ހިތުގެ އާލާސްކަންފުޅެއްގައި ސިންގަޕޫރުން ފަރުވާހޯއްދަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފިލައިގެން އުޅޭނަމަ، ފުލުހުންގެ އެހީތެރިކަމާއެކުވެސް އޭނާ ގެންނާނެ ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ބުނެފިއެވެ.
މިކަން ހާމަކޮށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގާސިމް ބޭސްފަރުވާގެ މުއްދަތު އިތުރު ކުރުމާމެދު އަދި ގޮތެއް ނުނިންމާއިރު، އެ މުއްދަތު ހަމަވުމުން އޭނާ ފިލައިގެން އުޅޭނަމަ ފުލުހުންގެ އެހީތެރިކަން ހޯދާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ފުލުހުންގެ އެފަދަ އެހީތެރިކަމަކަށް އެދިފައި ނުވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ކަރެކްޝަންސް އިން މިގޮތަށް ބުނެފައިމިވަނީ، ތިން ފަހަރެއްގެ މަތީން ގާސިމްގެ ބޭސްފަރުވާއަށް ދިން މުއްދަތު އިތުރުކޮށްދީފައިވަނިކޮށެވެ. އެގޮތުން އެހެންމެ ފަހުން އޭނާއަށް ދިން ފަސް ދުވަހުގެ މުއްދަތު މާދަމާ ހަމަވާނެއެވެ.
ގާސިމް ސިންގަޕޫރުގައި ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، ދާދިފަހުން އޭނާގެ ހިތުގެ އޮޕަރޭޝަނެއްވެސް ކޮށްފައިވެއެވެ. ނަމަވެސް ގާސިމްގެ ބަލި ޙާލަތު އަދިވެސް ރަނގަޅު ނުވާކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ.
އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ގާސިމް އެނބުރި ރާއްޖެ ވަޑައިގަތުމަށްޓަކައި އެއާޕޯޓަށް ވަޑައިގެންނެވުމުން، ފްލައިޓަށް އޭނާ އަރުވަން އެއާލައިނުން ދެކޮޅު ހަދާފައިވާކަމަށް ޖުމްހޫރީ ޕާޓީން ބުނެފައިވެއެވެ.
އެ ޕާޓީން ބުނެފައިވާގޮތުގައި، ސިންގަޕޫރު އެއާލައިންސްގެ ފްލައިޓަށް ގާސިމް އެރުވުމަށް އެ އެއާލައިނުން ދެކޮޅު ހެދީ، އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށެވެ.
ކަރެކްޝަންސް އިން އެންމެ ފުރަތަމަ އޭނާއަށް ދިން 10 ދުވަހުގެ މުއްދަތު މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހަށް ހަމަވިއިރު، އިތުރަށް ދީފައިވާ 10 ދުވަސް ހަމަވީ، އެމަހުގެ 26 ވަނަ ދުވަހުގައެވެ.
ގާސިމް ރާއްޖެ ނައިސް ފިލައިގެން އުޅޭނަމަ ފުލުހުންގެ އެހީތެރިކަން ހޯދާނަން: ކަރެކްޝަންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ