މަސްތުކޮށްގެން ކުއްޖަކު ރޭޕްކުރި މައްސަލަ އިސްތިއުނާފް ކުރުން ލަސްވުމުން ހައި ކޯޓުން މައްސަލަ ބޭރުކޮށްލައިފި

ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީގެން، އެކުއްޖާ މަސްތު ކުރުވައިގެން ޖިންސީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ސަލާމަތްވި މައްސަލައެއް ދައުލަތުން އިސްތިއުނާފް ކުރުން ލަސްވުމުން އެ މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފިއެވެ.
އަޝްރަފް އަލީ އާއި އިސްމާއީލް އާސިފް އަދި ހުސައިން ސީހާން 20 އެޕްރީލް 2014 ވަނަ ދުވަހުގެ 22:26 އެހާކަށްހާއިރު އަޝްރަފް ކުއްޖަކު ގޮވައިގެން ސްކޫލަށް ދިޔަ މަގުމަތީގައި، އަޝްރަފް ދިރިއުޅޭ ކޮޓަރިއަށް އެ ކުއްޖާ ވައްދައި އެކޮޓަރި ތެރޭގައި އޭރު ތިބި ޝީހާން އާއި އާސިފް އަދި އިތުރު މީހަކާ ބައިވެރިވެގެން އަޝްރަފް އެ ކުއްޖާއަށް މަސްތުވާތަކެތި ދީ، ފަހަރަކު މީހަކު އެ ކުއްޖާއާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އެ ތިން މީހުންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރިއެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެ ދައުވާ ސާބިތުނުވާ ކަމަށް ނިންމައިފައެވެ.
އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން ނުލިބި އޮއްވައި އިސްތިއުނާފްގެ މުއްދަތު ހަމަވުމުން ހައި ކޯޓުގައި ދައުލަތުން އެދުނީ މަގްބޫލު އުޒުރެއް އޮތް ކަމަށް ބަލައި، އިސްތިއުނާފް ކުރުމުގެ ހުއްދަ ދިނުމަށެވެ.
އެގޮތުން ފެބްރުއަރީ، 2017 ގައި އެ ހުއްދަ ވަނީ ދީފައެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފް ކުރުމަށް ޕީޖީ އޮފީހުން ހުށަހެޅީ އޭގެ ދެ އަހަރު ފަހުން އޮކްޓޫބަރު، 2019ގައެވެ. ޕީޖީން ބުނީ އަލުން އިސްތިއުނާފު ފޯމު ހުށަހަޅަންޖެހޭކަން ދައުލަތަށް އޭރު ގަބޫލު ކުރެވިފައި ނުވާތީ ފޯމު ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އާންމު އުސޫލުން އިސްތިއުނާފްގެ ހުއްދަ ދިނުމުން އަލުން ފޯމު ހުށަހަޅައި، ފީ ދައްކައި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.
އެ މައްސަލައާ ގުޅިގެން ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފް ކޮށްފައިވަނީ ހުއްދަ ދިންތާ ދެ އަހަރު ފަހުން ކަމަށާއި މި މައްސަލައިގެ އިސްތިއުނާފް ފޯމު ހައިކޯޓަށް ބަލައިގަންނަން ނިންމި ނިންމުމަކީ ސުޕްރީމް ކޯޓްގެ ސާކިއުލާއާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ އިސްތިއުނާފް މުއްދަތު ހަމަވިތާ މާ ގިނަ ދުވަސްވީ ފަހުން އެ މައްސަލަ ހުށަހަޅާފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ