ހުޅަނގު މޫސުން ފެށި ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް

ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ގަދަވަޔާ އެކު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް މެޓް އޮފީހުން މިއަދު ބުންޏެވެ.
މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒު "މިހާރު" އަށް ވިދާޅުވީ ކުރިއަށް އޮތް ހަތަރު ދުވަހު ވައި ގަދަވެ، ކަނޑު ގަދަވަނީ ބޭ އޮފް ބެންގަލް ކައިރީ ހެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށެވެ. އެ ކޮޅިގަނޑު މާދަމާގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ރާއްޖޭގެ ކަނޑުތައް ގަދަ ވާނެ ކަމަށާއި ކަނޑުދަތުރު ކުރާ ފަރާތްތަކުން އެ ކަމަށް ހާއްސަ ސަމާލުކަމެއް ދޭން އެދިވަޑައިގަތެވެ.
"އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވީމަ މި ސަރަހައްދަށް ވަރަށް ވައި ގަދަވެ، ކަނޑު ގަދަ ވާނެ. ކޮންމެހެން ކުރަން ޖެހޭ ކަނޑުދަތުރެއް ނޫނީ ނުކުރުން ރަނގަޅީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް މި ދުވަސްވަރު ރާއްޖެއަށް މި ކުރާ ވިއްސާރައަކީ އެ ކޮޅިގަނޑާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ހާފިޒް ވިދާޅުވި އެވެ. މިދިޔަ އަންގާރަ ދުވަހު ހުޅަނގު މޫސުން ފަށާފައިވާ ކަމަށާއި ރާއްޖެއަށް މިހާރު މި ވެހެނީ ހުޅަނގު މޫސުމުގެ ވާރޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެއަށް ރޭ ފަތިހު ވައިގަދަވެ، ބޯކޮށް ވާރޭ ވެހުމުން ހެންވޭރު ސަހަރާއިން ވެއްޓިފައިވާ ގަހެއް -- ފޮޓޯ: އެމްއެންޑީއެފް
ހާފިޒު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ ތިން ދުވަހު މުޅި ރާއްޖެއަށް ވާރޭ ވެހޭނެ އެވެ. އަދި މެދު ރާއްޖެ އާއި އުތުރުގެ އަތޮޅުތަކަށް ވަކިން ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ކުރަމުން ދިޔަ ވިއްސާރަ މަޑުޖެހިލުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ އިތުރުން އުދަ އެރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށް ސަމާލުކަން ބަހައްޓަން ވެސް އޭނާ އެދިވަޑައިގަތެވެ.
Yellow alert extended pic.twitter.com/vd62LkIkDv— Maldives Meteorology (@MetMaldives) May 15, 2020
މެޓް އޮފީހުން މިއަދު ކުރި ޓްވީޓެއްމީގެ އިތުުރުން މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ރީނދޫ އެލާޓް ވެސް ނެރެފަ އެވެ. މެންދުރު 3:00 އާ ހަމައަށް އެ އެލާޓް ނެރެފައިވާ އިރު، އެ ވަގުތު އެ އަތޮޅުތަކަށް 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެ އެވެ. ވިލާ ގަނޑުގައި ގަޑިއަކު 50 މޭލުގައި ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މާލެއަށް ރޭ ފަތިހު ކުރި ވިއްސާރާއިގައި ގަސްތަކެއް ވެއްޓި، އެކި ވަރުގެ ގެއްލުން ވެފައި ވެ އެވެ. އެ ގަސްތައް ނެގުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ވަނީ ފަށާފަ އެވެ. އިއްޔެ އައްޑޫއަށް ކުރި ވާރޭގައި 151 ގެއަކަށް ފެންވަދެފައި ވެ އެވެ. އަދި 400 ވަރަކަށް މީހުން ހާލުގައި ޖެހުނު ކަމަށް ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ