އަޅުގަނޑަށް އެނގިގެން، އަޅުގަނޑު އަންގައިގެން ޖަލުގައި އެއްވެސް މީހަކަށް އަނިޔާކޮށްފައެއް ނޯންނާނެ: މައުމޫން

ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވިއިރު އެ މަނިކުފާނަށް އެނގިވަޑައިގެން ވެސް އަދި އަންގަވައިގެން ވެސް ޖަލުގައި އެއްވެސް މީހަކަށް އަނިޔާކޮށްފައި ނުވާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އިއްޔެ ދި އެފްއެމް ވަންޓް ވަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެ އެވެ.
"ވަރަށް ސާބިތުކަމާ އެކު މި ދަންނަވަނީ އެއްވެސް ދިވެހި ރައްޔިތަކަށް ނަހައްގުން އަދަބެއް ދީ، އަނިޔާއެއްކޮށްފައެއް ނޯންނާނެއޭ އަޅުގަނޑަށް އެނގިގެން ނުވަތަ އަޅުގަނޑު އަންގައިގެން ނުވަތަ އަޅުގަނޑު ބުނާ ގޮތަކަށް ކަންތައް ކޮށްގެން. އެކަމެއް އެހެން ކޮށްފައެއް ނޯންނާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޖަލުގައި އަނިޔާކޮށްގެން ވެސް އަދި އެހެން ގޮތްގޮތުން ނަހައްގުން އަނިޔާ ކުރާ ކަމުގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށާއި އެކަން ބައްލަވަން ވާ ވަރަށް ބައްލަވާފައިވާނެ ކަމަށެވެ. އަދި ބައެއް މައްސަލަތަކާ ގުޅޭ ގޮތުން އެކިއެކި ކޮމިޝަންތައް ހެދުމުގެ އިތުރުން އަނެއް ބައި މައްސަލަތައް ޝަރީއަތަށް ފޮނުވާ ވަރަށް ހެއްކާއި ގަރީނާ ހުރި ނަމަ އެ މައްސަލަތައް ވެސް ޝަރީއަތަށް ފޮނުއްވާފައިވާނެ ކަމަށެވެ.
"އަދި ބައެއް މީހުންގެ މައްޗަށް އެބަހުރި ކުށް ސާބިތު ވެގެން އަދަބު ވެސް ދީފައި. އެއީ އަނިޔާ ކުރުމުގެ ކުށް ނުވަތަ ނަހައްގުން އަދަބު ދިނުމުގެ ކުށް. އެހެންވީމަ އަޅުގަނޑަށް އެނގިގެން ނޯންނާނެ އެއްވެސް މީހަކަށް އަނިޔާކޮށްފައެއް. އަދި އެކަމުގެ ޝަކުވާ ލިބިއްޖިއްޔާ ނުބަލާ އެއްވެސް މައްސަލައެއް ވެސް ނޯންނާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ރީކޯ މޫސައަށް މައުމޫންގެ ވެރިކަމުގައި 14 އަހަރު ދުވަސް ވަންދެން ޖަލުގައި އަނިޔާ ކުރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން މީހަކު އެސްއެމްއެސްއަކުން ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސް މައުމޫން އިތުރަށް ވިދާޅުވީ ރީކޯ މޫސަ ޖަލަށް ލެއްވި ނަމަ ކޮންމެވެސް ހުކުމެއް ސާބިތުވެފައި އޮންނާނެ ކަމަށެވެ.
"ކޮންމެވެސް ކުށެއް ސާބިތުވެގެން ޖަލަށް ދާނީ. އެ ނޫން ގޮތަކަށް ޖަލަށް ނުދާނެ. އެހެންވީމަ އެއީ ދެން އެއާ ދޭތެރޭގައި އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް އަޅުގަނޑު ދެކެން،" ރައީސް ކަމުން ވަކިވެ ވަޑައިގެން އާންމުންގެ ސުވާލުތަކަށް ޕްރޮގްރާމެއްގައި ފުރަތަމަ ފަހަރަށް ލައިވްކޮށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވި އެވެ. "ތިޔަ ވިދާޅުވި ބޭފުޅަކު ]ރީކޯ މޫސަ[ 2000 ވަނަ އަހަރު އައްޑުވަސް ނޫހުގައި ވިދާޅުވެފައި އޮތް ވާހަކައެއް. ސުވާލު ކުރާ މީހަކު ސުވާލު މި ކުރަނީ ފިލްމީ ދާއިރާ ކުރިއަށް ދިއުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޮންކަމަކާތޯ ތިޔަ ބޭފުޅަކު ]ރީކޯ މޫސަ[ ޝުކުރު އަދާކުރަން ބޭނުންފުޅުވަނީ ކޮން ބޭފުޅަކަށްތޯ؟ އެ ބޭފުޅަކު ވިދާޅުވަނީ ތިމަންނަ ޝުކުރު އަދާކުރަން ބޭނުންވަނީ މައުމޫން އަބްދުލް ގައްޔޫމަށޭ. އެއީ ޒާތީ ގޮތުން ވެސް އަދި ރަސްމީ ގޮތުން ވެސް ދިވެހި ފިލްމީ އިންޑަސްޓްރީ ކުރިއަށް ގެންދިއުމުގައި އޭނަ ކޮށްދީފައިވާ ބުރަ މަސައްކަތްތަކުގެ ސަބަބުންނޭ. އެހެން ވިދާޅުވެފައި ވަރަށް ގިނަ ތައުރީފުގެ ބަސްތައް ތިޔަ ވިދާޅުވި ބޭފުޅަކު އަޅުގަނޑާ އެބައޮތް މުހާތަބު ކުރައްވާފައި 2000 ވަނަ އަހަރު ނުކުން އައްޑުވަސް ނޫހުގައި. މިހާރު ވެސް ބައްލަވާ."
ރައީސް މައުމޫނުގެ އަނބިކަނބަލުންގެ ބޭބެ އަދި ކުރީގެ ހެލްތު މިނިސްޓަރު އިލްޔާސް އިބްރާހީމްގެ މައްޗަށް ހުކުމެއް ކޮށްފައި ވަނިކޮށް އޭނާއަށް އަލުން ވަޒީރުކަން ދެއްވީ ކީއްވެތޯ އީމޭލުގެ ޒަރީއާއިން މީހަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް މައުމޫން ވިދާޅުވީ އިލްޔާސަކީ ވަރަށް ގާބިލް ބޭފުޅެއްކަން ރައްޔިތުން ދަންނާނެ ކަމަށާއި އޭނާގެ ހިދުމަތް ހޯދުމުން ފައިދާ ލިބޭނީ ދިވެހި ރައްޔިތުންނަށް ކަމަށްވާތީ އެކަން އެގޮތަށް ކުރެއްވީ ކަމަށެވެ. އަދި ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ކުށެއް ސާބިތުވެގެން ނުވަތަ ވަޒީފާ އިން ވަކި ކުރެއްވުމަށް ފަހު އަނބުރާ ވަޒީފާއަށް ގެންނެވީ "ހަމައެކަނި އަޅުގަނޑުގެ އަންހެނުންގެ ބޭބެއް ނޫން" ކަމަށެވެ.
"އޭގެ ތެރެއިން އެއް ބޭފުޅަކީ އަހުމަދު ނަސީމް. ހިކިފިނިފެންމާގޭ އަހުމަދު ނަސީމް] މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު[. އޭނަ އަކީ 1980 އިގެ ބަޣާވާތުގައި ކުށްވެރިވެގެން ހުކުމް ކޮށްފައި ހުރި މީހެއް. އެހެން ނަމަވެސް އެކަން ދިޔައީމަ އަޅުގަނޑު އަނބުރާ އޭނަ ސަރުކާރުގެ އިސް މަގާމެއްގައި ބެހެއްޓީ. އަދި އެ ނޫން ބޭފުޅުން ވެސް އެބަތިއްބެވި. މިސާލަކަށް ކަރޯ އައްބާސް އިބްރާހީމް. އެއީ ،1988 ނޮވެމްބަރު 3 ގެ ހާދިސާގައި ކުށްވެރިވެގެން ޖަލަށް ލާފައި ހުރި ބޭފުޅެއް. މާފުދީ ދޫކޮށްލުމަށް ފަހުގައި އޭނައަށް ވެސް އަޅުގަނޑު ވަޒީފާ ދިނިން. މިގޮތަށް ހުންނާނެ ވަރަށް ގިނަ ބޭފުޅުންތަކަކަށް ]ވަޒީފާ[ ދީފައި. އެހެންވީމަ މި ހުރިހާ ބޭފުޅުންނަކީ އަޅުގަނޑުގެ އަންހެނުންގެ ބޭބެއިންނެއް ނޫން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ގައުމީ ޝިޕިން ލައިން، އެމްއެންއެސްގައި ވަރަށް ގިނަ ބޯޓުތަކެއް ހުރި ކަމަށާއި އެކަމަކު މަގާމުން ވަކިވެ ވަޑައިގެންނެވިއިރު އެ ބޯޓުތައް ނެތް ކަމަށާއި އެކަމުގެ ޒިންމާ އުފުއްލަވާނީ ކޮން ބޭފުޅެއްތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ދުނިޔޭގައި ޝިޕިން މާކެޓް އޮތީ ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައި ކަމަށާއި އޭގެ އަސަރު ރާއްޖެއަށް ވެސް ކުރީ ކަމަށެވެ. އެހެންވީމަ އެއީ ވަކި މީހެއްގެ އިހުމާލަކުން ނުވަތަ ސަރުކާރުން ކަންތައް ނުބަލާތީ ވީ ގޮތެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ހުކުރު ނަމާދަށް ވަޑައިގަންނަވާތަން ނުފެންނަ ކަމަށް މީހަކު ދެންނެވުމުން ރައީސް މައުމޫން މި އިންޓަވިއުގައި ވިދާޅުވީ ހުކުރު ނަމާދަށް ވަޑައިގަތުމުގެ ފުރުސަތު މިހާރު ވަރަށް ކުޑަވެފައިވާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ އެ މަނިކުފާނަށް ތާއީދު ކުރައްވާ ވަރަށް ގިނަ ރައްޔިތުންތަކެއް ތިބުމުން އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކު ސަލާމް ކުރަން އަތުވެދާނެ ކަމަށާއި އެއީ މާ ރަނގަޅު މަންޒަރަކަށް ނުވެ ހިނގައިދާނެ ކަމަށް ލަފާކުރެއްވޭތީ ކަމަށެވެ.
"ބައެއް މީހުން ދެކެފާނެ މިސާލަކަށް އަޅުގަނޑު މިސްކިތް ބޭނުންކުރަނީއޭ ސިޔާސީ ގޮތުން އަނެއްކާ ވެސް ތާއީދު ހޯދުމަށްޓަކައި. މިކަހަލަ ކަމަކަށް ދާކަށް އަޅުގަނޑު ބޭނުމެއް ނޫން. އެހެންވީމަ ވަރަށް ހިތާ ދެކޮޅަށް އަޅުގަނޑު މަޑުކޮށްލައިގެން މި ހުންނަނީ. މިހާރުގެ ހާލަތު އޮތް ގޮތުން އަޅުގަނޑު މިސްކިތް މިސްކިތަށް ގޮސް މި ދެންނެވި ކަހަލަ މަންޒަރުތައް ބަޔަކަށް ފެނިއްޖިއްޔާ ނުބައި މާނައެއް ކޮށްފާނެތީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލައްވަފާނަންތޯ އެކި ގޮތްގޮތުން ދެންނެވުމުން ވެސް ރައީސް މައުމޫން ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސީ މުސްތަގުބަލާ ބެހޭ ގޮތުން ގެންދަވަނީ ވިސްނަވަމުން ކަމަށެވެ. އަދި އެކަމަށް އެންމެ އެކަށީގެންވާ ވަގުތު އައުމުން އެކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާނެ ކަމަށެވެ. ކުރިއަށް އޮތް ޑީއާރުޕީގެ ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާގައި ޒައީމް ކަމަށް ނުވަތަ އެއްވެސް މަގާމަކަށް ކުރިމަތިލައްވަފާނަންތޯ ދެންނެވުމުން ވިދާޅުވީ "އަދި އަޅުގަނޑު ވަކި ގޮތެއް ނިންމާފައި ނެތް" ކަމަށެވެ.
އައިޑީޕީގެ ރައީސް އުމަރު ނަސީރު އިސްވެ ހުންނަވައިގެން އުފައްދާފައިވާ "އިހުތިޖާޖު" ޓީމާ ޑީއާރުޕީއާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ މެދު ސުވާލު ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ ޑީއާރުޕީއާ އިހުތިޖާޖު ގެންގުޅެނީ ވަރަށް ގިނަ ގޮތް ގޮތުން އެއް ހިޔާލެއް ކަމަށެވެ. އަދި ވިދާޅުވީ ދެ ބަޔަކީ ވެސް ވާދަކުރާ ބައެއް ނޫން ކަމަށާއި މަގުސަދަކީ އެއް މަގުސަދެއް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުގެ ކުއްޖަކު އިހުތިޖާޖުގެ ބައްދަލުވުމެއްގައި އިނުން އެއީ މައްސަލައެއް ނޫން. އަދި ޑީއާރުޕީގެ އެހެން ބޭފުޅަކު އިންނެވުމަކީ ވެސް މައްސަލައެއް ނޫން. ]އިހުތިޖާޖް[ ފެށިގެން އައިއިރު އަޅުގަނޑުމެންނާ ގުޅިގެން ބައެއް ޓީވީ ޕްރޮގްރާމްތައް ވެސް ހިންގިން. އެހެން ނަމަވެސް ބައެއް ކަހަލަ ކުދިކުދި ތަފާތު ހުރެގެން އެބައި އޭރު ހުއްޓާލީ. އެހަނަސް އިހުތިޖާޖާއި އަޅުގަނޑުމެންނަކީ އަޅުގަނޑު ދަންނަވާނީ އެއް ހިޔާލެއްގެ ބައެކޭ. އަޅުގަނޑު ވެސް އިހުތިޖާޖަށް ވަރަށް ހެޔޮ އެދެން. އިހުތިޖާޖުގެ ބޭފުޅުން ވެސް އަޅުގަނޑަށް ވަރަށް ހެޔޮ އެދިވަޑައިގަންނަވާ. ]އަޅުގަނޑުމެން[ ގުޅުން އެބައޮތް. އިއްޔެ ވެސް އެންމެ ކުޑަމިނުން ވެސް އަޅުގަނޑު އެ ބޭފުޅުންނާ ވާހަކަ ދައްކާ ހެދިން،" ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ