ރަތްމަންދޫ ރައްޔިތުން ހުޅުމާލެއަށް ބަދަލު ކޮށްދިނުމަށް ރައީސްގެ ކިބައިން އެދިއްޖެ

އާބާދީ އެންމެ ކުޑަ ރަށްތަކުގެ ތެރޭގައި ހިމެނޭ މ.ރަތްމަންދޫގެ ރައްޔިތުން، ހުޅުމާލެއަށް ބަދަލުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
2014 ވަނަ އަހަރު ރާއްޖޭގައި ކުރިޔަށް ގެންދިޔަ އާބާދީއާއި މީހުން ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ ނަތީޖާތައް ދައްކާ ގޮތުގައި، މ.ރަތްމަންދޫގައި ދިރިއުޅެނީ 113 މީހުންނެވެ.
2014 ޖަނަވަރީ 15 ވަނަ ދުވަހު، އަތޮޅުތެރޭގެ ކުދި ރަށްރަށުގައި ދިރިއުޅެމުންދާ ފަރާތްތައް ހުޅުމާލެއަށް ހިޖުރަ ކުރަން ތައްޔާރު ވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ގޮވާލައްވާފައެވެ.
ރަތްމަންދޫ ރައްޔިތުން ރައީސްއަށް މިއަދު ފޮނުވި ޕެޓިޝަނާއި އެކު، އެރަށުގެ ހާލަތު ބަަޔާންކޮށްދޭ ލިޔުމެއްވެސް ވަނީ ފޮނުވާފައެވެ. އެ ލިޔުމުގައި، އެރަށު ސްކޫލުގެ ހާލަތާއި، ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތުގެ ވާހަކަތައް ވަނީ ފާހަގަ ކޮށްފައެވެ.
އެގޮތުން، ނަރުދަމާ ނިޒާމު ރަތްމަންދޫގައި ޤާއިމުކުރެވިފައި ނުވާއިރު، ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތް ރަށަށް ދެނީ އެރަށުގައި ކުރިން ކަރަންޓު ފޯރުކޮށްދިން ބާ އިންޖީނުގެއިން ކަން ވަނީ ބުނެފައެވެ. އަދި އެރަށުގައި ބަނދަރެއް ނެތި، ޖަނަރޭޓަރު ރަށަށް ބާލާނެ ގޮތެއް ނެތުމުގެ ސަބަބުން ފެނަކައިން ޖަނަރޭޓަރެއް ރަށަށް ނުގެނެވި ވާކަން ވަނީ ރިޕޯޓުގައި ބުނެފައެވެ.
އަދި ބަނދަރު ނެތުމުން މާލެ ދަތުރުކުރާ ބޯޓާއި ލޯންޗު ފަހަރު އެރަށަށް ނުޖައްސާތީ ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް ރަތްމަންދޫ ރައްޔިތުން ބުނެފައިވެއެވެ.
ރަތްމަންދޫއިން ރައީސަށް ހުށަހެޅި މި ޕެޓިޝަަނުގައި ސޮއިކޮށްފައި ވަނީ، އެރަށުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އާބާދީގެ ތެރެއިން 146 މީހުންނެވެ.
ރަތްމަންދޫގެ ރައްޔިތުން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި މި ޕެޓިޝަނުގެ ކޮޕީތައް، ސަރުކާރުގެ އިކޮނޮމިކް ކައުންސިލާއި، ސޯޝަލް ކައުންސިލްގެ އިތުރުން ހައުސިންގ މިނިސްޓްރީއަށް ވެސް ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ