މެމްބަރު ހުސައިން މުހައްމަދު ފުލުހަށް ހާޒިރުވާން އެންގި އެންގުން ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލިހުގެ މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދަށް ފުލުހުގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާ އެންގުން ދާދި ދެންމެއަކު ކެންސަލްކޮށްފި އެވެ.
ފުލުހުން މިކަން ކެންސަލް ކުރިކަން ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވަނީ ވީނިއުސްއަށް ކަށަވަރުކޮށްދީފައެވެ. އެ ޕާޓީގެ ޕީޖީ ގުރޫޕްގެ މެންބަރު ހުސައިން މުހައްމަދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި އޮތީ މިރޭ 8:00 އަށެއް ޖަހާއިރަށެވެ.
ހުސައިން މުހައްމަދަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.
މީގެ ކުރިންވެސް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ގިނަ ބޭފުޅުންތަކެއްވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލްކޮށްފަ އެވެ. އެގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ތަކުރާރުކޮށް ފުލުހަށް ހާޒިރުކޮށްފައި ވާއިރު، އެޕާޓީގެ ނާއިބް ލީޑަރު އަބުދުﷲ ރިޔާޒުވެސް ވަނީ އެތަށް ފަހަރެއްގެ މަތިން ފުލުުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. އަދި އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ ދައުވާވެސް އުފުލާފައެވެ.
މީގެ އިތުރަށް ޖުމްހޫރީ ޕާޓީގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާއި، މެންބަރު އަލީ ހުސައިންވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ