ކުރިއަށް އޮތް ރޯދަ މަހުގައި ބާޒާރުގައި ކާބޯތަކެތޯގެ އަގުތައް މައްޗަށް ދާ ނަމަ އެ ތަކެތީގެ އަގު ކޮންޓްރޯލްކޮށް މުދާ ލިބޭނެ މަގު ތަނަވަސް ކޮށްދޭނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ، ރޯދަ މަހަށް ހާއްސަކޮށް ގެންނަން ހަމަޖެހިފައިވާ ކާބޯތަކެތީގެ ޝިޕްމަންޓްތަކަށް އޯޑަރުޖަހާފައިވާ ކަމަށާއި އެގޮތުން ފުރަތަމަ ޝިޕްމެންޓް މި މަހުގެ ކުރީކޮޅު މާކެޓަށް ނެރެވޭނެ ކަމަށެވެ. އެއަށްފަހު ވެސް ގަވާއިދުން އެހެނިހެން ޝިޕްމެންޓްތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ތަކެތީގެ އިތުރުން އެހެނިހެން މުހިންމު ކާބޯތަކެތި ވެސް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ. ހާއްސަކޮށް ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް އިސްކަންދޭނެ ކަމަށާއި އަސާސީ މުދަލެއްގެ އަގު އެކަށީގެން ނުވާ މިންވަރަކަށް މައްޗަށް ދާނަމަ، އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެސްޓީއޯ މެދުވެރިވެ، އަގު ކޮންޓްރޯލްކޮށް، މުދާ ލިބޭނެ މަގު ތަނަވަސްކޮށް ދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިވަގުތު އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ:
އެސްޓީއޯގެ މައިގަނޑު އެއް މަގްސަދަކީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުން ކަމަށާއި އެކަށީގެންވާ އަގެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އެތަކެތި ލިބޭނެ މަގު ފަހި ކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން، ކޮންމެ އަހަރެއްގެ ރޯދަ މަހަށް ވެސް އަސާސީ ކާބޯތަކެތި ފޯރުކޮށް ދިނުމަށް އިކޮނޮމިކް މިނިސްޓްރީ އާ ގުޅިގެން އެސްޓީއޯއިން ތައްޔާރީތައް ވެއެވެ.
ރޯދަ މަހަކީ ކާބޯތަކެތީގެ ޑިމާންޑް އިންތިހާއަށް މަތިވާ މޫސުމަކަށް ވުމާއެކު، އަގުތައް މައްޗަށް ދިއުމާއި ސަޕްލައި ޝޯޓޭޖްވުމަކީ އާންމުކޮށް ދިމާވާ މައްސަލައެކެވެ. މީގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ގައުމަކަށް ވުމާއެކު، ދުނިޔޭގެ މާކެޓަށް އަންނަ ބަދަލުތައް ދިރާސާކޮށް، ރާއްޖޭގެ ބާޒާރުގައި އުފެދޭ ޑިމާންޑާ އެއްވަރަށް މުދާ ފޯރުކޮށް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރު ވެސް ރޯދަ މަހަށް ބޭނުންވާ މުދާ ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުނިން ވަނީ ތައްޔާރުވެފައި ކަމަށް ބުނެއެވެ. ކުރީ އަހަރުތަކުގެ ތަޖުރިބާއާއެކު، މިއަހަރު ވަކިން ހާއްސަކޮށް ވަނީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލުއިވާނެހެން ކަންކަން ރާވާފައި ކަމަށާއި ބާޒާރުގެ އަގުތައް ދުވަހުން ދުވަހަށް މޮނިޓާކޮށް، އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ، އަވަސް ފިޔަވަޅު އަޅާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް މުދާ އިމްޕޯޓްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ވެސް ހަމަޖައްސާނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.
އެސްޓީއޯގެ މަގުސަދަކީ އުފެދޭ ޑިމާންޑާ އެއްވަރެއްގައި މުދާ ފޯރުކޮށްދީ މާކެޓްގައި ސަޕްލައި ގެޕެއް އުފެދި އޭގެ ބުރަ އާންމު ރައްޔިތުމީހާ އުފުލަން ޖެހުނަ ނުދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ރޯދައަށް ބާޒާރުގައި ކާބޯތަކެތީގެ އަގު ބޮޑުކުރާނަމަ އަގު ކޮންޓްރޯލް ކުރާނެ ކަމަށް އެސްޓީއޯ އިން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ