އިންޑިއާގެ ވިޔަފާރި އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް

އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެ ބޮޑު ވިޔަފާރި ހަރަކާތެއް ކަމަށްވާ "4 ވަނަ އިންޑިއާ-އޭޝިއާ ބިޒްނަސް ކޮންކްލޭވް 2026" އަދި "އިކޯ ސަސްޓެއިން އެކްސްޕޯ 2026" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުޅުވާލައިފިއެވެ.
ގްލޯބަލް އިންޑިއާ ބިޒްނަސް ފޯރަމުން އިންތިޒާމުކުރާ މި ހަރަކާތްތައް އޮންނާނީ 2026 ވަނަ އަހަރުގެ ޖުލައި 31 އިން އޯގަސްޓް 1 އަށް އިންޑިއާގެ ހައިދަރުއާބާދުގައެވެ. މި އެކްސްޕޯތަކުގައި އޭޝިއާގެ 20 އަށްވުރެ ގިނަ ގައުމުތަކުގެ ވިޔަފާރިވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ޑިޕްލޮމެޓުންނާއި، ސިނާއީ މަންދޫބުންގެ އިތުރުން އިންވެސްޓަރުން ބައިވެރިވާނެއެވެ. އަދި އިންޑިއާގެ 500 އަށްވުރެ ގިނަ ކުންފުނިން މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ކޮންކްލޭވްގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ނެޓްވޯކްތައް ބިނާކުރުމަށާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، އިންޑިއާގެ އުފެއްދުންތެރިންނާއި، އެކްސްޕޯޓް ކުރާ ފަރާތްތަކާއި، ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކާ ސީދާ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އެކްސްޕޯގައި ރާއްޖޭގެ ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް ބައިނަލްއަގުވާމީ މައިދާނެއްގައި ދައްކާލުމުގެ ފުރުސަތު ލިބޭނެއެވެ. އޭގެ ތެރޭގައި އިންފްރާސްޓްރަކްޗާ، ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، ސިއްހީ ދާއިރާ، ތައުލީމު، ލޮޖިސްޓިކްސް އަދި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހިމެނެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިއީ ސަރަހައްދީ މާކެޓްތަކަށް ދިވެހި ވިޔަފާރިތައް ފުޅާކުރުމަށާއި، އިންވެސްޓްމަންޓްތައް ދަމައިގަތުމަށް ލިބޭ މުހިންމު ޕްލެޓްފޯމެކެވެ. މި ހަރަކާތުގެ ސަބަބުން އޭޝިއާ ސަރަހައްދުގެ ގައުމުތަކާއެކު އިސްތިރާތީޖީ ގުޅުންތައް ގާއިމުކުރުމަށް މަގުފަހިވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ