ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ކަމަށް މިސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ސަރުކާރަށް ކުރި ތާއިދު އަނބުރާ ގެންދިޔަ ކަން އިއުލާން ކުރަން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ "ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަނޑިޔާރަކު ވަގަށް ނެގިޔަސް، އެއީ ޓެރަރިޒަމްގެ މައްސަލައެއް ނޫން. ނަޝީދު އެނބުރި ވެރިކަމަށް އަންނާކަށް ބޭނުމެއް ނޫން. އެކަމަކު، އިންސާފު ލިބެން ޖެހޭނެ." ކަމަށެވެ.
އުމަރު ވިދާޅުވީ އެ މައްސަލައިގައި ކުރަން ޖެހޭނީ މީހަކު ވަގަށް ނެގުމުގެ ދައުވާ ކަމަށާއި އެއީ ދެ އަހަރުގެ ޖަލު ހުކުމެއް އަންނަ ދައުވާއެއްކަމަށެވެ.
އަދުލުވެރިކަން ވަނީ އެއްކޮށް ގެއްލިފައިކަމަށް ވިދާޅުވެ އުމަރު ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ މައްސަލަ އެއީ އޭގެ މިސާލެއްގެ ގޮތުގައި ދައްކަވާފައެވެ.
އިމްރާނަށް ޓެރަރިޒަމްގެ ދައުވާ ކުރެވިގެން ނުވާނެ ކަމަށް އުމަރު މިރޭ ވިދާޅުވިއެވެ. ރައީސް ނަޝީދު އާއި އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލެވި އެބޭފުޅުން ޖަަލަށް ލުމަށް ޙުކުމް ކުރިއިރު އުމަރު ހުންނެވީ ހޯމް މިނިސްޓަރު ކަމުގައެވެ. ނަމަވެސް މީގެ ކުރިން އެއިން އެއްވެސް މައްސަލައަކާއި ދެކޮޅަށް އުމަރު ވާހަކަފުޅެއް ނުދައްކަވައެވެ.
އުމަރު ވިދާޅުވީ "އަޅުގަނޑުމެންގެ ތާއީދާ އެކު މިކަހަލަ އަދުލު އިންސާފުން އެއްކިބާވެފައިވާ ސަރުކާރެއް ދެން ވެރިކަމަކަށް ނާންނާނެ." ކަމަށެވެ.
ޕާޓީތަކުގެ ތެރޭގައި މައްސަލަ އުފެދޭނެ ކަމަށާއި އެއީ މާލޫދު ކިޔާހެން ރައީސް ވިދާޅުވާހާ އެއްޗަކަށް އާނ ބަސް ނުބުނާތީ ކަމަށް އުމަރު ވިދާޅުވިއެވެ.
ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ނުކުރެވޭނެ – އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ