އީވާން މައްސަލައިގައި އެމްޑީޕީން ގަރާރެއް ހުށަހެޅީ މައުމޫން ހައްޔަރު ކުރަން: ސަރުކާރަށް ތާއީދުކުރާ މެންބަރުން

ދެހާސް ތިންވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު، މާފުށީ ޖަލުގައި މަރާލި މ. އޭޝިޔާ ހަސަން އީވާން ނަސީމުގެ މަރުގެ މައްސަލަ އާއި ސެޕްޓެމްބަރު 20 ވަނަ ދުވަހު ޖަލުގައި ބަޑިޖެހުމުގެ ސަބަބުން ގައިދީންތަކެއް މަރުވި ހާދިސާ ތަހުގީގު ކުރުމަށް ގޮވާލައި ހުށަހަޅުއްވި ގަރާރަކީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމު ހައްޔަރު ކުރުމުގެ މަގުސަދުގައި ހުށަހެޅުއްވި ގަރާރެއްކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވިދާޅުވެއްޖެ އެވެ.
މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވެވީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކެވެ.
މޫސަގެ ގަރާރަށް ވަހަކަ ދެއްކެވި މެންބަރުންގެ ތެރެއިން، އެމްޑީޕީގައި ހުންނެވުމަށްފަހު މިހާރު ޑީއާރްޕީއަށް ބަދަލުވެވަޑައިގެންފައިވާ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބުދުއްރަހީމް ވިދާޅުވީ، އެ ގަރާރު ހުށަހެޅުއްވީ އެމްޑީޕީން ކުރީގެ ރައީސް މައުމޫނުގެ މައްޗަށް ދައުވާ ކުރަން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމާއި ބާރު ނެތްއިރު އެ މައްސަލައާމެދު ބަހުސް ކުރުމަކީ ބޭކާރު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު މި ގަރާރަށް ބަހުސް ކުރުމަކުން ކުރެވޭނެ ކަމެއްނެތް. އެބޭފުޅުންގެ އަތުގައި ވެރިކަން އޮތް ދުވަހު މި ގަރާރަށް ބަހުސްކޮށް، ނުވަތަ މި މައްސލަތައް ފުލުހުންނާއި ސިފައިން މެދުވެރިކޮށް، ނުވަތަ ރިޔާސީ ކޮމިޝަން ހައްދަވައިގެން ބެއްލެވިނަމަ މަގުސަދު ހާސިލުވީސް. މި ގަރާރު ހުށަހެޅި މަގުސަދަކީ އެ ހާދިސާ ތަހްގީގުކޮށް މައުމޫނު އަބްދުލް ގައްޔޫމޭ ކިއުނު އޭރުގެ ރައީސުލް ޖުމްހޫރިއްޔާގެ ބޮލުގައި އިލްޒާމްތަކެއް އަޅުވައިފަ އެމަނިކުފާނު ޕްރޮސެކިއުޓް ކުރުމާ ހިސާބަށް ގެންދިއުން. އެކަމަކު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ވެރިކަމުގެ ތިން އަހަރު ނިމިގެން ދިޔައިރު ވެސް މައުމޫނުގެ ބޮލުގަ އެޅުވި އިލްޒާމްތަކުން މައުމޫނާމެދު ތަހްގީގު ކުރެވޭނެ ކުށްތަކެއްވެސް، އަދި އެހެނިހެން ކަންތައްތަކެއްވެސް ނުކުރެވިވާތަން. މޫސަ މިގަރާރު ހުށަހަޅާފައިވަނީ އެންމެ ސަބަބަކަށް އެއީ މައުމޫނާމެދު ދައުވާކުރަން،" އަބްދުﷲ އަބުދުއްރަހީމް ވިދާޅުވި އެވެ.
އަބްދުﷲ އަބުދުއްރަހީމް ވިދާޅުވީ، އީވާން ނަސީމުގެ މަރުގެ ހާދިސާ އާއި ޖަލުގައި ބަޑިޖެހި ހާދިސާއަކީ ފުރިހަމަ ތަހްގީގެއްކޮށް ފައިސަލާ ކުރެވިފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލަތަކަކީ ފައިސަލާކޮށް ނިމިފައިވާ މައްސަލަތަކެއްކަމުން އެމައްސަލަތައް ހުޅުވުމުގެ ބާރު ލިބޭ ހަމައެކަނި ފަރާތަކީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދެން ވިދާޅުވީ އީވާން ނަސީމުގެ ހައްގުތައް ހޯދައި ދިނުމަށް މިހާތަނަށް އެމްޑީޕީން މަސައްކަތްކޮށްފައިނުވާ ކަމަށާއި، އެކަން ކުރާނެނަމަ ވެރިކަމުގައި ތިބިއިރު އެކަން ތަހުގީގު ކުރީސް ކަމަށެވެ.
"އެމްޑީޕީން އީވާން ނަސީމުގެ ހައްގުތަކާމެދު ރައްޔިތުންގެ މަޖިލީޙުގައި ވަކާލާތު ކުރަމުންނެއްނޫން ދިޔައީ މިހާތަނާ ޖެހެންދެން ވެސް. އެމީހުން ސަރުކާރުގައި ތިބީރުގަ ވެސް ފިޔަވަޅެއް އެޅިތަނެއް ނުފެނޭ. އެ މައްސަލަތައް ވަނީ ފުރިހަމަ ތަހްގީގެއް ކޮށް ފައިސަލާކޮށް ނިންމައިފަ އަދި ހުކުން ތަކެއްވަނީ ކޮށްފަ،" އަބްދުﷲ އަބުދުއްރަހީމް ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވި މި ގަރާރަކީ ފުލުހުންނާ ސިފައިންނާއި ޝަރުއީ ދާއިރާގެ އަގު ވައްޓާލުމަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ.
" މިއީ ފުލުހުންނާ ސިފައިންނާއި ޝަރުއީ ކޯޓްތަކުގެ އަގު ވައްޓާކުމަށް ހުށަހަޅާފައިވާ ގަރާރެއް. އީވާން ނަސީމު މަރުވެދިޔަ ހާދިސާ ތަހްގީގު ކުރިކަން ނުދަންނަ ބަޔަކު މި ގައުމަކު ނޫޅޭނެ. ޝަރުއީ ކޯޓުތަކުން އެމައްސަލަ ސާބިތުވާ މީހުންނަށް ހުކުން އިއްވި ކަން ނޭނގޭ މީހަކުވެސް ނޫޅޭނެ. މިގަރާރުގައި މިއޮތީ މޫސާ މަނިކާއި އެމްޑީޕީން އުފެއްދި އަމިއްލަ ކޯޓުތަކުން އެ މައްސަލަ ނުބަލާވާހަކަ،" ރިޔާޒު ވިދާޅުވި އެވެ.
ނަމަވެސް އެމްޑީޕީ މެންބަރުން ވިދާޅުވީ އެ މައްސަލަ ތަހްގީގުކޮށް ނެރެފައިވާ ރިޕޯޓްގައި އެތައް ބައެއް މަދު ކަމަށެވެ. އެހެންކަމުން އެކަމުގެ ފުރިހަމަ ތަހްގީގެއް ކުރެވެން ޖެހޭނެ ކަމަށެވެ.
"އެކަމުގެ ތަހްގީގުކޮށް ނެރެފައިވަ ރިޕޯޓްގެ އެއްބައި ކާލާފައިވާތީ އެ ތަހްގީގު އެންމެ ރަނގަޅަށް ހިންގި، ޝަރީއަތަށް ހުށަހެޅިގެން ފުރިހަމަ ގޮތުގައި އިންސާފު ގާއިމް ކުރެވިގެންދާން ޖެހޭނެ،" އެމްޑީޕީގެ ތަރުޖަމާނު ރައްޔިތުންގެ މަޖިލީހުގެ މަފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ