މައުމޫން ހަމީދުގެ ވަރުގަދަ ޗެލެންޖްތަކެއް އެޗްއާރްސީއެމް އަށް

ޤާނޫނީ ވަކީލް މައުމޫން ހަމީދު ވަރުގަދަ ޗެލެންޖްތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް ކުރައްވައިފިއެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން އިއްޔެ ޓްވިޓާ މެދުވެރިކޮށް މައުމޫން ހަމީދު ހަ ޗެލެންޖެއް ވަނީ ކުރައްވާފައެވެ.
އެގޮތުން ފުރަތަމަ ޗެލެންޖަކަށް ބަޔާންކޮށްފައި ވަނީ، ގާނޫނާ އެއްގޮތަށް ރާއްޖޭގައި ހުރި އެންމެ ޖަލެއް ވެސް ދެއްކުމަށެވެ. އަދި  ދެވަނަ ޗެލެންޖަކަށް، މިވަަގުތު ދޫނިދޫ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ނައިބް ރައީސް އަދީބު ޖަލަކީ ކަސްޓޯޑިއަލް ޖަލެއް ނަމަ، އަދީބު އެތަނުގައި ބެހެއްޓުން ޤާނޫނާ އެއްގޮތް ވަނީ ކިހިނެއްތޯ ވަނީ ސުވާލު އުފައްދާފައެވެ.
އަދި ތިން ވަނަ ޗެލެންޖަކަށް، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަކީ ކުށްވެރިއެއް ނޫންކަމަށް ހެކި ތަކުން ސާބިތުވާއިރު، ނާޒިމް ހުންނެވީ ޖަލުގައި ކަން ވަނީ ބަޔާންކޮށްފައެވެ. އަދި ހަތަރުވަނަ ޗެލެންޖްގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ރެލީއެއްގައި ދެއްކެވި ވާހަކައެއްގެ ސަބަބުން ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ހުކުމް ކުރިއިރު، ހަމަ ރެލީގައި ބޮމެއް ގޮއްވާލުމަށް ބޮން ހެދި ކަމަށް ކޯޓުގައި އިއުތިރާފުވި މީހާއަށް އެއްވެސް ދައުވާއެއް ކޮށްފައިނުވާކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.
އަދި މީގެ އިތުރުން ފަސް ވަނަ ޗެލެންޖްގައި ވަނީ، ފައިސާ ގޯނި ހިފައިގެން ހިންގެވި ކަމަށް ވިދާޅުވާ މެންބަރަށް ގާނޫނީ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، ގާސިމް އިބްރާހިމާއި އަހުމަދު ފާރިސް މައުމޫންއަށް ރިޝްވަތުގެ ދައުވާކުރުމަކީ ހަމަހަމަކަން ނެތުން ކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި އެންމެ ފަހު ޗެލެންޖެއްގެ ގޮތުގައި މައުމޫން ކޮށްފައި ވަނީ، ރަހުމުކުޑަކޮށް މަރާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް މަގުފަހިކޮށްދޭން ޖެހޭއިރު، އޭގެ ބަދަލުގައި ފެނިގެން ދަނީ އެންމެން ނެތިކޮށްލާނެ ކަމުގެ ބިރު ދައްކަމުންދާކަން މަންޒަރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ