ވޯކްސް ކޯޕަރޭޝަންގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނީ ރަނގަޅަށް: އޭސީސީ

ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންނަށް ގާނޫނާ ހިލާފަށް އިތުރު ގަޑީގެ ފައިސާ ދީފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީން މިހެން ބުނެފައި މިވަނީ ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ އިތުރުގަޑީގެ ފައިސާދޭން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ބައެއް މުވައްޒަފުން ލައްވައި އިތުރުގަޑީގައި މަސައްކަތް ކުރުވައި، ފައިސާ ދީފައިވާ ކަމަށް އެކުންފުނީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު ތައްޔާރުކުރި ރިޕޯޓްގަ އެވެ.
އޭސީސީން ބުނީ ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންނަށް އެ ކުންފުނީގެ "އެމްޕްލޯއިމަންޓް އެންޑް ބެނެފިޓްސް ޕޮލިސީ"އާ ހިލާފަށް އިތުރު ގަޑީގައި ފައިސާ ދީފައިވާ ކަމަށް އޮޑީޓް ރިޕޯޓްގައި ބުނެފައިވީ ނަމަވެސް އެކުންފުނީގެ މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ދޭން ހަމަޖައްސާފައިވަނީ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ކުންފުނީގެ ސެލެރީ ޕޮލިސީގެ ދަށުން ކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އޭސީސީން ބުނީ ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ އެމްޕްލޯއިމަންޓް ބެނެފިޓްސް އެންޑް ސެލަރީ ޕޮލިސީގައި ބަޔާންކުރާ ލެވެލް ފަހަކަށް ވުރެ ދަށް ލެވެލްގެ މަގާމުތަކުގައި މަސައްކަތްކުރި ބައެއް މުވައްޒަފުންނަށް ފިކްސްޑް އޯވަޓައިމް ދީފައިވަނީ އެ ފަރާތްތަކަކީ ފިކްސްޑް އޯވަޓައިމް ދިންއިރު ލެވެލް ފަހެއްގެ މަގާމުތަކާ އެއްވަރުގެ މަސްއޫލިއްޔަތާއި ޒިންމާ ނަގާ ފަރާތްތަކެއް ކަމަށެވެ. އަދި ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ ދޯނިފަހަރު ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފިކްސްޑް އޯވަޓައިމް ދިނުމަށް ނިންމާފައިވަނީ އެ މުވައްޒަފުންނަކީ ގިނަ ވަގުތު ކަނޑުމަތީ މަސައްކަތުގައި އުޅޭ މުވައްޒަފުން ކަމަށްވާތީ މަސައްކަތްކުރާ ވަގުތަށް ބަލާފައި އިތުރުގަޑީގެ ފައިސާ ދޭނަމަ ވަރަށް ބޮޑު އަދަދެއް ދޭން ޖެހޭނެތީ ކަމަށް ކޮމިޝަނަށް ބަޔާން ދިން ފަރާތްތަކުން ބުނެފައިވާ ކަމަށްވެސް އޭސީސީން ބުނެ އެވެ.
އޮޓިޑަ ޖެނެރަލްގެ އޮޑިޓް ރިޕޯޓްގައި ނ. ކުޑަފަރީ ބަނދަރު ހެދުމުގެ މަސައްކަތުގައި އުޅުނު ސްޕަވައިޒަރަށް 2011 ވަނަ އަހަރު ތެރޭގައި އިތުރުގަޑީގެ ގޮތުގައި އޭނާއަށް ހައްގުވާ އަސާސީ މުސާރައިގެ 146 އިންސައްތައަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ދީފައިވާކަން ފާހަގަކޮށްފައިވެ އެވެ.
މިމައްސަލާގައި އޭސީސީން ބުނީ ރަށްރަށުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ގިނަ ވަގުތު މަސައްކަތުގައި އުޅޭފަރާތްތައް ކަމަށްވާތީ އެ ފަރާތްތަކަށް އިތުރުގަޑީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދޭން ޖެހުމުން، އެ ފަރާތްތަކަށް ފިކްސްޑް އޯވަޓައިމްދޭ ގޮތަށް ވޯކްސް ކޯޕަރޭޝަނުން ނިންމާފައިވާތީ ސްޕަވައިޒަރަށް ފައިސާ ދީފައިވަނީ އެ އުސޫލުން ކަމަށެވެ.
އޭސީސީން އިތުރަށް ބުނީ ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ އެމްޕްލޯއިމަންޓް ބެނެފިޓް އެންޑް ސެލެރީ ޕޮލިސީއާ ހިލާފަށް ކުންފުނީގެ އެއްވެސް މުވައްޒަފަކަށް އިތުރުގަޑީގެ ފައިސާ ދީފައިވާކަން ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާތީ މިމައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ކޮމިޝަންގެ ތަހުގީގަށް ފާހަގަނުވާ ކަމަށެވެ. އެހެންކަމުން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވާ ކަމަށްވެސް އޭސީސީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ