ.
ގުޅުން ހުރި ކަމެއް - ރައީސް ސޯލިހަށް ފާޑުވިދާޅުވެ، ސަރުކާރުގެ މަސައްކަތް ލަސްކަމަށް ވިދާޅުވެ، ގާސިމް ވަނީ ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ނުސީދާކޮށް ވާހަކަދައްކަވާފަ އެވެ.
ރައީސް ސޯލިހާ މިހާރު އެންމެ ވާދަވެރި، އެމްޑީޕީގެ ރައީސް އަދި ރައީސްގެ ކުރީގެ ގާތް އެކުވެރިޔާ، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން ވަނީ ގާސިމްއާ ބައްދަލުކުރައްވައިފަ އެވެ. މި ފަހުން ގާސިމް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވަމުން ގެންދަވާއިރު، ނަޝީދު ގާސިމްގެ ރަނިންމޭޓަކަށް ނުކުންނަވާފާނެ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.
ނަޝީދު ރަނިން މޭޓަކަށް ހަމަޖައްސަން މަޝްވަރާއެއް ނުކުރަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ