ޔާމީން މަރާލި މީހުން ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފި

ސ. ފޭދޫ ޗަނބޭލީގޭ، ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވެފައިވާ އެންމެން ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފި އެވެ.
ޔާމީންގެ މަރުގެ މައްސަލާގައި އިންސާފު ހޯދައިދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައި މިވަނީ މިމައްސަލައިގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށް މިއަދު ނެރުނު ބަޔާނެއްގަ އެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ޔާމީން މަރުގެ މައްސަލާގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަން ފާހަގަކޮށް މިބަޔާނުގައި ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި މިމައްސަލައިގެ ތަހުގީގަށް ލިބެމުންދާ ކުރިއެރުމާއެކު ތަހުގީގު ކާމިޔާބު ކުރެވުމުގެ ބޮޑު އުއްމީދެއް ލިބިފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ރަހުމުކުޑަ މިއަމަލު ހިންގުމުގައި ބައިވެރިވި އެންމެހާ ފަރާތްތައް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނެސްދެވޭނެ ކަމުގެ ފުރިހަަމަ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވާ ކަަމަށެވެ.
ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓޫލާ، ސިޑި ކައިރިންނެވެ. ފުރަތަމަ ޔާމީން ފެނިފައިވަނީ އެގޭގައި ދިރިއުޅޭ މީހަކަށެވެ.
ޔާމީން މަރުވެފައިވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށް އައިޖީއެމްޗް ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑައިރުކޮޅެއްގެ ފަހުން ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
ޔާމިން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށްވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައިވާއިރު މެޔަށް އެކަނިވެސް 14 ހަމަލާއެއް ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ