ވޭމަންޑޫން ކަރަންޓް ކެނޑޭ މައްސަލަ ހައްލުނުވެއްޖެނަމަ އިންޖީނުގެ ބަންދުކުރާނަން: ކައުންސިލް

ތ ވޭމަންޑޫން ކަރަންޓް ކެނޑޭ މައްސަލަ ހަފްތާއެއްގެ ތެރޭގައި ހައްލު ނުވެއްޖެނަމަ ރައްޔިތުން ނިކުމެ ވޭމަންޑޫގެ އިންޖީނުގެ ބަންދުކުރާނެ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވޭމަންޑޫގެ ކައުންސިލަރު އަހްމަދު ފަތުހީ ވިދާޅުވީ ކަރަންޓްގެ މައްސަލައަށް ހައްލު ނުލިބޭތާ ގިނަދުވަސްތަކެއް ފާއިތުވެގެން ގޮސްފި ކަމަށާއި، މިއަދާ ހަމައަށް އައިއިރު ވެސް މިމައްސަލައަށް ހައްލު ނުލިބޭ ކަމަށެވެ. އަބަދުވެސް ކަރަންޓްގެ މައްސަލަ ހައްލު ކޮށްދޭނެ ކަމަށް ފެނަކާއިން ބުނި ނަމަވެސް އެއީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަދުނެއް ކަމަށާއި، ފެނަކާއިން މޭވަންޑޫގެ ކަރަންޓާއި ބެހޭ ގޮތުން މީޑިއާގައި ފަތުރަނީ ދޮގު މައުލޫމާތު ކަމަށް ފަތުހީ ވިދާޅުވި އެވެ.
ފަތުހީ ވިދާޅުވީ ކަރަންޓް ކެނޑޭ މައްސަލަ ހަފްތާއެއްގެ ތެރޭގައި ހައްލު ނުވެއްޖެނަމަ ރައްޔިތުން ނުކުމެ އިންޖީނުގެ ބަންދުކުރާނެ ކަމަށާއި، ރައްޔިތުން އިންޖީނުގެ ފެނަކާއާ ހަވާލުކުރީ ކަރަންޓުގެ ހިދުމަތް ހެޔޮއަގުގައި، ފެންވަރު ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ފެނަކާއިން އެއްބަސްވުމުން ކަމަށެވެ. އެކަމަކު ފެނަކައިން މިހާރު އެއްބަސްވުމާއި ހިލާފުވެ އެއްބަސްވި ގޮތަށް ހިދުމަތްދެމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ކަރަންޓް ބިލް އެތައް ގުނަ އެއް ބޮޑުވެފައިވާކަން ފާހަގަކުރައްވާ ފަތުހީ ވިދާޅުވީ ފެނަކައާ ހަވާލުކޮށްގެން އިންޖީނުގެ ހިންގުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި ވޭމަންޑޫގައި މިހާރު ކަރަންޓްދެނީ ފެނަކައިން ގެނަސްފައި ހުރި 323 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި ރައްޔިތުންގެ ހަރަދުގައި ގެނަސްފައިހުރި 220 ކިލޯވޮޓުގެ ޖަނަރޭޓަރަކުން ކަމަށެވެ. ފަތުހީ ވިދާޅުވީ ކަރަންޓްގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނީ 500 ކިލޯވޮޓުގެ ޖަނަރޭޓަރަކުން ކަމަށެވެ.
ފަތުހީ ވިދާޅުވީ ކަރަންޓް އިރުއިރުކޮޅާ ކެނޑޭތީ ރައްޔިތުންގެ މުދަލަށް ގެއްލުންވާ ކަމަށާއި، ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ވެސް އެކަމުގެ ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. ފަތުހީ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އެހެން ރަށްރަށުން 100 ވަރަކަށް މީހުން އެކިއެކި ކަންކަމުގައި ރަށަށް އަންނަ ކަމަށާއި ކަރަންޓް ކެނޑޭތީ އެމީހުން ކުރަން އަންނަ މަސައްކަތްތަކަށް ވެސް ބުރޫ އަރާ ކަމަށެވެ. އުއްމީދު ކުރަނީ ކަރަންޓު ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ލިބުން ކަމަށްވެސް ވިދާޅުވި އެވެ.
ވޭމަންޑޫއިން ކަރަންޓް ކެނޑުމާއި ގުޅިގެން އިއްޔެ ފެނަކައިން ބުނީ ކަރަންޓުގެ މައްސަލަ ހައްލުކުރަން 400 މެގަ ވޯޓުގެ ޖަނަރޭޓަރެއް ލޯޑުކޮށް ފޮނުވުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ