އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް: މައުމޫން

ކުރިއަށް އޮތް 2018 ވަނަ އަހަރު ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިހާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތްކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާފަންނު ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އައިނަމަވެސް އިންތިޚާބުގެ ވާހަކަދެއްކުމުގެ ކުރިން ވިސްނާލަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށެވެ. ރައްޔިތުންގެ އެތަށް އުންމީދަކާއި ގުޅިފައިވާ ރިޔާސީ އިންތިޚާބަކީ ދައުލަތުން އެތަށް ފައިސާއެއް ޚަރަދުކޮށްގެން ކުރެވޭކަމެއްކަމަށާ އެހެންކަމުން ރިޔާސީ އިންތިޚާބު މިނިވަންކަމާއި އިންސާފުވެރިކަމާއިއެކު ބޭއްވޭނެކަން ކަށަވަރުވާންޖެހޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އިންތިޚާބު ބޭއްވުމަށް ގާނޫނުން ލާޒިމްކުރާ މުއައްސަސާއާއި، ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މިނިވަންކަން ގެއްލިފައިވާކަމަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިޚާބަކަށް ދެވޭނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބުމުންކަމަށެވެ. އަދި އެހެން ނޫންނަމަ އެއީ ކުރެވޭ ބޭކާރު ޚަރަދެެއްކަމުގައި ރައީސް މައުމޫން ސިފަކުރެއްވިއެެވެ.
ރައީސް މައުމޫން ވިދާޅުވީ ނަމެއްގައި އިންތިޚާބެއް ބޭއްވިދާނެކަމަށާ ނަމަވެސް އިންތިޚާބުގެ ނަތީޖާ ކޮމިޝަނުން އިއުލާންކުރާނީ ކިހިނަކުންތޯވެސް މިއަދު ސުވާލުކޮށްލަންޖެހިފައިވާކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު އަމަލުކުރަމުންދާގޮތަށް ބަލާއިރު، އެ ކޮމިޝަނުން އިސްވެ މިނިވަން އިންސާފުވެރި އިންތިޚާބެއް ރައްޔިތުންނަށް ހޯދާދެވިދާނެކަމާއިމެދު ސުވާލު އުފެދޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފަށާފައިވަނީ މުހިންމު އަދި ގައުމީ މަސައްކަތެއްކަމަށާ އެ މަސައްކަތުގައި ގިނަ ކާމިޔާބީތަކެއް މިހާރު ލިބިފައިވާކަމަށެވެ. އެގޮތުން މިއަދު ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އޮތް އެންމެ ބޮޑު ބާރަކީ ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރުންގެ ތަނަވަސް އަގުލަބިއްޔަތެއް އޮތުންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރަން ފަށަންޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަމަށާ މަޖިލީހުގައި އޮތް އަގުލަބިއްޔަތު ބޭނުންކޮށްގެން އެކަން ކުރެވޭނެކަމަށެވެ.
އަދި އޭގެ ފަހުން ރިޔާސީ އިންތިޚާބުގެ ވާހަކަދައްކަންޖެހޭކަމަށާ ގުޅިފައިވާ ޕާޓީތަކުގެ އަމާޒަކީ މަޖިލީހުގެ ތެރެއިން މިނިވަން ރިޔާސީ އިންތިޚާބެއް ހޯދުންކަމަށެވެ.
އަޅުގަނޑުމެން އިންތިހާބަކަށް ދެވޭނީ މިނިވަން އިންސާފްވެރި އިންތިހާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަން ލިބުނީމަ. އެހެން ނޫނީ އެއީ ބޭކާރު ކަމެއް" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ